ޖޭއެސްސީގެ ބައްދަލުވުމެއް ކުރިޔަށްދަނީ
ޖޭއެސްސީގެ ބައްދަލުވުމެއް ކުރިޔަށްދަނީ
މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ފަތުހުﷲ ޖަމީލް މޫސާ 1 މަސް ދުވަހަށް ސަސްޕެންޑް ކޮށްފިއެވެ.

ޖޭއެސްސީން ބުނީ، ފަތުޙުالله އާ ގުޅޭގޮތުން ޖޭއެސްސީން ތަޙްޤީޤުކުރި މައްސަލަ ސާބިތުވާތީ، މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް 2025 އޮކްޓޫބަރު 22 ވަނަ ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނިކުތުން މަނާ ކުރުމަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ.

"އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ފަތުހުﷲ ޖަމީލް މޫސާގެ މި ޢަމަލަކީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 އަދި 6.4 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފު އަމަލެއް." ޖޭއެސްސީން ބުނެފައިވެއެވެ.

އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ފަތުޙުﷲ ޖަމީލް މޫސާ ސަސްޕެންޑް ކޮށްފައިވަނީ، 2025 އޮކްޓޫބަރު 22 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 37 ވަނަ ޖަލްސާގައި ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

ފަތުހުﷲ ޖަމީލްގެ މައްސަލައެއް ޖޭއެސްސީން 2023 ވަނަ އަހަރުވެސް ބެލިއެވެ. އެއީ ޖިނާއީ އިޖުރާތުގެ ގާނޫނާ ހިލާފުވެފައިވާކަމަށް ބުނެ އެ ކޮމިޝަނަށް އޭރު ހުށަހެޅި ސުލޫކީ މައްސަލައެކެވެ.



ކިޔުންތެރިންގެ ހިޔާލު