މަރްޔަމް ނަހްދާ ވަޙީދު   11 ނޮވެމްބަރު 2025 - 18:16
މައްކާ ރޫޓް އިނީޝިއޭޓިވް ހިދުމަތް ދާއިމީ ކުރަން ސައުދީ ސަރުކާރާއި ރާއްޖެއިން ނިންމައިފިއެވެ.

މިނިންމުން ނިންމާފައިމިވަނީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، މައްކާ ރޫޓު އިނީޝިއޭޓިވްގެ ސުޕަވައިޒަރީ ކޮމެޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހުއެވެ. މި ބައްދަލުވުމުގައި އެކޮމިޓީގައި ހިމެނޭ ސައުދީގެ ހައްޖު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާއި އޭވިއޭޝަނާއި އިމިގްރޭޝަނާއި ޑިފެންސް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މައްކާ ރޫޓާ ބެހޭ އެންމެ މަތީ ކޮމިޓީން ވަނީ މައްކާ ރޫޓުގެ ދަށުން ޙައްޖުގެ ޚިދުމަތް ރާއްޖެއަށް ދާއިމީކޮށް ކުރިއަށް ގެންދެވުމަށް ނިންމަވާފައި ކަމަށެވެ.

މިދިޔަ އަހަރުގެ ޙައްޖަކީ، ރާއްޖެއަށް މައްކާ ރޫޓުގެ ތަޖުރިބާގެ ފަހަރު ކަމަށް ވުމާއެކު، މިކަމާމެދު ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ދިވެހި ސަރުކާރުގެ މުއައްސަސާތަކާއި، އެއަރޕޯޓާއި ކަސްޓަމްސްއާއި، އިމިގްރޭޝަނާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި، އޭވިއޭޝަން ސެކިއުރިޓީއާއި ރައްޔިތުން ދެއްވި އެއްބާރުލެއްވުމާއި މުހިންމުކަން ސަޢުދީ ސަރުކާރުން ވަނީ ފާހަގަ ކުރައްވާފައެވެ.

ދާއިމީ ގޮތެއްގައި މައްކާރޫޓް ރާއްޖެއަށް ހަމަޖެހިގެން ދިއުމަކީ ހައްޖުގެ އަޅުކަމުގެ ދަތުރު ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމެއް ކަމުގައި އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ހަމައެއާއެކު މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ދާއިމީކޮށްދެއްވާ، ދިވެހި ޙައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހަކަމެއް ހޯއްދަވައިދެއްވިކަމަށްޓަކައި ވަޒީރު ވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ ނަންފުޅުގައާއި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ސަޢުދީ ރަސްގެފާނާއި، ވަލީއަޙްދު އަދި ސަޢުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު