ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން ވަކިކުރި މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ލަފާއަރުވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މަހުމޫދު ރިޔާޒުގެ މަގާމު އިޔާދަކުރަން ރައީސަށް ލަފާއަރުވަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ބައްދަލުވުމުގައި ނިއްމައި ކޮމިޓީގެ އެ ނިންމުން އާންމު ކުރަން ނިންމާފައިވާ ކަމަށެވެ.

ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މަހުމޫދު ރިޔާޒު ވަކިކުރަން ރައީސް މުއިއްޒަށް 241 ކޮމިޓީން މީގެ ކުރިން ލަފާ އަރުވާފައިވަނީ ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނު މައްސަލަ ބެލުމަށްފަހު އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށެވެ.

މަހުމޫދު ރިޔާޒަށް ކުރި ތުހުމަތު އަލުން ބަލައި ދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުމުން 241 ކޮމިޓީން އިތުރަށް އެ މައްސަލަ ވަނީ ބަލާފައެެވެ.

241 ކޮމެޓީން ބުނީ އެ ކޮމިޓީގައި އިތުރަށް މަޝްވަރާ ކުރުމަށް ފަހު މަހުމޫދު ރިޔާޒުގެ މަގާމު އަލުން އިޔާދަކުރަން ރައީސް މުއިއްޒަށް ލަފާއަރުވަން ނިންްމާފައިވާ ކަމަށެވެ.

މަހުމޫދު ރިޔާޒަކީ ކަސްޓަމްސް އަށް 33 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

މަގާމުން ވަކިކުރަން ރައީސް ނިއްމެވުމާއެކު މަހުމޫދު ރިޔާޒު ވިދާޅުވޒި ދުވަހަކު ވެސް ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. އޭނާއާ ގުޅުވައިގެން ތުހުމަތުތަކެއް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި ކަސްޓަމްސްގައި ހޭދަކުރެއްވި ދިގު މުއްދަތުގައި އެއްވެސް ގޯހެއްގައި ބައިވެރި ނުވާ ކަމަށް ކަސްޓަމްސްގެ ކޮމިއުނިޓީ ގްރޫޕްގައި މަހުމޫދު ރިޔާޒު ފޮނުއްވި މެސެޖެއްގައި އޭނާ ވިދާޅުވެފައިވެއެވެ.

ވަގު ސިނގިރޭޓް މައްސަލައިގައި މަހުމޫދު ރިޔާޒުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ވަހީދު ވެސް އެމަގާމުން ވަނީ ވަކިކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް