ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު ހުޅިވިގެން ދަނީ އެއަރޕޯޓެއްގެ އިންފްރާސްޓްރަކްޗަރ އެކަނި ނޫން ކަމަށާ، ހުޅިވިގެން އެދަނީ ބޮޑު ތިލަދުންމަތީ ސަރަޙައްދުގެ ތަރައްޤީގެ ދޮރޯށި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީއާއެކު ޒަމާނީ ފެންވަރަށް ތަރައްޤީކުރެވުނު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް، ހދ. ހަނިމާދޫގައި މިރޭ އޮތް ކުލަގަދަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ

މި ރަސްމިއްޔާތުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މި މަޝްރޫޢަކީ ތަޞައްވުރާއި، ބަދަލާއި، މިންނެތް މަސައްކަތުން ޙާޞިލުވާނެ ކާމިޔާބު ރަމްޒުކޮށްދޭ މަޝްރޫޢެއްކަމަށެވެ. 2022 ވަނަ އަހަރުގެ ފަހުކޮޅު މަސައްކަތް ފެށި ކަމުގައި ވީ ނަމަވެސް، މަސައްކަތުގެ ދުވެލި މަޑުޖެހި، ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިފައި ވަނިކޮށް، ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، މަސައްކަތުގެ ދުވެލި ބާރު ކުރައްވައި، ކާމިޔާބު ކަމާއެކު އެ ވަޢުދުފުޅު ފުއްދަވައިދެވިއްޖެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ އުތުރުގެ ރަށްތަކަށް ލިބިފައިވާ ޤާބިލުކަން ހާމަވެ، މި އެއަރޕޯޓްގެ ޒަރިއްޔާއިން މުޅި ދުނިޔެއާ އެ ރަށްތައް ގުޅާލެވިގެން ދިޔައީ ކަމަށެވެ. އެމަނިކުފާނު ވަނީ ހުޅުވިގެން ދިޔަ ރަނުގެ މި ފުރުޞަތުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ހިއްޕެވުމަށް ގޮވާލައްވާފައެވެ. އެގޮތުން ބައިނަލްއަޤުވާމީ އެއަރލައިންތަކުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުތައް ފެށުމަށް ގޮވާލައްވައި، ދިވެހި ވިޔަފާރިތަކުންވެސް އުތުރުގައި އިންވެސްޓްކުރާ މިންވަރު އިތުރުކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި އިޤްތިޞާދީ ކުރިއެރުމާއެކު އާންމު ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް އަދުގެ ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅާ އެއްގޮތަށް، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމާއެކު އެކި ގޮތްގޮތުން ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.ވަކީން ޚާއްޞަކޮށް، ހދ. ނާގޯށީގައި ތަރައްޤިކުރެވޭ ރިސޯޓާއެކު، ފަތުރުވެރިކަމުގެ ދާއިރާއިންވެސް އުތުރުގެ ސަރަޙައްދަށް ކުރިއެރުން ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

2465 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކުރެވުނު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް މިރޭ، އެ ރަންވޭއަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ ރައީސް ދަތުރުފުޅުކުރެއްވި، މޯލްޑިވިއަންގެ އޭ-320 މަރުކާގެ މަތިންދާބޯޓެވެ. މިއީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތާރީޚުގައި އެއެއަރޕޯޓަށް ޖެއްސި އެންމެ ބޮޑު މަތިންދާބޯޓެވެ. މި ފްލައިޓްގެ ކެޕްޓަންކަން ކުރެއްވީ، ހދ. ހަނިމާދޫއަށް ނިސްބަތްވެވަޑައިގަންނަވާ ޕައިލެޓެކެވެ.

2012 ވަނަ އަހަރު ހަނިމާދޫ ވައިގެ ބަނދަރު، ބައިނަލްއަޤުވާމީ އެއަރޕޯޓަކަށް ބަދަލުކުރިނަމަވެސް، އެއަރޕޯޓުގެ ތަރައްޤީގެ ދުވެލި މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނެސްދެއްވައި، އެއަރޕޯޓުގެ މަސައްކަތް ނިންމަވައި، ކުލަގަދަ ރަސްމިއްޔާތަކާއެކު މިރޭ ރަސްމީކޮށް ހުޅުވިގެންދިޔަ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރުން ރާއްޖޭގެ އެއަރޕޯޓެއްގައި ފުރަތަމަ ފަހަރަށް އެއިރޯ ބުރިޖު ބޭނުން ކުރެވޭ ގޮތަށް ތަރައްޤީ ކުރެވުނު އެއަރޕޯޓެވެ.

އުތުރުގެ ރަށްތަކަށް އިޤްތިޞާދީ ގޮތުން އިންޤިލާބީ ކުރިއެރުންތަކެއް ގެނެސްދޭނެ އައު ޞަފުޙާއެއްގެ ގޮތުގައި މިރޭ ހުޅުވި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކޮށްފައިވާ އައު ޕަސެންޖަރ ޓަރމިނަލަކީ، އަހަރަކު 1.3 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ 10380 އަކަ މީޓަރުގެ ބޮޑު ޓަރމިނަލެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް