ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ރައީސަކަށް އެޕާޓީގެ ބާނީ، ރައީސް ޔާމީން އަބުދުލްގައްޔޫމް ރޭ އިންތިހާބުކޮށްފިއެވެ.

ރައީސް ޔާމިން ޕީއެންއެފްގެ ރައީސް ކަމަށް އިންތިހާބުކުރީ އާޓިފިޝަލް ބީޗުގައި ޕީއެންއެފުން ރޭ ބޭއްވި ގައުމީ ޖަލްސާގައެވެ.

ޕީއެންއެފްގެ ރައީސްކަމަށް ވާދަކުރެއްވީ ރައީސް ޔާމީން އެކަނި ކަމަށްވާތީ އެމަގާމަށް އެމަނިކުފާނު އިންތިހާބުވެވަޑައިގަތީ ވޯޓަކާއި ނުލައެވެ.

ރޭގެ ޖަލްސާގައި ކޮންގްރެސްގައި ޕާޓީގެ ރައީސާ، ދެ ނައިބު ރައީސުންގެ އިތުރުން ރެޖިސްޓްރާ އަދި ސެނެޓުގައި ތިބޭ 14 މެންބަރުން އިންތިހާބު ކޮށްފައިވެއެވެ.

އެގޮތުން ޕީއެންއެފްގެ ނައިބު ރައީސުންނަށް ހަމަޖެއްސީ ޕާޓީގެ ވަގުތީ ރައީސްްގެ މަގާމުގައި ހުންނެވި ޔާމީންގެ ދަރިކަލުން ޒެއިން އާއި ރައީސް ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. އެމަގާމު ތަކަށް ވާދަކުރެއްވީ އެ ދެބޭފުޅުން އެކަންޏެވެ.

މީގެ އިތުރުން އެ ޕާޓީގެ އަމީންއާންމު ކަމަށް މިހާރުވެސް އެ ޕާޓީގެ ވަގުތީ އަމީންއާންމު އަދި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ރޭ ވަނީ އިންތިޚާބުކޮށްފައެވެ. އެ ޕާޓީގެ ޚަޒާންދާރުކަމަށް އިންތިޚާބު ކޮށްފައިވަނީ ޔާމީން ސަރުކާރުގެ ޗީފް އޮފް ސްޓާފް އަދި މިހާރުވެސް ވަގުތީ ޚަޒާންދާރުގެ މަގާމުގައި ހުންނެވި އަހްމަދު މުސްތަފާއެވެ.



ކިޔުންތެރިންގެ ހިޔާލު