އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 64 ބިލިއަން ރުފިޔާގެ ބަޖެޓުގެ ޚަރަދުތައް، ފައިސާ ޗާޕުނުކޮށް ހަމަޖެއްސޭނެ ގޮތެއް ނެތް ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެެެއެވެ.

ޕީއެންއެފް (ޕީޕަލްސް ނެޝަނަލް ފްރަންޓް) ގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ 64 ބިލިއަން ރުފިޔާގެ ބަޖެޓަށް، ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީއަކީ އެންމެ 40 ބިލިއަން ރުފިޔާ ކަމަށާއި އެއީ ޑެފެސިޓް ބަޖެޓެއް ކަމަށެވެ. އެހެންކަމުން، ބާކީ ހުރި 24 ބިލިއަން ރުފިޔާއަކީ ހަމައެކަނި ފިގާތަކެއް ޖަހައިގެން ހަދާފައިވާ "ބިލާހު" އެއް ކަމަށް ޔާމިން ވިދާޅުވިއެވެ.

"ގާތްގަނޑަކަށް 24 ބިލިއަން މި ދަނީ މުވައްޒަފުންގެ މުސާރަ ދެން ރިކަރަންޓް ޚަރަދާ އެކީ ގާތްގަނޑަކަށް 40 ބިލިއަން ރުފިޔާ މި ދަނީ ޚަރަދަށް، އެއީ ދައުލަތް ހިންގުމުގެ ޚަރަދު އަދި ކެޕިޓަލް ހަރަދު ނުލައި ޕީއައިއެސްޕީ މަޝްރޫޢުތައް ނުލާ, ދެން މިއޮތީ ރާއްޖެތެރޭގައި ހުރިހާ ތަންތަނަށް ގާފޮޅު ބިންގާ އަޅައި ކަފުން ބާއްވާ މި ހުރިހާ ކަމެއް ކުރާތީ ރައްޔިތުންނަށް އެބަ ދައްކަންޖެހޭ މިކަންކަން ހިނގާނެކަން، އެހެންވީމަ އެއަށް ޖަހާފައި އޮތް ހަމަ ޓޯޓަލީ އިލިޔޫޝަނަރީ އެއްޗެއް އެއީ އެއަށް ޖަހާފައި މި އޮތީ 9.3 ބިލިއަން އިނގޭތޯ އެ ފައިސާއަކީ އަދި ރާއްޖެއަކަށް ލިބޭނެ ފައިސާއެއް ނޫން، އެއީ މި އިން ސާޅީސް ބިލިއަން އަކީ ކެޕިޓަލް ޚަރަދެއް ނުކުރިއަސް ކުރަންޖެހޭ ޚަރަދު އެއީ މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް ބަހައްޓާ ފައިސާ އާއި ރިކަރަންޓް ޚަރަދު އެ ޚަރަދުތަށް ކުރަންޖެހޭނެ،" ރައީސް ޔާމިން ވިދާޅުވިއެވެ.

ޔާމިން ވިދާޅުވީ އަންނަ އަހަރު އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް ނުހިގާނެ ކަމަށާއި އެކަމަށް ޚަރަދުކުރާނެ ފައިސާ އެއް ނެތް ކަމަށެވެ. ބަޖެޓުން ދެކޮޅު ނުޖެހުނަސް ސަރުކާރުން އެތައް ވަޒީފާއެއް އަންނަ އަހަރު އުފައްދާނެ ކަމަށް ޔާމިން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މިހާރު ވެސް ރިކަރަންޓް ޚަރަދު ބެލެހެއްޓުމަށް ފައިސާ ޗާޕު ކުރަން ޖެހިފައިވާ ކަމަށާއި، އަންނަ އަހަރު ފައިސާ ޗާޕުނުކޮށް ދެކޮޅު ޖެއްސޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

ފައިސާ ޗާޕު ކުރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު އިތުރަށް ދަށްވެ، ޑޮލަރުގެ އަގު އުފުލިގެންދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ޑޮލަރުގެ އަގު ދިވެހި ރުފިޔާއިން މިހާރު މި ވިހި ފަހަނަ ގޮސްގެން އެ އުޅެނީ. އެތި ތިރިވާނެ ގޮތެއް އަދި މި ޒަމާނުގަ ޚިޔާލަށް ވެސް ނުގެންނަވާ. ހަމަ ދާނީ މައްޗަށް،" ޔާމިން ވިދާޅުވިއެވެ.

ޑޮލަރުގެ ސްޕެކިއުލޭޝަން ބޮޑުވެފައިވާތީ، ރާއްޖެއަށް ބޭނުންވާ ވަރާއި، ގަވާއިދުން މާރުކުރަންޖެހޭ ފައިސާ ފިޔަވައި، އެހެން ޑޮލަރު ރާއްޖެއަކު ނުގެންގުޅޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ފެންނަން ހުރި ހިސާބުތަކުން އެނގޭ ގޮތުގައި، 40 ބިލިއަނަށް ވުރެ އިތުރު ފައިސާ ލިބޭނެ ގޮތެއް ނޯންނާނެއެވެ. އިތުރު ޓެކުހެއް ނެގޭނެ ގޮތެއް ވެސް ނެތް ކަމަށާއި، ކުންފުނިތަކުން ވެސް އިތުރު ފައިސާއެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވިދާޅުވީ އަންނަ އަހަރު ވެސް ފައިސާ ޗާޕުކުރުމަކީ ނިމުމެއް ނެތް ގޮތަކަށް ކުރަންޖެހޭ ކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް