ހިތަދޫ ޓޫރިޒަމް ޒޯނުގެ ބިން، އެމްޑީޕީގެ ވެރިކަމެއްގައި އަލުން އައްޑޫ ސިޓީ ކައުންސިލާ ހަވާލުކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގައި ޓޫރިޒަމް ފުޅާކުރުމަށް ހިތަދޫ ސަރަހައްދުން ކަނޑައެޅި ހާއްސަ ޒޯނު ސަރުކާރުން އަތުލީ އަމިއްލަ ފައި މައްޗަށް ތެދުވުމަށް އައްޑޫ ސިޓީއިން ކުރަމުންދާ މަސައްކަތްތައް އެއްކޮށް ހުއްޓުވާލުމަށް ކަމަށެވެ. އެގޮތުން ހަންކެޑެ މަޝްރޫއު ގެއްލުވާލުމަށް ފަހު އެންމެފަހުން ޓޫރިޒަމް ބިންތައް ވެސް އަތުލަމުން އެ ދަނީ ޓޫރިޒަމްގެ ސީދާ މަންފާ އައްޑޫގެ ރައްޔިތުންނަށް ލިބިދާނެތީ އެެ ކަމަށް ހުރަސް އެޅުމަށް ކަމަށް ފައްޔާޒު ތުހުމަތުކުރެއްވިއެވެ.

"އައްޑޫ ސިޓީގެ ތަރައްގީއަށް މަސައްކަތް ކުރާ ޕާޓީއަކީ އެމްޑީޕީ، ޕީއެންސީގެ ސިޔާސަތަކީ އައްޑޫ އެކަހެރިކޮށް ބާކީކޮށްލުން. އެމްޑީޕީގެ ސަރުކާރެއްގައި މި ސަރުކާރުން އަތުލާފައިވާ އައްޑޫގެ ޓޫރިޒަމް ބިންތައް ސިޓީ ކައުންސިލާ އަލުން ހަވާލުކުރާނަން،" ފައްޔާޒުގެ ޕޯސްޓުގައި ވިދާޅުވި އެވެ.

ހިތަދޫ ޓޫރިޒަމް ޒޯނުގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ 2.4 ކިލޯމީޓަރު ދިގު ބީޗަކާއެކު އޮތް 40 ހެކްޓަރުގެ ބިން ސަރުކާރުން ވަނީ އަތުލާފައެވެ.

ހިތަދޫ ޕޯޓުން ފެށިގެން ހަންކެޑެއާ ދެމެދު އޮތް އެ ސަރަހައްދަކީ އެމްޑީޕީގެ ވެރިކަމުގައި އެ އަތޮޅުގައި ހިންގި ބިން ހިއްކުމުގެ މަޝްރޫއުގައި ހިއްކި ބިމެއް ކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު