ކާށިދޫ ފަރަށް ބޯޓެއް އަރައި މިރޭ ހިނގި ހާދިސާގައި ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި މަރުވީ ބަނގުލަދޭޝް މީހެއް ކަމަށްވާ އެމްޑީ އަލަމްގީރް، 30 ކަމަށެވެ. އެ މީހާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް ފަރުމަތިން ކަމަށާއި ކާށިދޫ ސިއްހީ މަރުކަޒަށް އޭނާ ގެންދިޔައިރު ވެސް ވަނީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.

ފައިސަލާ ބޯޓު، ފަރަށް އެރީ މާލެއިން ފުރައިގެން ކ. ކާށިދޫ އަށް ދަތުރު ކުރަމުންދަނިކޮށެވެ.

އެމްއެންޑީއެފުން ބުނީ ފައިސަލާ ބޯޓު، ކާށިދޫ ފަރަށް އަރައިގެންއުޅޭކަމުގެ މައުލޫމާތު ލިބިގެން މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރި ވަމުންދާ ކަމަށެވެ. އެބޯޓުން 11 މީހުން ދަތުރުކޮށްފައިވާ ކަމަށާއި އޭގެތެރެއިން 10 މީހުން ސަލާމަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ "ފައިސަލާ" ބޯޓު ފަރަށް އެރުމާ ގުޅިގެން، ބޯޓުގައި ހުރި ގިނަ އަދަދެއްގެ މުދާތައް ކަނޑަށް އޮޔާދާކަމަށެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ އެންމެހާ ފަރާތްތަކުން ސަމާލުވެ، މުދާ އޮޔާދާ މަންޒަރު ފެނިއްޖެނަމަ ގާތުން ފުލުހުންނަށް ރިޕޯޓު ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް