ގައުމުގެ މިހާރުގެ ހާލަތު ބަދަލުކުރުމަށް ވެރިކަން ބޭނުންފުޅުވާކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް، މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ، ހއ. ދިއްދޫގައި ބޭއްވި "ތިލަ އުތުރު އެވޯޑު" ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ހައްގުތަކާއި، ގައުމުގެ މަސްލަހަތު ގެއްލިގެންދާ ހާލަތްތަކުގައި އަޑު އުފުއްލެވުމުގެ މުހިއްމުކަމަށެވެ. ރައީސް ޔާމިން ވިދާޅުވީ، ވަޢުދުވެފައި ހުންނަ ކަންތައްތައް ނުފުދި، ރައްޔިތުންނަށް އެކަމުގެ ތަކުލީފުތަކެއް އުފުލަންޖެހި، މުއައްސަސާތައް ޒިންމާދާރުނުވެ، ދޭންޖެހޭ ޚިދުމަތްތައް ނުދެވޭ ކަމަށްވަންޏާ، އެވާހަކަ އެމަނިކުފާނު ދައްކަވާނެ ކަމަށެވެ.

"ދެން ފަހަރުގައި ހިތަށް އަރާފައި ވާނެ ކަންނޭނގެ މީނާ ހަމައެކަނި މިކަން މި ކުރަނީ މި ވެރިކަން ބޭނުމަށް. ކާކު ވެރިކަން ބޭނުން ނުވަނީ؟ މީހެއްގެ އުންމީދެއް ހުރެގެން މީހަކަށް ތިބެން މި ޤައުމަށް ޚިދުމަތް ކުރެވިދާނެ އެ ފެންވަރުގައި މީހުން އެ ކުރަނީ ވެރިކަން ކުރަންވެގެން ކުރަނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ވެރިކަން ކުރުމަށް އެދުމަކީ އައިބު ކަމެއް ނޫންކަން ހާމަކުރައްވާފައެވެ. ވެރިކަމަށް އައުމުން ކަންކަން ރަނގަޅުކޮށް، ކޮންމެ މީހެއްގެ ވިސްނުމާއި ފަލްސަފާ ރައްޔިތުންނަށް ދެއްކިގެން، އެ ޚިދުމަތްތައް ދެވޭނެ ކަމަށް ޔާމިން ވިދާޅުވިއެވެ. އެހެންކަމުން، ވެރިކަމަށް އެދުމަކީ ނާތަހުޒީބު ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއްވެސް މީހަކު ނޫޅޭ ދެއްތޯ ލިއްލާހިއަށް ޓަކައި އުޅޭ މީހެއް. ހަމަ ކޮންމެ މީހަކު ވެސް އުޅުން ކޮންމެވެސް ބޭނުމެއް ބޭނުންވެގެން ދެއްތޯ؟" އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.

ނަމަވެސް، ވެރިކަމަށް އެދެނީ އަމިއްލަ މުހުތާދުތައް ފުއްދުމަށް ނުވަތަ މާލީ މަންފާއެއް ހޯދުމަށް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

"މިއިން އެއްވެސް ކަހަލަ ކަމެއް އަޅުގަނޑެއް ބޭނުމެއް ނުވާނެ. އެކަމަކު އަޅުގަނޑު ބޭނުންވޭ ދިވެހިރާއްޖޭގެ ހާލަތު ބަދަލުކުރަން،" ރައީސް ޔާމިން ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ރިޔާސީ ދައުރު (2013-2018) ފާހަގަކުރައްވަމުން ޔާމިން ވިދާޅުވީ، އެ ދުވަސްވަރަކީ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އެކި ދާއިރާތަކަށް ފާގަތި ފަސް އަހަރު ކަމަށެވެ. ވޯލްޑް ބޭންކާއި އައި.އެމް.އެފް ފަދަ ބައިނަލްއަގުވާމީ މުއައްސަސާތަކުން ވެސް އެކަން ސިފަކޮށްފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުންގެ ތިޔާގި ކަމެއް، ޖީބުގެ ފުންމިނެއް ދޮގެއް ނަހަދާ. 2013 އިން 2018 އަށް ޝައްކެއްވެސް ނެތް ގޮތުގަ ތިޔާގައި ފާގަތި ފަސް އަހަރު ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި ރާއްޖޭގެ އެކި ދާއިރާގެ ތަރައްޤީ ހަމަ އެތައް ބަޔަކު އަޅާކިޔާފައި ހުރިކަން ވޯލްޑް ބޭންކަށް ބެއްޔަސް އައިއެމްއެފް ބެއްޔަސް އަދި އެހެން ބަޔަކަށް އަޅާ ކިޔާފައި ހުރި ތަންތަން ދެއްތޯ ނެތް އެ ވާހަކަތަކެއް އަޅުގަނޑެއް ނޫން ކަން ނޭނގެ ދައްކާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް، އެއާ ޚިލާފަށް މިހާރު ފެނިގެން މިދަނީ ވަރަށް ދެރަ ހާލަތެއް ކަމަށް ޔާމީން ސިފަކުރެއްވިއެވެ. އަދި މިހާރު ފެނިގެންދަނީ ރައްޔިތުން ލަދުގަންނަންޖެހޭ ކަންކަން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، ކަމަކަށް ނުކުންނަ މީހަކު ޝަރުތު ފުރިހަމަވޭތޯ ބަލަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވެރިކަމަށް އެދެނީ މި ފަސްޖެހިފައި ހުރި ކަންތައްތައް ރަނގަޅުކޮށް، ގައުމުގެ ހާލަތު ބަދަލުކުރުމަށް ކަމަށް ޔާމީން ވިދާޅުވިއެވެ. މިރޭގެ ޖަލްސާގައި ރައީސް ޔާމިން ވަނީ އެކި ދާއިރާތަކުން ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ގާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު