ސަރުކާރަށް ދެ އަހަރުން ގާތްގަނޑަކަށް 35 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައިވާ ކަމަށާއި މިހާރު އުޅެނީ ވަގަށް ރުފިޔާ ޗާޕްކުރަން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ރޭ ވިދާޅުވެއްޖެއެވެ.

'ހޯރަފުށި ދުވަސް' ފާހަގަކުރުމުގެ ގޮތުން ހއ. ހޯރަފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޞާލިޙް ވިދާޅުވީ، މިހާރުގެ ސަރުކާރުން ގަވާއިދާ ޚިލާފަށް އަދި ވަގަށް ރުފިޔާ ޗާޕްކުރަމުންދާ ކަމަށެވެ. އަދި ދަރަނީގެ ވާހަކަ ދައްކަވަމުން ރައީސް ސާލިޙް ވިދާޅުވީ، ދެ އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުން 35 ބިލިއަނަށް ވުރެ ބޮޑު އަދަދަކަށް ދަރަނި އިތުރުކޮށްފައިވާ ކަމަށެވެ.

ރައީސް ސާލިޙް ވިދާޅުވީ މީގެ ދެ އަހަރު ކުރިއާ އަޅާބަލާއިރު މިއަދު ކޮންމެ ގޭބިސީއެއްގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި ފިހާރަތަކުން ތަކެތި ގަންނަން ދިއުމުން އަގުތައް ބޮޑުވެފައިވާކަން ފާހަގަކުރެވޭނެ ކަމަށެވެ. ދުނިޔޭގެ އިގްތިޞާދަށް އެއްވެސް ބޮޑު ހާދިސާއެއް ނުވަތަ ތެލުގެ އަގު ނުވަތަ ކާބޯތަކެތީގެ އަގު ބޮޑުވެފައި ނުވާ ހާލަތެއްގައި ރާއްޖޭގެ އަގުތައް މިހާ ބޮޑުވެފައިވަނީ ކީއްވެގެންތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.

"ތިބޭފުޅުން ވިސްނަވާ މީގެ ދެ އަހަރު ކުރިއާއި މިއަދު އޮތް ހާލަތު, އާންމު ތިއިން ކޮންމެ ބޭފުޅެއްގެ ދިރިއުޅުމަށް އައީ ކޮން ބަދަލެއްތޯ؟ މިއީ ފިހާރަޔަކަށް އެއްޗެއް ގަންނަން ވަދެފަ ތިޔަބޭފުޅުން އަގު ބަލާލީމާ މީގެ ދެ އަހަރު ކުރިއަށް އަޅާ ބަލާއިރު ކިހިނެއްތޯ މި ފެންނަނީ؟ ކިހިނެއްތޯ ވަނީ ވެގެން މިއުޅެނީ؟ ހަމަ ގައިވެސް ދުނިޔޭގައި ބޮޑު އިގްތިޞާދީ ހާދިސާއެއް ނުވަތަ ތެލުގެ އަގެއް ބޮޑެއް ނޫން، ކާބޯތަކެތީގެ އަގު ބޮޑެއް ނޫން،" ރައީސް ސާލިޙް ވިދާޅުވިއެވެ.

އަދި މިކަމުން ދޭހަވަނީ، ޤައުމުގެ ތެރޭގައި މައްސަލައެއް އުޅޭ ކަމަށާއި، މިއީ ފުންކޮށް ވިސްނައި ޢަމަލީ ގޮތުން ފިޔަވަޅު އަޅަންޖެހިފައިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ދައުލަތުގެ ބަޖެޓު މިފަހަރު ހުށައެޅިއިރު މަޝްރޫއުތައް ހިންގާނެ ގޮތުގެ އެއްވެސް ތަފްސީލެއް ނުހިމަނާކަމަށް ސާލިޙް ވިދާޅުވިއެވެ. އަދި މިއަހަރުގެ 55 ބިލިއަންގެ ބަޖެޓް ހުސްވާއިރު ތަރައްޤީ އަށް ކުރެވުނީ ކޮންކަމެއްތޯ އެމަނިކުފާނު ސުވާލުކުރެއްވިއެވެ.

"ކޮން ކަމެއްތޯ ރާއްޖެއަށް ކުރެވިފަ އޮތީ؟ ތަރައްގީގެ ކޮން މަޝްރޫއެއްތޯ ހިނގަމުންދަނީ؟ އަޅުގަނޑު ދާ ކޮންމެ ރަށަކުން އެ ޝަކުވާ އެބަ ކުރޭ، މި ދައްކަނީ މަދު އަދަދެއްގެ ފައިސާގެ ވާހަކައެއްނޫން، ބަޖެޓު ހުށަހަޅާއިރުގަ ކަން ކުރަންވީ ގޮތުގެ ތަފްސީލެއް ނުދެއްވާ، ދެން ކިހިނެއްތޯ ކަމެއް ކުރާނީ؟" ޞާލިޙް ވިދާޅުވިއެވެ.

ރައީސް ސާލިޙް އިތުރަށް ވިދާޅުވީ ރުފިޔާ ޗާޕުކުރަން ޖެހިއްޖެ ހާލަތެއްގައި ރައްޔިތުން މަޖިލީހުގެ ހުއްދަ ހޯދައިގެން، އެޕްރޫވްކޮށްގެން، އެކަން ކުރެވޭނެ ކަމަށެވެ. ނަމަވެސް، މިހާރުގެ ސަރުކާރުން މިކަންކަން ކުރަނީ އޮޅުވާލައިގެން ކަމަށާއި، އެހެން ހީވިޔަސް މިކަންތައްތައް ހިނގާ ގޮތް ރައްޔިތުންނަށް އެނގޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިވަގުތަކީ ރައްޔިތުން އެންމެން އެކުގައި ކުރިމަތިވެފައިވާ މި އިގްތިޞާދީ ހާލަތުން މިންޖުވުމަށް އެކީގައި މަސައްކަތްކުރަންޖެހޭ ވަގުތު ކަމުގައި ރައީސް ސާލިޙް ވިދާޅުވިއެވެ.

ރައީސް ސާލިޙް އިތުރަށް ވިދާޅުވީ އޮޅުން ބޮޅުމުގެ ތެރެއަށް މި ގައުމުގެ ހާލަތު ވެއްޓިއްޖެ ކަމަށެވެ. އަދި ހިންގުމުގެ ނިޒާމު އެއްކޮށް ޚަރާބުވެއްޖެ ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ގޮތެއް މިއަދު ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހެއް، ޖުޑީޝަރީއެއް، މިނިވަން މުއައްސަސާއެއް ކިޔާނެ ކަމެއްނެތް، މިއީ އެއް ފުރާޅެއްގެ ދަށުގައިހުރި އެކަކު ހިންގާ ތަންތަނަށް ވެއްޖެ، ޖަވާބުދާރީކުރެވޭނެ ގޮތެއް ނެތް، ކަން ހިނގާގޮތެއް އެނގެނީއެއް ނޫން،" ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙް ވިދާޅުވީ މިއީ އެކަން ކަމާއި މެދު ރައްޔިތުން މިއަދު ފުންކޮށް ވިސްނައި އަމަލީގޮތުން މަސައްކަތް ފަށަންވީ ވަގުތު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު