ޅ. ނައިފަރުގައި 800 ހައުސިން ޔުނިޓް އަޅުއްވައިދެއްވާނެ ކަމަށް ރައީސް މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ނައިފަރުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، އާބާދީގެ ގޮތުން ތޮއްޖެހިފައިވާ ރަށްރަށާއި މާލެ ސިޓީ ފަދަ މުހިންމު ރަށްރަށުގައި އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި، ނައިފަރަށް ދިމާވެފައިވާ މި މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.

ރައީސް މުޢިއްޒު ނައިފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބުގައި އެރަށަށް 400 ހައުސިންގ ޔުނިޓް އަޅައިދިނުމުގެ ވައުދުވެ ވަޑައިގެންނެވިކަން ފާހަގަކުރެއްވިއެވެ. އެ ވައުދު ފުއްދުމުގެ ގޮތުން، މިރޭ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ 300 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ހަވާލުކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރަށް، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިތުރު 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތްވެސް ބަޔަކާ ހަވާލުކުރެވި، ޖުމްލަ 400 ހައުސިންގ ޔުނިޓްގެ މަސައްކަތް ނައިފަރުގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި 400 ހައުސިންގ ޔުނިޓްގެ އިތުރަށް، ރައީސް މުޢިއްޒު ވަނީ އިތުރު ހަތަރުސަތޭކަ ހައުސިންގ ޔުނިޓްގެ މަސައްކަތް ފެށުމުގެ ޕްލޭންވެސް ހާމަކުރައްވާފައެވެ. އެގޮތުން، އަންނަ އަހަރު ދޫކޮށް ދެން އަންނަ އަހަރު (2027) ގެ ތެރޭގައި އިތުރު 400 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިހެންވުމުން، މި ދައުރުގެ ތެރޭގައި ނައިފަރުގައި ޖުމްލަ 800 ހައުސިންގ ޔުނިޓްގެ މަސައްކަތް ފެށޭނެއެވެ.

ޔުނިޓްތައް ނިމޭނެ ކަމަށް އުންމީދުކުރައްވާ ގޮތާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، 800 ޔުނިޓުގެ ތެރެއިން ދެބައިކުޅައެއްބައި ނިމޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެއީ، މިފަދަ ބޮޑު ޕްރޮޖެކްޓެއް ނިންމަން ދެ އަހަރާއި ބައި ނުވަތަ ދެ އަހަރެއްހާ ދުވަސް ނަގާތީ، މި ދައުރުގެ ބާކީ އޮތް ތިން އަހަރުގެ ތެރޭގައި މަސައްކަތްތައް ހިނގަމުންދާއިރު، ބޮޑު ބައެއް ނިމޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. ރައީސް ވިދާޅުވީ، ނައިފަރުގެ އާބާދީ 6،000 އާއި 7،000 އާ ދެމެދުގައި ހުރުމުން އެ ރައްޔިތުންގެ އެންމެ މުހިންމު ބޭނުމަކީ ގެދޮރުގެ މައްސަލަ ކަމަށެވެ. އެހެންކަމުން، މި ޕްރޮޖެކްޓަކީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަށް މުހިންމު ހައްލެއް ގެނެސްދޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު