ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ، މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ، މަގާމުން އިސްތިއުފާ ދިންކަން ހާމަކުރެއްވީ އޭނާގެ ލިންކެޑިން އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައެވެ. ހައްވާ ފަޖުވާ ލިންކެޑިން އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ވަރަށް ފުންކޮށް އެކަމާމެދު ވިސްނެވުމަށް ފަހު ކަމަށެވެ.

އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރެއެވެ.

އެހެން ނަމަވެސް ޕެންޝަން އޮފީހުގެ ސީއެފްއޯ މަގާމުން އޭނާ އިސްތިއުފާ ދެއްވާފައިމިވަނީ އެމްއެމްއޭ އިން އިންޖެކްޓް ކޮށްގެން ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑެއް ގަތުމުގެ މުއާމަލާތުގައި ސީރިއަސް ކަންބޮޑުވުން އެބަހުރި ކަމަށް ވިދާޅުވެ ޕެންޝަން ބޯޑުގައި އިންނަވާ އަހުމަދު ސަރުވަޝް އާދަމް އިސްތިއުފާ ދެއްވާފައިވާ ދަނޑިވަަޅެއްގައެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ސަރުވަޝް ވިދާޅުވީ، އެމްއެމްއޭއިން ފައިނޭންސް ކުރާ ބޮންޑް ގަތުމުގެ މުއާމަލާތަކީ ގާނޫނީގޮތުންނާއި، އިގްތިސާދީ ގޮތުން ސީރިއަސް ކަންބޮޑުވުންތަކެއް ހުރި ނިންމުމެއް ކަމަށެވެ.

އަދި މަގާމުން އިސްތިއުފާ ދެއްވީ ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއި، މުއައްސަސާގެ މިނިވަންކަމުގެ އުސޫލުތައް ދެމެހެއްޓުމަކީ ކުރަންޖެހޭ ކަމެއްކަމަށް އަމިއްލައަށް ގަބޫލުކުރެވޭތީ ކަމަށްވެސް ސަރުވަޝް ވިދާޅުވިއެވެ.

އެމްއެމްއޭއިން 2.4 ބިލިއަން ރުފިޔާ ޕެންޝަން ފަންޑަށް އިންޖެކްޓްކޮށް އެފައިސާއިން ޕެންޝަން ފަންޑުން ފިނޭންސް މިނިސްޓްރީން ބޮންޑް ގަނެގެން އެފައިސާ ސަރުކާރުގެ ބޭނުމަށް ޚަރަދު ކުރަން އުޅޭކަމަށް ބައެެއް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެއީ ފައިސާ ޗާޕްކުރުން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އެހެން ނަމަވެސް ރައީސް މުޢިއްޒާއި ސަރުކާރުގެ އިސްބޭފުޅުން ގެންދަވަނީ ސަރުކާރުން ފައިސާ ޗާޕްކުރަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަށް ދޮގުކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު