މަރްޔަމް ނަހްދާ ވަޙީދު   9 ނޮވެމްބަރު 2025 - 9:53
އެނާޖީ ޑްރިންކު ދަޅުތަކެއް-
އެނާޖީ ޑްރިންކު ދަޅުތަކެއް-
އެނާޖީ ޑްރިންކަކީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ހާއްސަކޮށް ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވެފައިވާ އެއްޗެކެވެ. މި ބޭނުން ކުރުމުން ބައެއް ފަހަރު ވަގުތީ ހަކަތައެއް ދޭހެން ހީވިޔަސް، ހަގީގަތުގައި ހަށިގަނޑަށް ނުރައްކާތެރި ގިނަ ގެއްލުންތަކެއް ދިނުމުގެ ބާރު އެކުލެވޭ އެއްޗެކެވެ. ހަކަތަ ހޯދުމުގެ ބަދަލުގައި ގިނަ ބަޔަކު މި ބޭނުން ކުރި ކަމުގައިވީނަމަވެސް ބުއިންތަކުގެ ސިއްހީ ނުރައްކާތަކަކީ ވަރަށް ސީރިއަސް ކަންކަމެވެ.

އެނާޖީ ޑްރިންކުގައި އެކުލެވޭ ކެފެއިންގެ މިންވަރު ވަރަށް މަތިވެފައި، ބައެއް ފަހަރު ކޮފީ ތައްޓަކާއި އަޅާބަލާއިރު އެތައް ގުނައެއް އިތުރެވެ. މި މިންވަރުގެ ކެފެއިންގެ ހަށިގަނޑަށް ވަނުމުން ހިތުގެ ވިންދު އަވަސްވެ، ހިތް ބާރުބާރަށް ތެޅުން ފަދަ އުނދަގޫތައް ކުރިމަތިވެއެވެ. މިކަމުގެ ސަބަބުން ހިތަށް ލޭ ފޯރުވުމުގައި މައްސަލަ ޖެހި، އެރިތުމިޔާ ފަދަ މައްސަލަތައް ދިމާވެއެވެ. އަދި މި ނޫނަސް ހިތުގެ ސީރިއަސް މައްސަލަތައް ޖެހުމަށް މެދުވެރި ވެއެވެ.

ގިނަ އެނާޖީ ޑްރިންކުތަކުގައި ހަކުރުގެ މިންވަރު ވަރަށް މަތިކޮށް އެކުލެވިފައި ހުރެއެވެ. ބައެއް ފަހަރު އެއް ދަޅުން 35 ގްރާމަށްވުރެ ގިނަ ހަކުރު އެކުލެވިފައި ހުރެއެވެ. މިހާ ގިނަ ހަކުރު ހަށިގަނޑަށް ވަނުމުން ބަރުދަން އިތުރުވެ، ފަލަވުމުގެ ފުރުސަތު ބޮޑުވެއެވެ. މީގެ އިތުރުން ޓައިޕް 2 ޑައިބެޓީސް ޖެހުމުގެ ނުރައްކާވެސް އިތުރު ވެއެވެ.

އެނާޖީ ޑްރިންކުގައި ހުންނަ ގިނަ އަދަދެއްގެ ކެފީންގެ ސަބަބުން ހަށިގަނޑަށް ވަގުތީ ހަކަތައެއް ލިބި، ހޭލާ ހުރުމަށް އެހީތެރިވެދެއެވެ. ނަމަވެސް، މިކަމުގެ ސަބަބުން ރޭގަނޑު ނިދުމަށް ދަތިވެ، ނިދީގެ އާދަތަކަށް ބުރޫއެރުމަކީ ވަރަށް އާންމު ކަމެކެވެ. ދިގު މުއްދަތަކަށް ރަނގަޅަށް ނުނިދުމަކީ، ހަށިގަނޑަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމެކެވެ. މިކަމުގެ ސަބަބުން ދުވާލު ވަރުބަލިވުމާއި، ބޯއެނބުރުމާއި، ކަންކަމަށް ސަމާލުކަން ނުދެވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.

މީގައި ހުންނަ ކެފީންގެ މިންވަރު މަތިވުމުގެ ސަބަބުން ހާސްކަން އިތުރުވެ، ޕެނިކް އެޓޭކް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. ހަމައެއާއެކު، ހިތްހަމަނުޖެހި ގާތްގާތަށް ރުޅިއައުމާއި، ބޮލުގައި ރިއްސުން ނުވަތަ މައިގްރޭން ފަދަ ނަފްސާނީ އަދި ނިއުރޮލޮޖިކަލް މައްސަލަތައް ކުރިމަތިވެއެވެ. ދިގު މުއްދަތަކަށް އެނާޖީ ޑްރިންކު ބޭނުން ކުރުމުގެ ސަބަބުން އެކަމަށް ދެވިހިފައި، ހުއްޓާލަން ދަތިވުމަކީވެސް އޭގެ ސަބަބުން ދިމާވާ މައްސަލައެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް