ޕަލަސްތީނުގެ ރައީސް މަހްމޫދް އައްބާސް އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް-
ޕަލަސްތީނުގެ ރައީސް މަހްމޫދް އައްބާސް އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް-
ހުޅަނގު އައްސޭރީގެ ބިމަށް އިސްރާއީލު ވެރިވެގެންފިނަމަ، އެމެރިކާއިން އިސްރާއީލަށް ދެމުން އަންނަ ހުރިހާ ތާއީދެއް ގެއްލޭނޭ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދިނުމުން ފަލަސްތީނު ސަރުކާރުން އެކަމަށް މަރްހަބާ ކިޔައިފިއެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ތަރުޖަމާނު ވަނީ ޓްރަމްޕްގެ އިންޒާރަށް މަރްހަބާ ކިޔުމަށްފަހު، މެދުއިރުމަތީގެ ސަލާމަތާއި ހަމަޖެހުމަށް އަދިވެސް އިތުރު ފިޔަވަޅުތަކެއް އަޅުއްވައި ދެއްވުމަށް ގޮވާލައްވާފައެވެ.

އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ދެބިލުގައި، ހިފާފައިވާ ހުޅަނގު އައްސޭރިއަށް ވެރިވެގަތުމުގެ އިތުރުން، ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ހަދަމުންދާ އިތުރު ބިންތަކަކީ އިސްރާއީލުގެ ތަރިކަ ބިންތަކުގެ ގޮތުގައި ހެދުމަށް ވަނީ ހުށަހަޅާފައެވެ.

މިކަމާ ގުޅިގެން ދިން އިންޓަވިއުއެއްގައި ޓްރަމްޕު ބުނީ އިސްރާއީލުގެ ޕާލަމެންޓުން ފާސްކުރިޔަސް، ހުޅަނގު އައްސޭރި އިސްރާއީލުގެ ތަނަކަށް ނުހެދޭނޭ ކަމަށެވެ. އަދި އެއާ ޚިލާފަށް އިސްރާއީލުން ކަންތައް ކޮށްފިނަމަ އެމެރިކާއިން އިސްރާއީލަށް ދެމުން އަންނަ ހުރިހާ ތާއީދެއް ގެއްލޭނޭކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދީފައެވެ.

މަޖިލީހުގެ ނިންމުމާ ގުޅިގެން ޕްރެޝަރު ބޮޑުވާން ފެށުމުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހުޅަނގު އައްސޭރި އިސްރާއީލުގެ ބަޔަކަށް ހެދުމަށް މިވަގުތަކީ ރަނގަޅު ވަގުތެއް ނޫން ކަމަށް ބުނެފައެވެ. އަދި މަޖިލީހުގެ ނިންމުމަކޯ އޭނާއާައި، އޭނާގެ ލިކޫދް ޕާޓީގެ ކަމެއް ނޫން ކަމަށާއި، މިއީ އިދިކޮޅު ފަރާތްތަކުން ރާވައިގެން އޭނާގެ މަސައްކަތަށް ހުރަސްއަޅަން ފާސްކުރި ކުރުމެއް ކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.

ނަތަންޔާހޫ މިހެން ބުނި ނަމަވެސް، އިސްރާއީލުގައި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ދުރު ކަނާތުފިޔައިގެ ހުރިހާ ޕާޓީތަކުންވެސް ނަތަންޔާހޫއާއެކު ކޯލިޝަން ހެދީ، ހުޅަނގު އައްސޭރިއަށް ވެރިގަތުމަށް ވައުދުވެގެންނެވެ. ނަތަންޔާހޫގެ ކެބިނެޓް އެތައް މެމްބަރުންވެސް އެކަން ކުރުމަށް ގަދައަޅަމުން ގެންދެއެވެ.



ކިޔުންތެރިންގެ ހިޔާލު