އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އަހަރަކު 100 މިލިއަން ރުފިޔާ ވަންނަ ފަންޑަކަށް އިސްލާމީ ވަޤުފް ފަންޑު ހެދުމަކީ އަމާޒެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ، ދާރުލްއަރުޤަމް ވަޤުފް އިމާރާތުގެ މަސައްކަތް އާރުއާރުސީއާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އަހަރަކު 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަންނަ ފަންޑަކަށް އިސްލާމީ ވަޤުފް ފަންޑު ހެދުން ކަމަށެވެ.

އަދި ވަޤުފް މަޝްރޫޢުތަކަކީ އިސްލާމީ ޙަޟާރަތުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ މަޝްރޫޢުތަކެއްކަން ފާހަގަ ކުރަށްވަމުން ވަޒީރު ވިދާޅުވީ، އިސްލާމީ ޙަޟާރާތް އެކި ޒަމާންތަކުގައި ކުރިއަރާ ދިއުމަށް ވަޤުފް މަޝްރޫޢުތައް އަދާކޮށްފައިވާ ދައުރު އިސްލާމީ ތާރީޚުން ފެންނަން އެބަ އޮތް ކަމަށެވެ.

"ދިވެހިރާއްޖެއަށް މިއަދު މިވަނީ އައުޤާފްތަކުގެ ބޭނުން ނުހަނު ބޮޑަށް ޖެހިފައި. މިކަމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ވަޤުފް މަޝްރޫޢުތަކަށް ފުޅާ ޖާގައެއް ދެއްވާފައިވޭ. މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެެ އެކިކަންކޮޅުތަކުގައި ވަޤުފް މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައި." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޝަހީމް ވިދާޅުވީ، މިއަދު ސޮއިކުރި މަޝްރޫޢުއަކީ ދިވެހިރާއްޖޭގެ އިސްލާމީ ޚިދުމަތަށް މުހިއްމު ދައުރެއް އަދާކުރާނެ މަޝްރޫޢުއަކަށް ވެގެންދާނެ ކަމަށެވެ. އަދި ވަޤުފް ޢިމާރާތުން ލިބޭ ނަފާގެ ވަކި އިންސައްތައެއް ޒަކާތު ފަންޑަށް އަދި ވަކި އިންސައްތައެއް އިސްލާމީ ވަޤުފް ފަންޑަށް ޖަމާކުރެވިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އަތޮޅު/ސިޓީ ވަޤުފް މަޝްރޫޢުތަކުގެ މަޤުސަދަކީ އެ އަތޮޅުތަކާއި ސަރަހައްދުގައި ހުރި އިސްލާމީ ކަންތައްތަކަށް އެ މަޝްރޫޢުތަކުން ޚަރަދުކުރުން ކަމަށާއި، ރާއްޖޭގެ އެކިކަންކޮޅުތަކުން މިކަމަށް ނުހަނު ބޮޑަށް ބޭނުން ޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު މަސައްކަތްކުރަމުން ދަނީ ވަޤުފާއި ބެހޭ ޤާނޫނެއް ވުޖޫދު ކުރުމަށް ކަމަށާއި، މި ޤާނޫނު ފަރުމާ ކުރެވިގެންދާނީ ސަރުކާރުގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް ވަޤުފް އިމާރާތްތައް ބިނާ ކުރެވޭނެ ގޮތަށް ކަމަށް މިއަދުގެ ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވިއެވެ.

"ވަޤުފެއް ބިނާކުރުން، ނުވަތަ ވަޤުފް އުފެއްދުމަކީ އިސްލާމްދީނުގައި ނުހަނު ބޮޑަށް ބާރު އަޅުއްވާފައވާކަމެއް، އިސްލާމީ ޙަޟާރާތް ކުރިއެރުވުމަށާއި ޢިލްމާއި ތަޢުލީމު ފޯރުކޮށްދިނުމާއި ދީން ކުރިއެރުވުމުގައި އަދި އިސްލާމީ އުއްމަތް ބިނާ ކުރުމުގެ ދައުރު އިސްލާމީ ތާރީޚުގައި ރަންއަކުރުން ވަނީ ލިޔެވިފައި." ވަޒީރު ފާހަގަ ކުރެއްވިއެވެ.

އަހަރަކު 100 މިލިއަން ރުފިޔާ ވަންނަ ފަންޑަކަށް އިސްލާމީ ވަޤުފް ފަންޑު ހެދުމަކީ އަމާޒެއް ކަމަށް ވަޒީރު ވިދާޅުވެފައިވާއިރު، 12 ބުރިއަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުޤަމް ވަޤުފް އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ ޢިމާރާތެކެވެ.

540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 39،462،545.08 ރުފިޔާއެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފަންޑު ކުރާ މަޝްރޫޢުއެކެވެ.

މި އިމާރާތުން އަހަރަކު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭއިރު އާމްދަނީގެ 20 އިންސަައްތަ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް އަދި އާމްދަނީގެ 80 އިންސައްތަ އިސްލާމިކް ވަޤުފް ފަންޑަށް ޖަމާކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު