ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް) ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު، މުޅި މަޖިލީހުގެ ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި އިސްލާޙުގައި އޮތީ، ސަސްޓެއިނެބަލް ޓައުންޝިޕެއްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދަކުން ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދޭއިރު، އެކޮޓަރިއެއް ނުވަތަ ވިލާއެއްގެ ހައްގުތައް ވިއްކައިގެން ލިބޭ އާމްދަނީން ޕްރޮޕަޓީ ޓްރާސްފާ ޓެކްސްގެ ގޮތުގައި ފުރަތަމަ ފަހަރު ދައުލަތަށް ދައްކަންޖެހޭނީ އާމްދަނީގެ އެއް ޕަސެންޓް ކަމަށެވެ. އަދި ދެވަނަ ފަހަރު ދެ ޕަސެންޓު، ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކުން ލިބޭ އާމްދަނީ ހަތަރު ޕަސެންޓު ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭނެއެވެ.

އޭގެއިތުރުން އެފަދަ ސަރަހައްދެއްގައި ހިންގާ ވިޔަފާރިއެއްގެ އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭނެ ކަމަށް އެ ބިލުގައި ބަޔާން ކޮށްފައި ވަނީ ފުރަތަމަ 10 އަހަރަށް ފަސް ޕަސެންޓުގެ ރޭޓުންނެވެ. 11 ވަނަ އަހަރުން ފެށިގެން 20 ވަނަ އަހަރާ ހަމައަށް 10 ޕަސެންޓުގެ ރޭޓުން ޓެކްސް ދައްކަންޖެހޭއިރު، 21 ވަނަ އަހަރުން ފެށިގެން 15 ޕަސެންޓު ދައްކަންޖެހޭނެ ކަމަށް އެ ބިލުގައިވެއެވެ.

ބިލުގައި، 'ސަސްޓެއިނަބަލް ޓައުންޝިޕް' މާނަކޮށްފައި ވަނީ، އެއް މެނޭޖްމަންޓެއްގެ ދަށުން ކަނޑައެޅޭ ވަކި ޒޯނެއްގައި ގާނޫނުގައި ބަޔާންކުރާ ވަސީލަތްތަކާއި، ހިދުމަތްތަކާ އެކު ގާއިމުކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ހިމެނޭ ގޮތުން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް މެދުވެރިކޮށް، ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި، ހިދުމަތްތަކާއި، އާންމު ބޭނުންތަކުގެ ވަސީލަތްތައް ގާއިމުކުރެވިގެންވާ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ.

މި ބިލު މުޅި މަޖިލީހުގެ ކޮމެޓީން ދިރާސާކުރިއިރު ސަރުކާރުގެ ފަރާތުން ވަނީ ބިލަށް އިސްލާހެއް ވެސް ހުށަހަޅާފަ އެވެ. އެއީ ޒޯނެއްގައި ހިމެނޭ ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގެ ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ މުއާމަލާތަކާ ގުޅިގެން އެ ވިލާއެއް ނުވަތަ ކޮޓަރިއަކާ ގުޅޭ ހައްގުތައް ވިއްކާލާ ޖުމްލަ އަގުގެ ހަތަރު ޕަސެންޓް ރޭޓުން ޕްރޮޕަޓީ ޓްރާންސްފާ ޓެކުހެއްގެ ގޮތުގައި ދައުލަތަށް ޓެކުހެއް ނެގޭނެ ގޮތަށް ބަދަލު ކުރުމަށެވެ.

އެ އިސްލާހާއެކު މުޅި މަޖިލީހުގެ ކޮމެޓީން ބިލު ފާސްކޮށްފައި ވަނީ 55 މެންބަރުންގެ އިއްތިފާގުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދީފައި ވަނީ އެމްޑީޕީގެ ނުވަ މެންބަރުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް