އައްޑޫގެ އިދާރީ ހިންގުން ރޫޅިގެން ދިއުމަކީ ލިބުނު ދެރައެއް ކަމަށާއި ހުޅުދުއާއި މީދޫ ސިޓީ ކައުންސިލްގެ ދަށުން ވަކިވާން ނިންމިޔަސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ އިދާރީ ހިންގުމަށް ބަދަލުތަކެއް އައުމާ ގުޅިގެން، ސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ ހިތާމަ ފާޅުކުރައްވާފައެވެ. ނަމަވެސް، ހުޅުދޫއާއި މީދޫގެ ރައްޔިތުން ސިޓީ ކައުންސިލްގެ ދަށުން ވަކިވުމަށް ނިންމި ނިންމުމަށް އިޙްތިރާމްކޮށް، އެރަށްތަކުގެ ރައްޔިތުންނަށް އެއްވެސް ތަފާތުކުރުމެއް ނޯންނާނެކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ. މީގެ އިތުރުން ފޭދޫ ރައްޔިތުން ސިޓީގައި ދެމިތިބުމަށް ނިންމި ނިންމުމަށް މޭޔަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އައްޑޫ ހުޅުދޫ، އައްޑޫ މީދޫ އަދި އައްޑޫ ފޭދޫގެ އިދާރީ ހިންގުން އޮންނާނެ ގޮތަކާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި މި ވޯޓުގައި ހުޅުދޫއާއި މީދޫން ވަނީ ސިޓީ ކައުންސިލްގެ ދަށުން ވަކިވެ، ވަކި ކައުންސިލްތަކެއް ހިންގުމަށް ނިންމާފައެވެ. ނަމަވެސް ފޭދޫން ނިންމީ ސިޓީ ކައުންސިލްގެ ދަށުގައި ދެމިތިބުމަށެވެ.

މޭޔަރު ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީގެ އިދާރީ ހިންގުން މިހެން ރޫޅިގެން ދިއުމަކީ އޭނާއަށް ލިބުނު ހިތްދަތި ކަމެއް ކަމަށާއި، މިއީ ދެކެން ބޭނުންވި ހާލަތެއް ނޫން ކަމަށެވެ. އެހެންނަމަވެސް، ހުޅުދޫއާއި މީދޫގެ ލޮބުވެތި ރައްޔިތުންގެ ނިންމުމަށް އިޚްތިރާމް ކުރައްވާކަމަށާއި، އެ ނިންމުމަށް މަރުހަބާ ދަންނަވާކަމަށް އޭނާ ވިދާޅުވިއެވެ. ހުޅުދޫ އަދި މީދޫގެ އިދާރީ ވަކިވުމަކީ އެރައްޔިތުންގެ ޒަމާންވީ އުދާސްތަކަކަށް ނިމުން ގެނުވާނެ ނިންމުމެއްކަމަށް އުއްމީދު ކުރައްވާކަމަށްވެސް މޭޔަރުގެ ޕޯސްޓުގައިވެއެވެ.

އައްޑޫ ފޭދޫ ރައްޔިތުންގެ ހަރުދަނާ އަދި ދުރުވިސްނޭ ނިންމުމަށް މޭޔަރު ވަނީ އޭނާގެ ހިތުގެ އެންމެ ފުންމިނުން މަރުހަބާ ވިދާޅުވެ ޝުކުރު އަދާކުރައްވާފައެވެ. ފޭދޫ ރައްޔިތުން އައްޑޫ ސިޓީގައި ދެމިތިބުމަށް ނިންމި ނިންމުމަކީ މި އަތޮޅުގެ ތަރައްގީއާއި ކުރިއެރުން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވި އަދި އުއްމީދު ކުރެވުނު މުހިންމު ނިންމެވުމެއްކަމަށް މޭޔަރު ސިފަކުރެއްވިއެވެ. ސިޓީގައި ދެމިތިބުމަށް، ސިޔާސީ ފިކުރުން އެއްކިބާވެ ފޭދޫ ރައްޔިތުންގެ ތެރެއިން މަސައްކަތްކޮށްދެއްވި އެއްމެހާ ބޭފުޅުންނަށް މޭޔަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހުޅުދޫ އަދި މީދޫގެ އިދާރީ ވަކިވުމަކީ އެރައްޔިތުންނާއި އައްޑޫގެ އެހެން ރަށްތަކާއި ދޭތެރޭގައި ދެމިއޮތް ޒަމާންވީ އެކުވެރިކަމާއި އަޚްވަންތަކަމަށް އެއްވެސް ބަދަލެއް އަންނަން ޖެހޭ ސަބަބެއްނޫންކަމަށް މޭޔަރު ނިޒާރު ވަނީ ވިދާޅުވެފައެވެ. މޭޔަރު ވަނީ ކުރިޔަށްވުރެ ގަދަކޮށް އައްޑޫގެ ތަރައްގީއަށް މުޅި އައްޑޫ އެއްކޮށް ނިކުމެ އަތުގުޅާލުމަށް އެދިވަޑައިގެންފައެވެ. އަދި ފިތުނަވެރި ބަހުސްތަކުން އެއްކިބާވެ އެކުވެރިކަމާއި އެކު ކުރިއަށް ދިއުމަށް މޭޔަރު ގޮވާލެއްވިއެވެ.

މޭޔަރު ނިޒާރު ވަނީ އައްޑޫ މީދޫ އަދި އައްޑޫ ހުޅުދޫ ރައްޔިތުންނާއި ދޭތެރޭ އެއްވެސް ތަފާތެއް ނުކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ހުރިހާ ރައްޔިތުންވެސް ގުޅިގެން އެކުވެރިކަމާއި އެކު، ކުރިންވެސް ކުރިހެން، ތަރައްގީ ލިބިގަތުމަށް މަސައްކަތް ކުރިއަށް ގެންގޮސްދެއްވުމަށް މޭޔަރު އެދިވަޑައިގެންނެވިއެވެ.

އައްޑޫ ސިޓީގައި ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު