ފޮރިން މިނިސްޓަރ-
ފޮރިން މިނިސްޓަރ-
ފަލަސްތީނުގެ ހުޅަނގު އައްސޭރީ (ވެސްޓް ބޭންކު)ގެ މައްޗަށް އިސްރާއީލްގެ ސިޔާދަތީ ބާރު ގާއިމުކުރުމަށް އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރަން މަސައްކަތް ފަށައިފައިވާ ގާނޫނުތަކުގެ މަގުސަދަކީ ސުލްހައިގެ އުންމީދަށް ބުރޫ އެރުވުންކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މިހެން ބުނެފައިވަނީ އިސްރާއީލުގެ ސަރުކާރުގެ ފަރާތުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި އެ ބިލަށް އިބްތިދާއީ ހުއްދަ ދިނުމަށް ގާނޫނު ހަދާ މަޖިލީހުން ނިންމުމާ ގުޅިގެން އެކަން ކުށްވެރިކުރަމުން ނެރުނު ބަޔާނެއްގައެވެ.

އެގޮތުން ބަޔާނުގައި ބުނީ އެ ގާނޫނުތަކުގެ މަގުސަދަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް އިސްރާއީކުން ހިފާފައިވާ ހުޅަނގު އައްސޭރީގެ މައްޗަށް ސިޔާސީ ބާރު ހިންގުމާއި، ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ހުޅަނގު އައްސޭރީގައި ވަޒަންވެރިފައިވާ އިސްރާއީލުގެ މީހުންގެ ސިޔާދަތު ގާއިމުކުރުން ކަމަށެވެ.

މިއީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމެއްގެ އިތުރުން، ނުރައްކާތެރި އަދި ހައްދުފަހަނައަޅައި ދިއުމުގެ އަމަލެއް ކަމުގައި ރާއްޖެއިން ވަނީ ސިފަކުރައްވާފައެވެ.

އިސްރާއީލުގެ ގާނޫނާހަދާ މަޖިލީހުގެ އެ ނިންމުމުގެ ސަބަބުން އެ ސަރަހައްދުން ހަމަޖެހުން ގާއިމުކޮށް، ސުލްހަމަސަލަސްކަން ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތަށާއި އެ މަސައްކަތުގެ އުންމީދުތަކަށް ބުރޫއަރާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންވެ ރާއްޖެއިން ގޮވާލަނީ އިސްރާއީލުގެ އެެ އަމަލު ހުއްޓާލުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށްކަމަށް ބަޔާނުގައި ވެއެވެ.

އަދި އިސްރާއީލުން ފަލަސްތީނުގައި ހިންގާފައިވާ ގާނޫނާ ހިލާފު ހުރިހައި ކަންކަމަށް އެ ގައުމު ޖަވާބުދާރީކުރުވައި ޒިންމާކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ނިމުމެއް ގެނެވެން އޮތީ 1967 ވަނަ އަހަރުގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަން ކުރާ ރަށް ކަމަށް ކަނޑައަޅައި، އިސްރާއީލުގެ އަތްދަށުން ފަލަސްތީނު މިނިވަންކޮށް، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ގައުމަކަށް ހަދައިގެންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު