ޕީޖީ އައްބާސް ޝަރީފް
ޕީޖީ އައްބާސް ޝަރީފް
ޕްރޮސިކިއުޓަރ ޖެނެރަލް، ޕީޖީގެ އިރުޝާދު ނުހޯދައި ޖިނާއީ މައްސަލަތަކުގެ ލިޔުންތަކުގެ އަސްލު ނައްތާ ނުލުމަށް ފުލުހުންނަށް އަންގައިފިއެވެ.

ޕީޖީ އޮފީހުން މިފަދަ އެންގުމެއް ފުލުހުންނަށް އަންގާފައިވާއިރު، ޖިނާއީ މައްސަލަތަކުގައި ދަޢުވާ ނުކުރެވޭނެކަމަށް ޕީޖީ ނިންމައިފިނަމަ، މައްސަލައާ ގުޅިގެން ފުލުހުންނަށް ހުށައަޅާފައިވާ ލިޔުންތައް 1 އަހަރު ފަހުން ނައްތައިލެވިދާނެ ގޮތަށް ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު މިމަހުގެ 23 ވަނަ ދުވަހު ވަނީ އިސްލާޙު ކޮށްފިއެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުގައި، ދަޢުވާ ނުކުރެވޭނެ ކަމަށް ޕީޖީ އޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް، އެ ނިންމުން ނިންމާ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރު ތެރޭގައި ނައްތާލެވިދާނެ ޙާލަތްތަކެއް އަދި އިޖުރާއަތްތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް، ޕީޖީ އޮފީހުން ޖިނާއީ ދަޢުވާ ނުކުރެވޭނެ ކަމަށް ނިންމާ މައްސަލަތަކުގެ ލިޔެކިއުންތަކުގެ އަސްލު، ޖިނާއީ އެހެން ދަޢުވާތަކާ ގުޅިގެން ބޭނުން ކުރަންޖެހޭ ޙާލަތްތަކެއް ޤާނޫނުގައި ބަޔާންކޮށްފައިވާކަން ޕީޖީން ފާހަގަ ކޮށްފައިވެއެވެ. އެހެންކަމުން އެކަންކަމަށް ރިޢާޔަތްކޮށް، ދަޢުވާ ނުކުރެވޭނެ ކަމަށް ޕީޖީއޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް ރައްކާތެރިކުރުމާއި، ނައްތާލުމާ ގުޅޭ އިރުޝާދެއް ތަޙުޤީޤީ އިދާރާތަކަށް ފޮނުވުމަށްޓަކައި ޕީ އޮފީހުން އެކުލަވާލަމުންދާ ކަމަށް އެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

"އެ އިރުޝާދު އެކުލަވާލައި ދިވެހި ފުލުހުންގެ ޚިދުމަތާ ޙިއްޞާކުރެވެންދެން، މި އޮފީހުގެ ލަފާ ލިޔުމުން ހޯދައިގެން މެނުވީ ޖިނާއީ އެއްވެސް މައްސަލައެއްގެ ލިޔެކިއުންތަކުގެ އަސްލު ނައްތާނުލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި މިއަދު ވާނީ ދަންނަވާފައެވެ." ޕީޖީން ބުނެފައިވެއެވެ.

ޕީޖީން މިގޮތަށް ފުލުހުންނަށް އަންގާފައިވާއިރު، ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދަށް ގެނެސްފައިވާ އިސްލާހުގައިވަނީ، ޖިނާއީ މައްސަލައެއްގައި ދަޢުވާ ނުކުރެވޭނެ ކަމަށް ޕްރޮސކިއުޓަރ ޖެނެރަލް ނިންމައިފިނަމަ، އެ ނިންމުން ނިންމި ތާރީޚުން ފެށިގެން 1 އަހަރުދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމަށް، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމިދާނެ ކަމަށެވެ.

ހަމައެއާއެކު ތަޙުޤީޤު ނިމިފައިވާ ޖިނާއީ މައްސަލައެއްގައި، އެ މައްސަލައަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭ އަދި އެ މައްސަލައިގައި ދަޢުވާ އުފުލޭނެ މިންވަރަށް ހެކި ލިބިފައިވާ މައްސަލައަކަށް ނުވާނަމަ، އެ މައްސަލައިގެ ބާވަތަށާއި ވަށައިގެންވާ ކަންކަމަށް ރިއާޔަތްކުރާއިރު، އެފަދަ ހެއްކެއް އަލުން ލިބިދާނެކަމަށް ނުބެލެވޭކަމަށް އެ މައްސަލައެއް ތަޙުޤީޤުކުރި ފަރާތާއި އެ ފަރާތުގެ ސުޕަވައިޒަރަށް ޤަބޫލުކުރެވޭކަން ބަޔާންކޮށް ލިޔުމުންކުރާ އެންޑޯޒްމަންޓަކަށް ބިނާކޮށް، އެ ސަބަބުގެ މައްޗަށް ރިއާޔަތްކޮށް، އެ މައްސަލައެއް ފައިލްކުރެވުނު ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމަށް، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމިދާނެކަމަށްވެސް އިސްލާހުގައިވެއެވެ.

ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދުގައި ލިޔެކިޔުން ނައްތައިލެވޭނެ ހާލަތެއް މީގެކުރިން ބަޔާންކޮށްފައި ނުވިނަމަވެސް ޖިނާއީ ބޮޑު ކުށެއް ނުވަތަ ޖިނާއަތުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތަކުގެ ލިޔުންތައް 8 އަހަރު ދުވަސް ވަންދެން ބަލަހައްޓަން ޖެހެއެވެ. އަދި ޖުނަޙުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތައް 3 އަހަރު ދުވަހަށް ބަލަހައްޓަން ޖެހޭއިރު، ދަޢުވާކުރަން ފޮނުވާފައިވާ މައްސަލައެއްނަމަ، ޝަރީޢަތުން ގޮތެއް ނިމެންދެން ނުވަތަ އިސްތިއުނާފުގެ މަރުޙަލާތައް ނިމެންދެން ބަލަހައްޓަން ޖެހެއެވެ.

މި ގަވާއިދަށް ގެނައި އިސްލާހުތަކަށް ޢަމަލުކުރަން ފަށާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް