ޝަރުޢީ ކޯޓުތަކަށް މި ސަރުކާރުގެ ނުފޫޒު އިންތިހާ އަށް ފޯރުވަމުންދާ ކަމީ އެންމެން ދަންނަ ހަޤީޤަތެއް ކަމަށް ދީނީ އިލްމްވެރިޔާ ޑރ. މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވީ ޖުޑިޝަރީއަކީ މިނިވަންކަމާއި ޢަދުލުވެރިކަމާއެކު ހިނގާނެ ތަނަކަށް ހަދަން ސަރުކާރުން ބޭނުންވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެެވެ.

ރައީސް މުޢިއްޒުގެ އެވާހަކަފުޅާއި ގުޅިގެން އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ކަން ވެސް ކުރައްވާ ޑރ. އިޔާޒު ވިދާޅުވީ އެމަނިކުފާނުގެ ޢަމަލުފުޅުތަކުން ފެނިގެންދިޔައީ އެބަސްފުޅުތަކާ ދިމާ އިދިކޮޅު ކަންތައްތަކެއް ކަމަށެވެ. އެގޮތުން ޑރ. އިޔާޒު ވިދާޅުވި ގޮތުގައި، ރައީސްގެ މަޞްލަޙަތު ހިމެނޭ މައްސަލައެއް އެމަނިކުފާނު ބޭނުން ނުވާ ގޮތަކަށް ނިމިދާނެކަމުގެ ބިރު އޮތުމުން، ތުހުމަތުތައް އުފަންކޮށްގެން ފަނޑިޔާރުން ބޭރުކޮށްފައިވާ ކަމަށެވެ.

އަދި، އެގޮތަށް ބޭރުކުރެވުނު ފަނޑިޔާރުންނާ ގުޅިގެން ހިނގި މައްސަލަތައް އަދިއަދަށްވެސް ޕާރކްކުރެވިފައިވާކަމަށް، ޑރ. އިޔާޒު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ޖުޑިޝަރީގެ މިނިވަންކަމާމެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އިޔާޒު ވިދާޅުވީ، ރާއްޖޭގެ ކޯޓުތަކަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް ފޯރުވާކަމީ މިހާރު ރާއްޖޭގެ އެންމެންނަށްވެސް އެނގޭ ޙަޤީޤަތެއް ކަމަށެވެ.

މިސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާ ކަމަށް ޑރ. އިޔާޒު ވިދާޅުވެފައިވާއިރު ސުޕްރިމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާދެއްވައި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު، މަގާމުން ވަކިކުރީ، މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، އިދިކޮޅުން ސުޕްރިމް ކޯޓަށް ވެއްދުމާ އެކު، ސުޕްރިމް ކޯޓުން އެ މައްސަލަ ބަލަނިކޮށް ކަން ފާހަަގަކުރެވެއެެވެ. އެ ގޮތުން، މިދިޔަ ފެބްރުވަރީ މަހު ޖޭއެސްސީން އަޒްމިރަލްދާއާއި މަހާޒާއެކު ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑުކުރުމުން ސުއޫދު ވަނީ މަގާމުން އިސްތިއުފާދެއްވާފައެެވެ. އަދި، މެއި 14 ވަނަ ދުވަހު މަޖިލީހުން ވަނީ މަހާޒާއި އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކޮށްފައެވެ. ޑރ. އިޔާޒުގެ ޕޯސްޓުގައި ރައީސްގެ މަސްލަހަތު އޮތް ކަމަށް ވިދާޅުވާ މައްސަލަ އަކީ އެއީ ކަމަށް ބެލެވެއެެވެ.

ސުއޫދާއި އަޒްމިރަލްދާ ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ އެއީ ސަރުކާރުން ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުމަށް، ފަނޑިޔާރުންނަށް ބިރުދައްކައި، ކޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ތުހުމަތުކޮށް ސަރުކާރަށް ފާޑުކިޔާފައެެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް