ފުވައްމުލަކު ސިޓީގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތުގެ ބިންގާ މިއަދު އަޅައިފިއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އެ މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިންގ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި ފުވައްމުލަކުގެ އެކި ދާއިރާތައް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒާއި އެމަނިކުފާނުގެ ކެބިނެޓް މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ފުވައްމުލަކުގައި ކުރިއަށްގެންދެވޭ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި ފުވައްމުލަކުގެ ކުނި މެނޭޖްކުރާ ސެންޓަރުގެ މަސައްކަތް ފެށުމާއި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ފެށުމާއި ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭން ޚިދުމަތް ތަޢާރަފްކުރުމާއި ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ޚިދުމަތް ފެށުމާއި މާދަނޑު އަވަށުގެ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވުމާއި ފުލުހުންގެ އެކޮމޮޑޭޝަން ޢިމާރާތުގެ މަސައްކަތް ފެށުމާއި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމްކުރުމުގެ މަސައްކަތް ފެށުން ހިމެނެއެވެ.

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަނީ ފުވައްމުލައް ސިޓީ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު