(ކ) ދީޕިކާ ޕަޑޫކޯން، ޝްރައްދާ  ކަޕޫރް، ސާރާ އަލީ ޚާން، ރާކުލް ޕްރީޓް ސިންގ
(ކ) ދީޕިކާ ޕަޑޫކޯން، ޝްރައްދާ ކަޕޫރް، ސާރާ އަލީ ޚާން، ރާކުލް ޕްރީޓް ސިންގ
އިންޑިއާގެ ފިލްމީތަރި، ސުޝާންތު ސިންގް ރާޖްޕޫތު ގެ ކުއްލި މަރާ ގުޅިގެން، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ކުރިއައް ގެންދާ މަސްތުވާ ތަކެތީގެ މައްސަލައިގެ ތަހުގީގަށް ބޮލީވުޑްގެ ފިލްމީތަރިންތަކަކާ ސުވާލުކުރަން ނިންމައިފިކަމަށް އެންސީބީ އިން ހާމަކޮށްފިއެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި، އެންސީބީގެ ތަހުގީގަށް ސުވާލުކުރަން ނިންމައިފައިވާ ބޮލީވުޑްގެ ފިލްމީތަރިންގެ ތެރޭގައި، ދީޕިކާ ޕަޑުކޯން، ޝްރައްދާ ކަޕޫރް، ރާކުލް ޕްރީޓް ސިންގ އަދި ސާރާ އަލީ ޚާން ހިމެނެއެވެ. މިގޮތުން 25 ސެޕްޓެމްބަރުގައި ދީޕިކާ އާއި ސުވާލު ކުރުމަށް ހަމަޖެހިފައި ވާއިރު، 26 ސެޕްޓެމްބަރުގައި ޝްރައްދާ އަދި ސާރާ އާއި ސުވާލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ރާކުލް ޕްރީޓް ސިންގ އާ ސުވާލު ކުރުމަށް ވަކި ދުވަހެއް ކަނޑަނޭޅިޔަސް، މިހަފުތާގެ ތެރޭގައި އޭނާއާއިވެސް ސުވާލު ކުރަން ތާވަލް ކުރާނެ ކަމަށް އެންސީބީ އާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

މިމައްސަލަ އާއި ގުޅިގެން މަސްތުވާތަކެތި ބޭނުން ކުރުމާއި ގަތުމުގެ ތުހުމަތުގައި، ބޮލީވުޑްގެ ފިލްމީތަރި ރިއާ ޗަކްރަބޮތީ އާއި އޭނާގެ ބޭބެ ޝޯވިކް ޗަކްރަބޮތީ ވަނީ އެންސީބީގެ ތަހުގީގަށް ހައްޔަރު ކޮށްފައެވެ.

ސުސާންތުގެ މަރާ ގުޅިގެން ބޮލީވުޑްގެ ތެރޭގައި ހިލިގެން އުޅޭ މަސްތުވާތަކެތީގެ މައްސަލައަކީ ބޮލީވުޑްގެ ހުތުރު ފަރާތުގެ ގޮތުގައި އިންޑިއާގެ މީޑިއާތަކުން ދަނީ ރިޕޯޓް ކުރަމުންނެވެ. އަދި މިފަހުން ބައެއް މީޑިއާތަކުގެ ފަލަ ސުރުޚީތައް ފަޅުފިލުވަނީ ބޮލީވުޑްގެ ހުތުރުފަރާތް މަސްތުވެފައިވާ މަންޒަރު ދައްކުވައިދޭ ޚަބަރު ތަކުންނެވެ. ބޮލީވުޑްގެ މަސްތުވާތަކެތީގެ މައްސަލަ ފެންމަތިވީ ސުސާންތުގެ މަރަކީ އޭނާ އަމިއްލައަށް ދަންޖެހިގެން ވެފައިވާ މަރެއް ނޫން ކަމަށް ކުރެވުނު ތުހުމަތު ތަކަކާއި ގުޅިގެން ކުރަން ފެށި ތަހުގީގު ތަކުގެ ތެރެއިންނެވެ.

ސުސާންތުގެ މަރުގެ ތުހުމަތު އޭނާގެ ލޯބިވެރިޔާގެ މައްޗަށާއި ބޮލީވުޑްގެ މަޝްހޫރު ފިލްމު އުފެއްދުން ތެރިންގެ މައްޗަށާއި ތަރީންގެ މައްޗަށް ވެސް ވަނީ ކުރެވިފައެވެ. ނަމަވެސް އިންޑިއާގެ ގިނަ ނޫސްތަކުން ކުރާ މިފަދަ ރިޕޯޓްތަކަކީ މާބޮޑު އަސްލެއްގެ މައްޗަށް ބިނާކޮށް ކުރާ ރިޕޯޓްތަކަށް ނުވާތީ ގިނަ މީހުން އެވާހަކަތަކެއް ގަބޫލެއް ނުކުރެއެވެ.

އިންޑިއާގެ މީޑިއާތަކުގައި އަގުދީގެން ރިޕޯޓް ހެއްދުމާއިި ފައިސާ ދީގެން ރިޕޯޓް ކުރުމާއި ފައިސާދީގެންނާއި ސިޔާސީ ފަރާތްތަކުގެ ބާރުގައި ހަދާ އިންވެސްޓިގޭޓް ރިޕޯޓްތައް މީޑިއާތަކުން ގެނެސްދޭ މައްސަލައަކީ ބައިނަލްއަޤްވާމީ ނޫސްވެރިންގެ ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން