ހިތަދޫ ޕޯޓުން ފެށިގެން ހަންކެޑެއާ ދެމެދު އޮތް ސަރަހައްދު އައްސޭރި ޓޫރިޒަމަށް އެމްޓީޑީސީއާ ހަވާލުކުރުން އަހުމަދު ޝަރީފު (ސައިރިކްސް ޝަރީފު) ކުށްވެރިކުރައްވައިފިއެވެ.

ހިތަދޫ ޓޫރިޒަމް ޒޯނުގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅާފައިވަނީ 2.4 ކިލޯމީޓަރު ދިގު ބީޗަކާއެކު އޮތް 40 ހެކްޓަރުގެ ބިމެކެވެ. ހިތަދޫ ޕޯޓުން ފެށިގެން ހަންކެޑެއާ ދެމެދު އޮތް އެ ސަރަހައްދަކީ އެމްޑީޕީގެ ވެރިކަމުގައި އެ އަތޮޅުގައި ހިންގި ބިން ހިއްކުމުގެ މަޝްރޫއުގައި ހިއްކި ބިމެކެވެ. ސަރުކާރުން މިހާރު ވަނީ އެ ބިން ކައުންސިލުގެ ދަށުން އަތުލައި އައްސޭރި ޓޫރިޒަމަށް ޚާއްސަކޮށްފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްޑު އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ސައިރިކްސް ޝަރީފު ވިދާޅުވީ ހިތަދޫ ޕޯޓުން ފެށިގެން ހަންކެޑެއާ ދެމެދު އޮތް ސަރަހައްދު އައްސޭރި ޓޫރިޒަމަށް ތަރައްޤީ ކުރުމަށް އެމްޓީޑީސީއާ ހަވާލުކުރި ކުރުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުޅި އައްޑޫ ޓޫރިޒަމްގެ ތަރައްޤީ ފަހަތަށް ހިގައިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އައްޑޫ ސިޓީގެ ބިންތައް ރައްޔިތުންނަށް ނުދީ ބަންޑަލްކޮށް އެމްޓީޑީސީއަށް ދިނުމަކީ އައްޑޫ ރައްޔިތުންގެ ކަންބޮޑުވުމެއް، އެބިންތައް ސިޓީ ކައުންސިލާއި ހަވާލުކުރުމަށް ގޮވާލައި މިކަމާ ދެކޮޅަށް ޕެޓިޝަނެއް ރައީސް އަށާއި ރައްޔިތުންގެ މަޖިލިހަށް ފޮނުވަން މިދަނީ ތައްޔާރުވަމުން،" ޝަރީފް ވިދާޅުވިއެވެ.

އައްސޭރި ޓޫރިޒަމް މަޝްރޫއަކީ ރައީސް މުއިއްޒު އައްޑުއަށް ވެވަޑައިގަތް ރިޔާސީ ވައުދެކެވެ.

އައްޑޫގައި އައްސޭރި ޓޫރިޒަމް މަޝްރޫޢު ހިންގުމަށް އެމްޓީޑީސީއާ ހަވާލުކުރުން މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގަ އެވެ. އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ އައްސޭރި ޓޫރިޒަމް ޕްރޮޖެކްޓުގެ ދަށުން 6،000 އެނދު ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު