ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވި ޖަލްސާއެއްގައި މޭޔަރު އިސްމާއިލް ރަފީޤަށް ވާހަކަ ދައްކަން ފުރުސަތު ނުދިނުމާ ގުޅިގެން، ކުރީގެ ނާއިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު، ރައީސް މުޢިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވެވި ޖަލްސާއެއްގައި އެ ރަށުގެ މޭޔަރަށް ވާހަކަ ދައްކަން ފުރުސަތު ނުދިނުމުން، ޑރ. ޖަމީލް ވަނީ އެކްސް (ކުރިން ޓްވިޓަރ) މެދުވެރިކުރައްވައި ރައީސް މުޢިއްޒަށް ފާޑުވިދާޅުވެފައެވެ. ޑރ. ޖަމީލް ސުވާލު އުފެއްދެވީ ރައީސް މުޢިއްޒަށް ޚިޔާލު ތަފާތު ހުރިހާ ފަރާތެއް ބާކީކޮށްގެން ކިހާ ދުވަހަކު ހިފަހައްޓާލެވިދާނެތޯއެވެ. ޑރ. ޖަމީލް ވިދާޅުވީ އެމެރިކާގެ މޭޔަރު އިންތިހާބުން ރައީސް މުޢިއްޒު ފިލާވަޅު ދަސްކުރަންޖެހޭނެ ކަމަށެވެ.

ޑރ. ޖަމީލް މިސާލު ދެއްކެވީ އެމެރިކާގެ ކައުންސިލް އިންތިހާބުގައި ބާރުގަދަ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް، ނިއުޔޯކުގެ މޭޔަރުކަން މިއަދު މުސްލިމް ޒުވާނަކު ކާމިޔާބުކުރި ހާދިސާއިންނެވެ. އަދި މިކަމުން ރައީސް މުޢިއްޒުވެސް ފިލާވަޅު ދަސްކުރަންޖެހޭ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް އެ އިޝާރަތްކުރެއްވީ ޝިއައީ މުސްލިމެއް ކަމަށްވާ ޒަހްރާމް މަމްދާނީ، އެމެރިކާގައި އާބާދީގެ ގޮތުން އެންމެ ބޮޑު ސިޓީ ކަމަށްވާ ނިއު ޔޯކްގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގަތުމަށެވެ. ރައީސް ޓްރަމްޕު ވަނީ އިންތިހާބުގެ ވޯޓު ފެށުމަށް ތައްޔާރުވެފައި ވަނިކޮށް، މަމްދާނީއަށް ވޯޓު ނުދިނުމަށާއި އޭނާ އިންތިހާބުކޮށްފި ނަމަ ދައުލަތުގެ ބަޖެޓުން ނިއު ޔޯކަށް ކޮންމެހެން ދޭންޖެހޭ ފައިސާގެ ތެރެއިން މަދު މިންވަރެއް ނޫނީ ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕުގެ އިތުރުން ޓްރަމްޕަށް ތާއީދުކުރާ މަހުޖަނުންނާއި ސިޔާސީ އެތައް ބަޔަކު މަމްދާނީއާ ދެކޮޅަށް ވަނީ މަސައްކަތްކޮށްފައެވެ.

އެކަމަށް އިޝާރަތް ކުރައްވައި ޑރ. ޖަމީލް ވިދާޅުވީ ގުދުރަތުގެ ޤާނޫނުގެ މައްޗަށް ރައީސް މުޢިއްޒަކަށްވެސް ބާރު ނުފޯރުވޭނެ ކަމަށެވެ. ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީޤަކީ ކިޔަވައިގެން ހުރި، ޒުވާން އަދި ފުވައްމުލަކު ރައްޔިތުންގެ މެޖޯރިޓީން އިންތިޚާބުކޮށްފައި ހުރި ފަރާތެއްކަން ފާހަގަކުރައްވައި ޑރ. ޖަމީލް ވިދާޅުވީ، އެކަން ރައީސް މުޢިއްޒަށް ހަޖަމް ނުވުމަކީ މުޢިއްޒުގެ ތަޞައްރަފު ނުފުދޭކަން ދޭހަވާ ދަލީލެއް ކަމަށެވެ.

ރައީސް މުޢިއްޒު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި ބާއްވާ ޖަލްސާތަކުގައި އިދިކޮޅު އެމްޑީޕީގެ ބައެއް ކައުންސިލްތަކުގެ ރައީސުންނާއި މޭޔަރުންނަށް ވާހަކަ ދައްކަން ފުރުސަތު ނުދޭ މައްސަލަ ވަނީ ފާހަގަކުރެވިފައެވެ.



ކިޔުންތެރިންގެ ހިޔާލު