އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނަން އުޅޭ ބަދަލުތައް ހާމަނުކުރާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޑީޕީ މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކައުންސިލް އިންތިހާބާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށާއި، މަޝްވަރާކުރުމަށް އެ ޕާޓީން އިއްޔެ އިލެކްޝަންސް ކޮމިޝަން (އިސީ) އާ ވެސް ބައްދަލުކޮށްފައިވާ ކަމަށެވެ.

އެމްޑީޕީން ބުނީ ކައުންސިލުތައް އެކުލެވިގެންވާ ގޮތާއި، ކައުންސިލަރުންގެ އަދަދު މަދުކުރުމާއި އަދި އަތޮޅު ކައުންސިލްތައް އުވައިލުން ފަދަ، އެކިއެކި ބަދަލުތައް ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ވާހަކަ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ ވެރިން ދައްކަވަމުން ގެންދަވާ ކަމަށެވެ.

އަދި ލޯކަލް އިންތިހާބު ބޭއްވުމަށް ވަގުތު ކުޑަތަން ވަމުން އަންނައިރު ވެސް، އެ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައި ނުވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށް ނުވަތަ ހިޔާލަށް ވެސް ހުޅުވައިނުލާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އެމްޑީޕީން ބުނީ މިފަދަ ކަންބޮޑުވުންތައް އީސީއާ އެކު ބޭއްވި ބައްދަލުވުމުގައި ހިއްސާކުރުމުން، ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ރާވަމުންދާ ބަދަލުތަކަކީ ކޮބައިކަން އެ ކޮމިޝަނަށް ވެސް އަންގައިފައި ނުވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލާ މެދު އެ ކޮމިޝަނުގެ އެއްވެސް މަޝްވަރާއެއް ވެސް ހޯދައިފައި ނުވާ ކަމަށް ވެސް ބުނެފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެެވެ.

އެމްޑީޕީގެ ބަޔާނުގައި ތުހުމަތު ކޮށްފައިވާގޮތުގައި މިއީ ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ ފުރިހަމަ ބާރު ބޭނުންކޮށްގެން، އިންތިހާބީ ދާއިރާތަކާއި، ކައުންސިލުތައް އެކުލެވިގެންވާ ގޮތާއި، އަދި ކެންޑިޑޭޓުންގެ ޝަރުތުތައް ފަދަ، ލާމަރުކަޒީ ނިޒާމުގެ އަސާސީ ސިފަތަކާއި އުސޫލުތަކަށް އެންމެ ފަހު ވަގުތު ބަދަލު ގެނެސް، އިންތިހާބަށް ސީދާ ނުފޫޒު ފޯރުވުމަށް ސަރުކާރުން ރާވައިފައިވާކަން ހާމަވާ ކަމެކެވެ.

"އިންތިހާބީ އުސޫލުތަކަށް ބަދަލު ގެންނަ ކަމުގައިވާ ނަމަ، އެކަން އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތަކަށް ދުލާރައި އެންގުމާއެކު، ރައްޔިތުންނަށް އަވަހަށް ހާމަކުރުމަށް ސަރުކާރަށް ގޮވައިލަން." އެމްޑީޕީން ބަޔާނުގައި ބުނެފައިވެއެެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް