އިސްރާއީލުން އެއް ހަމަލާ ދިނީ ލުބްނާނުގެ ކާރަކަށް އަމާޒުކޮށް-
އިސްރާއީލުން އެއް ހަމަލާ ދިނީ ލުބްނާނުގެ ކާރަކަށް އަމާޒުކޮށް-
ލުބްނާނުގެ ދެކުނަށް އިޒްރޭލުން ދިން ހަމަލާތަކެއްގައި ދެ މީހަކު ޝަހީދުވެ، އިތުރު މީހަކަށް ޒަޚަމުވެފައިވާކަމަށް ލުބްނާނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

ހަމަލާތައް ދީފައި ވަނީ ލުބްނާނުގެ ދެ ސަރަހައްދަކަށެވެ. އެއް ހަމަލާ ދީފައި ވަނީ ނަބަތީޔާ ޑިސްޓްރިކްޓްގެ ހާރޫފްގައި އޮތް ކާރަކަށެވެ. އަނެއް ހަމަލާ ދިނީ ޓައިރް ޑިސްޓްރިކްޓްގެ ޤުލައިލާގައި ސައިކަލެއްގައި ދިޔަ މީހަކަށެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނީ މި ދެ ހަމަލާގައިވެސް ޝަހީދުވީ ކުށެއް ނެތް އާންމު ރައްޔިތުން ކަމަށެވެ.

ނަމަވެސް އިޒްރޭލުން ބުނެފައި ވަނީ އެމީހުން ޝަހީދުކޮށްލީ ޙިޒްބުﷲ ޖަމާއަތުގެ އެންޓި-ޓޭންކް ކޮމާންޑަރެއް ކަމަށްވާ ޒައިން އަލް-އާބިދީން ޙުސައިން ފާތޫނީ ކަމަށެވެ.

މި ހަމަލާތައް ދީފައި މިވަނީ އިޒްރޭލާއި ޙިޒްބުﷲ އާ ދެމެދު ހަމަލާތައް ދިނުން ހުއްޓާލުމަށް ނޮވެމްބަރު 2024 ގައި އެއްބަސްވެފައި ވަނިކޮށެވެ. މީގެ ސަބަބުން މި ސަރަޙައްދުގައި ހަމަނުޖެހުން އަލުން އުފެދުމުގެ ބިރު ބޮޑުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.

މި އެއްބަސްވުމުގައި އިޒްރޭލުގެ ސިފައިން ފަހަތަށް ޖެހުމަށާއި، ޙިޒްބުﷲ ވެސް ފަހަތަށް ޖެހުމަށް ޝަރުތު ކޮށްފައި ވިޔަސް، ދެ ފަރާތުން ވެސް އަދިވެސް ޙަމަލާތައް ދިނުމުގައި ހަރަކާތްތެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއްބަސްވުމަށް ފަހު ވެސް އިޒްރޭލުން ވަނީ އެކި ދުވަސް މަތިން ލުބްނާނަށް ގިނަ އަދަދެއްގެ ބޮން އަޅާފައެވެ. އެގޮތުން އާންމު ރައްޔިތުން ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު