ރަސްްމާލެއިން މާލޭގެ ރައްޔިތުންނަށް ދޫކުރާ 15،000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރަސްމާލެ ހިއްކަން އަންނަ މަހު އިތުރު ޑްރެޖަރެެއް ގެންނާނެ ކަމަށާއި އޭރުން އެމަސައްކަތް ތިންގުނަ އަވަސްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް 5 މަސް ދުވަހުގެ ތެރޭގައި ރަސްމާލެއިން ބޮޑު ސަރަހައްދެއް ހިއްކައި ނިމޭނެ ކަމަށާއި، އެ ސަރަހައްދުން ދޫކުރާ ގޯތިތަކަށް ވަރަށް އަވަހަށް ހުޅުވާލެވޭނެ ކަމަށެވެ. އެގޮތުން މާލޭ ރައްޔިތުންނަށް ރަސްމާލެ އިން ދޫކުރާ 15000 ގޯއްޗަށް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މާލޭގެ ރަށްވެހިންނަށާއި ދަފްތަރުގައި ޖެހިފައި ތިބި މީހުންނަށާއި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކާއި އެކަނިވެރިމައިންނާއި ބަފައިންނާއި ޒުވާނުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ޓެކްސީ ޑްރައިވަރުންނާއި އެކިއެކި މުއައްސަސާތަކުގެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ. އަދި އެ ހުރިހާ ފަރާތްތަކަށް ރަސްމާލެއިން ދޫކުރާ ގޯތި ތަކަށް ކުރިމަތިލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެެ.

"މިހުރިހާ ފަރާތްތައް ހިމެނޭ ޖުމުލަކޮށް މާލޭގައި ދިރިއުޅޭ ފަރާތްތަކަށް މާލޭގައި އޮތް ބޯހިޔާވަހިކަމުގެ ގޯތީގެ މައްސަލަ ދާއިމީ ކޮށް ހައްލުކުރަން، އަޅުގަނޑުމެން މި ހުޅުވާލަނީ ބިން ހިއްކުން ނިމެން ވާއިރަށް މި ގޯތިތައް ލިބޭ ފަރާތްތައް ކަނޑައަޅައި ނިންމަން. އެހެންވީމާ ގޯތި ބޭނުންވާ ހުރިހާ ފަރާތްތަކަށް މާލެ ސަރަހައްދުން ދެވޭނެ ގޯތި ތައް ދީ ނިބްމަން،" ރައީސް މުޢިއްޒު ވިދާޅުވިއެެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ގްރޭޓަރ މާލެ ސަރަހައްދުގައި 7،000 ފްލެޓް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

އަދި މި އަހަރުގެ ތެރޭގައި ގެދޮރުވެރިކަމުގެ މުހިންމު މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން 13 ރަށެއްގައި 825 ހައުސިން ޔުނިޓް އެޅުމަށް ފައިނޭންސް ހަމަޖެހިފައިވާ ކަމަށާއި މި ހައުސިން ޔުނިޓްތައް އެޅުމަށް އެކިއެކި ކުންފުނިތަކާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން މާލެ ސަރަހައްދުގައި 3،000 ފްލެޓު އެޅުމުގެ މަސައްކަތް ދާދި އަވަހަށް ފެށުމަށް ކަމާބެހޭ އުސޫލުތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫއު މި އަހަރު ނިމުމުގެ ކުރިން ފެށޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެެވެ. އަދި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން 4،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ވެސް މާލެ ސަރަހައްދުގައި ފަށާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް