ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި ގޮތުގެ ބައެއް ތަފުސީލު ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ 2025 އެޕްރީލް 26 ވަނަ ދުވަހު ވަގަށް ނަގައިފައިވާ މައްސަލައާ ގުޅިގެން، މިހާތަނަށް 9 މީހުން ހައްޔަރުކޮށް 19 މީހުން ފުރުން މަނާކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 2025 އޮކްޓޫބަރު 09 ވަނަ ދުވަހުއެވެ.

ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވަނީ މި މައްސަލައާ ގުޅިގެން މިހައިތަނަށް ޖުމުލަ 9 މީހަކު ހައްޔަރުކޮށް، ތަހުގީގު ކުރިއަށްދާ ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން 7 މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެއިތިއްބުމަށް ކޯޓުން އަމުރުކޮށްފައެވެ. އަނެއް 2 މީހުން ކަމަށްވާ ޙުސައިން ސާމިޙު އާއި އަޙްމަދު ޝަހީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް 2025 ނޮވެމްބަރު 02 ވަނަ ދުވަހު ކޯޓަށް ހުށަހެޅުމުން، އެ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ވައްކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާއި، ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ އިތުރުން، ކޮންޓެއިނަރު ވަގަށް ގެންދިއުމުގައި ބޭނުންކުރި ދޯނި އެވަގުތު ދުއްވަން އިން ކެޕްޓަން އަދި މި ވައްކަން ކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާކަމަށް ތަހުގީގުން ހޯދުނު ފަރާތްތައް ހިމެނެއެވެ. މައްސަލައިގައި މިހައިތަނަށް 19 މީހަކު ފުރުން މަނާކޮށްފައިވާއިރު މައްސަލައިގެ ތަހުގީގުގެ ތެރެއިން 05 އުޅަނދެއް ބަލައިފާސްކޮށް މާލެ، ހުޅުމާލެ އަދި ތިލަފުށީގެ 21 ތަނެއް ބަލައިފާސްކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ ގޮތުގައި، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރ ވަގަށް ނަގައިފައިވަނީ މި ދެ ކޮންޓެއިނަރާ އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކުރުމަށްފަހު، އެމް.ޕީ.އެލް ޓާރމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެރެގެން ގެންގޮސް، އޭގެ ބަދަލުގައި އެއާ އެއްގޮތަށް ތައްޔާރުކުރި ދެ ކޮންޓެއިނަރު ދޯންޏެއްގައި ޓާރމިނަލަށް ގެންގޮސް އެމް.ޕީ.އެލް ޓާރމިނަލްގައި ބެހެއްޓުމަށް ފަހު ކަމަށެވެ.

އަދި ކޮންޓެއިނަރްތައް ބަދަލުކޮށް ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް ބަދަލުކޮށްފައިވާ ކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސްފައިވާ ކަމާއި އަދި އެ ދެ ކޮންޓެއިނަރު ތިލަފުށީގައި ބަހައްޓައިގެން ހަލާކު ކޮށްފައިވާއިރު، ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ހޯދާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެެވެ.

ވައްކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ވަގަށް ނަގައިފައިވާ ސިނގިރޭޓާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ސިނގިރޭޓް އެތެރެކުރުމުގެ ހުއްދަ ނެތި ފުޅާ ދާއިރާއެއްގައި ސިނގިރޭޓްގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތެއް އެއްވެސް ފަރާތަކަށް އެނގޭ ކަމަށްވާނަމަ، އެ މައުލޫމާތު ހިއްސާކުރެއްވުން ފުލުހުން ވަނީ އިލްތިމާސްކޮށްފައެެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް