ރާއްޖޭގެ ހޮސްޕިޓަލުތަކުން ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގެ ސިއްހީ ޚިދުމަތް ލިބޭނެ ގޮތް ހަދައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ޅ. ނައިފަރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ހޮސްޕިޓަލުތަކުން ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގެ ސިއްހީ ޚިދުމަތް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ، ސިއްހީ ދާއިރާއަކީ މި އަންނަ ބަޖެޓުގައި އެންމެ އިސްކަންދެވޭނެ އެއް ދާއިރާ ކަމަށާއި، މީގެ ސަބަބުން ރައްޔިތުން ރާއްޖެއިން ބޭރަށް ފަރުވާއަށް ދާންޖެހުން މަދުވެ، ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުން ސިއްހީ ދާއިރާގެ ދެ ފަރާތަށް ވެސް އިންވެސްޓް ކުރަމުންދާ ކަމަށެވެ. އެގޮތުން ބަލިތަކުން ރައްޔިތުން ދުރުކުރުމުގެ މަސައްކަތާއި، ބަލި ޖެހުނީމަ އެންމެ ރަނގަޅު ފަރުވާ ދިނުމަށް ސަރުކާރުން އަހަންމިއްޔަތުކަން ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ދެ ދާއިރާއަށް ވެސް ސަރުކާރުން މިއަންނަ އަހަރު އިންވެސްޓް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، މިހާރު ރާއްޖެއިން ބޭރަށް ފަރުވާއަށް ދިއުމަކީ ވަރަށް ދަތި ކަމެކެވެ. އާސަންދައިގެ ދަށުންނާއި އަމިއްލަ ޚަރަދުގައި ވެސް ފަރުވާއަށް ބޭރަށް ދާންޖެހުމަކީ ރައްޔިތުންނަށް ދިމާވާ ބޮޑު މާލީ ބުރައެއް ކަމަށާއި، މި ހާލަތު ބަދަލުކުރުމަކީ ސަރުކާރުގެ އެންމެ އިސް އެއް މަޤްޞަދު ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގައި، މާލޭގައި އަދި އެކި އަތޮޅުތަކުގައި އެކި ހޮސްޕިޓަލުތަކުގައި ތިބެގެން އެންމެ މަތީ ފެންވަރުގެ ޚިދުމަތް ލިބޭ ގޮތް ގާއިމުކުރުމަކީ، އަޅުގަނޑު ހިތުން ރައްޔިތުންނަށްޓަކައި ސަރުކާރަކުން ކޮންމެހެން ކުރަންޖެހޭ ކަމެއް." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިއަންނަ ބަޖެޓުގެ އެންމެ އިސްކަމެއް ދެވޭނެ ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށް ރައީސް ވިދާޅުވިއެވެ. ސިއްހީ ދާއިރާއަށް ދެވޭ މި އިސްކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށާއި، ޞިއްޙަތު ސަލާމަތުން ބެހެއްޓުމުގެ ފުރުޞަތު ލިބުމުން، އޭގެ ސަބަބުން ޤައުމީ ކުރިއެރުން ވެސް ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ އަތުން ހިފޭ ތަރައްޤީގެ މަޝްރޫޢުތައް ހިންގުން ކަމަށާއި، އަތުން ނުހިފުނު ނަމަވެސް އިޙްސާސްކުރެވޭ، ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނެސްދިނުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު