ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު
ހުޅުމާލޭގައި މާލެ ސިޓީ ކައުންސިލާ ވަކިން، ވަކި ސިޓީ ކައުންސިލެއް ގާއިމް ކުރަން ޖެހޭ ކަމަށް މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވިދާޅުވީ ހުޅުމާލެއަކީ ވަރަށް ތަފާތު ސިފަތަކަކާއި ތަފާތުކަމެއް އެކުލެވޭ، މާލެއާ ވަރަށް ތަފާތު ސިޓީއެއް ކަމަށެވެ. އެހެންކަމުން މާލެ ސިޓީ ކައުންސިލާ ވަކިން، އަމިއްލަ މުސްތަޤިއްލު ސިޓީ ކައުންސިލެއް ހުޅުމާލެއަށް ހައްޤުވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުގައި ތިބި ގިނަ މެޖޯރިޓީ މެންބަރުން ހުޅުމާލޭގެ އެންމެ މަޞްލަޙަތު ހުރި ގޮތަކަށް ޢަމަލު ނުކޮށްފާނެ ކަމަށެވެ. އަދި އެހެން ސިޓީއެއްގެ ބަޔަކު އަނެއް ސިޓީއެއް ހިންގުމަކީ ޢަމަލީގޮތުން އެހާ ރަނގަޅު ކަމެއް ނޫން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"ލޯކަލް ގަވަނެންސް ނުވަތަ ރަށު ފެންވަރުގެ ވެރިކަމުގެ ނިޒާމު އައިސްފައި އޮންނަންވާނީ އެ މުޖުތަމަޢުގައި ދިރިއުޅޭ އަދި އެ މުޖުތަމަޢު ދެނެގަންނަ މީހުންގެ ފަރާތުން" ޝަމްހީދު ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވީ ހުޅުމާލެއަށް އަމިއްލަ ކައުންސިލެއް ދީގެން ބާރުވެރިކުރުވާ ވަގުތު މިހާރު މިވަނީ އައިސް ޖެހިފައި ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ލޯކަލް ކައުންސިލް ޤާނޫނަށް ގެނެވޭ އިޞްލާޙުތަކުގައި މިކަން ހިމެނުމަށް ޝަމްހީދު ވަނީ ގޮވާލާފައެވެ.

"އަޅުގަނޑު ރައީސް ޑރ. މުހައްމަދު މުޢިއްޒު އަދި ރައްޔިތުންގެ މަޖިލީހަށް ގޮވާލަނީ ލޯކަލް ކައުންސިލް ޤާނޫނަށް ގެނެވޭ އިޞްލާޙުތަކުގައި މިކަން ހިމަނުއްވުމަށް" ޝަމްހީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު