ރީކޯ މޫސަ ކުރީގެ ރައީސް ސާލިޙާއި ސަލާންކުރައްވަނީ: ފޮޓޯ ސަން
ރީކޯ މޫސަ ކުރީގެ ރައީސް ސާލިޙާއި ސަލާންކުރައްވަނީ: ފޮޓޯ ސަން
މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަކީ ބިންހިއްކައިގެން ކުރަންޖެހޭ ކަމެއް ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ކަން ވެސް ކުރެއްވި މޫސާ މަނިކު މިހެން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ކުރީގެ ސަރުކާރުން ހިލޭ ދޫކުރި ބިންތައް އަނބުރާ ނަގަން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާޙް ގޮވާލެއްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ކަން ވެސް ކުރެއްވި މޫސާ މަނިކު (ރީކޯ) ވިދާޅުވީ، މާލެއަށް އަމިއްލަ އެފަދަ ރައްޔިތުންނާއި އެމީހުންގެ ދަރިން އުފަންވެފައިވާއިރު، ސިޔާސީ ޕާޓީތަކުން ވެރިކަމަށް އަރައި މި ބިމުގެ މިލްކުވެރިކަން ދަމައިގަނެ، "ޔަހޫދީން ފަލަސްތީނު މީހުންނަށް ހަދާހެން" ހަދަން ގަދަބަސް ނުބުނެވޭނެ ކަމަށެވެ.

މޫސަ އިތުރަށް ވިދާޅުވީ، ބިމުގެ އަގުބޮޑުވެ، ފަޅޮލޭ ކިޔާނެކަމެއް ނެތް ކަމަށެވެ. އަދި ކުރީގެ ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި މާލޭގެ ބިންހިއްކައިގެންވެސް ބިންތައް ބެއްސެވީ މާލެ މީހުންނަށް އެކަންޏެއް ނޫން ކަމަށް މޫސާ މަނިކު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މޫސާ މަނިކު ވަނީ ކުރީގެ ރައީސުންގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ ބައެއް މަޝްރޫޢުތައް ހިންގި ގޮތަށްވެސް އަލިއަޅުވާލައްވާފައެވެ. ރައީސް މުޙައްމަދު ނަޝީދު ހުޅުމާލެއިން ގޯތި ދެއްވީ މާލޭ މީހުންނަށް އެކަންޏެއް ނޫން ކަމަށާއި، ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ފްލެޓް ބެއްސެވީވެސް މާލޭގައި ގެދޮރުނެތް މީހުންނަށް އެކަނި ނޫން ކަމަށެވެ. މިކަންކަމާ މާލޭ މީހަކު ކަންބޮޑުވެގެން އެއްޗެއް ނުބުނެ ތިއްބާ، މިހާރު ސަރުކާރު ހިންގާ ޕާޓީގެ ބައެއް މީހުން މާލޭ މީހުންގެ ބޯހިޔާވަހިކަމާ މިހާބޮޑަށް ދެކޮޅު ހެދުމަކީ ރީތި މަންޒަރެއް ނޫން ކަމަށާއި، މިހާރު ކަންކަން މާ މައްޗަށް ދަނީ ކަމަށްވެސް މޫސާ މަނިކު ވިދާޅުވިއެވެ. މޫސަ ވިދާޅުވީ މާލޭ ސަރަޙައްދުން މާލޭ މީހަކަށް ބިން ނުލިބޭނަމަ، ދެން އެއްވެސް ރަށަކުން ހިލޭ ގޯތި ދޭނެކަމެއް ނެތް ކަމަށެވެ.

އެމްޑީޕީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފުލެޓު ހަވާލުކުރުން ލަސްވާ މައްސަލައިގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ހިލޭ ބިން ދޫކުރުމުން ދައުލަތަށް 13 ބިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެގޯތިތައް ދައުލަތަށް ނަގަން ފަލާހް ވަނީ ގޮވާލައްވާފައެވެ.

ފަލާހު ވިދާޅުވީ، މާލޭގެ އެއްބައި ރައްޔިތުންނަށް ގޯތި ވިއްކާއިރު އަނެއް ބަޔަކަށް ގޯތި ދެނީ އެއްތަނަކުން އެކަމަކު ހިލޭ ކަމަށެވެ.

އެހެންކަމުން ބަދަލު ދޭންޖެހޭ ފަރާތްތަކަށް ބަދަލު ދިނުމަށް ފަހު ހިލޭ ދޫކުރި ހުރިހާ ގޯއްޗެއް ދައުލަތަށް ނެގުމަށް ފަލާޙް އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑުގެ ޚިޔާލަކީ އަދިވެސް، ހިލޭ ދީފައި އެ ހުރި ބިންތައް، އެތާ ވަށާފާރެއް ރާނާފައި ހުރިއްޔާ ވަށާފާރުގެ ބަދަލުދީފައި، ގޯތި ރާނާފައި ހުރިއްޔާ ގޯތީގެ ބަދަލުދީފައި ހުރިހާ އެއްޗެއް ދައުލަތަށް ނެގުން،" އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާޙް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު