ރައީސް ޑރ.މުހައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ބައިވެރިންގެ މައްސަލަތައް ތަހުގީގުކުރެވޭ ދުވަހު އިބިލީސްވެސް ފިލާނެ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ދޭ މައާފެއް އެމަނިކުފާނު ބޭނުންފުޅުނުވާ ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް މިހާރު އުފުލާފައިވާ ދައުވާތަކުގެ މައްސަލަތައް ޝަރީޢަތުގެ ތެރެއިން ހައްލުވެގެންދާނެ ކަމަށް ޔާމިން ވިދާޅުވިއެވެ. ޔާމިން ވިދާޅުވީ ރައީސް މުޢިއްޒާއި އެމަނިކުފާނުގެ ބައިވެރިންގެ މައްސަލަތަށް ތަހުޤީޤު ކުރެވޭނެ ކަމަށާއި އެކަންކަން އެބޭފުޅުންގެ މައްޗަށް ސާބިތުނުވާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ. އަދި އެދުވަހަކުން ރައީސް މުޢިއްޒަށް މަޢާފު ދޭނެ މީހަކު ނުހުންނާނެ ކަމަށް ޔާމިން ވިދާޅުވިއެވެ.ރައީސް ޔާމީން ވިދާޅުވީ ރައީސް މުޢިއްޒާއި އެމަނިކުފާނުގެ މައްސަލަތައް ތަހުގީގު ކުރެވޭ ދުވަހު، އެމީހުންނަކީ " މުލުވަގަށް " ވެގެންދާނެ ކަމަށާއި، އެބޭފުޅުންގެ މައްސަލަތައް ތަހުގީގުކުރާ ދުވަހަކުން އިބިލީސްވެސް ފިލާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމިން ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެދޮރުވެރިކަމަށް ކުންފުންޏެއް އުފައްދައި، ބޯހިޔާވަހިކަމުގެ ޔުނިޓް އަޅަން ނިންމާފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެެވެ. ރައީސް ޔާމީން ވިދާޅުވީ މިހާރުގެ ސަރުކާރުން އެމް.އޭ.ސީ.އެލްއިން ބޭނުންކޮށްގެން ނުކުރެވޭނެ ކަންކަން ކޮށް، ވިޔާނުދާ ކަންތައްތައް ކުރަމުންދާކަމަށެވެ. އަދި ދެވަނައަށް އެފަދަ ކަމެއްކުރަމުންދަނީ ބޭންކް އޮފް މޯލްޑިވްސްއިން ކަމަށް ޔާމިން ވިދާޅުވިއެވެ. އެގޮތުން ބީއެމްއެލް އިން ގެދޮރުވެރިކަމަށް ކުންފުންޏެއް އުފައްދައި، 3000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ހަވާލުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މިއީ ބޭންކް އޮފް މޯލްޑިވްސްއަށް ގާނޫނީ އެއްވެސް އުސޫލަކުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މިފަދަ ކަންކަމަކީ ހިންގާ ބޮޑެތި ޖަރީމާތަކެއް ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ބީއެމްއެލްގައި ހުންނަ ފައިސާއަކީ މުވައްޒަފުންގެ ފައިސާއެއް ނޫން ކަމަށާއި، އެއީ ރައްޔިތުންނާއި ސަރުކާރު ކުންފުނިތަކުގެ ފައިސާ ނުވަތަ ޑިޕޮސިޓަރުންގެ ފައިސާ ކަމަށެވެ. މިހާރު ބީއެމްއެލް މުވައްޒަފުންނަށް ގެދޮރު ގަތުމަށް ދޫކުރާ ލޯނަށް 2.5% ގެ އިންޓަރެސްޓެއް ނަގާއިރު، އާންމު ރައްޔިތުންނަށް 11% އިންޓަރެސްޓުގައި ލޯނު ދޫކުރުމަކީ އިންސާފެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެެވެ. އެގޮތުން، މުވައްޒަފުން 35،000 ރުފިޔާ ދައްކަން ޖެހޭއިރު، އާންމު ރައްޔިތުންނަށް ދައްކަން ޖެހޭ އަދަދާ ދެމެދު ވަރަށް ބޮޑު ތަފާތެއް ހުންނަކަން ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެެވެ.

"މުޅި ނިޒާމް އޮޅުންބޮޅުންގަނޑަކަށް މިގެންދަނީ. ކުންފުނިތައް ހަދައިގެން މިވަނީ 3000 ހައުސިން ޔުނިޓް އެޅުމަށް ބިން ހިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި. މިކީ ބީއެމްއެލްއަށް ކުރެވޭނެ ކަމެއް ނޫން. މިއީ ހިންގާ ބޮޑެތި ޖަރީމާތައް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމިން އިތުރަށް ވިދާޅުވީ ރައްޔިތުންނަށް އަތްފޯރާ އަގުގައި ގެދޮރުވެރިކަން ފޯރުކޮށްދިނުމަށް އެންމެންވެސް އެދޭ ކަމަށެވެ. ރައީސް ޔާމީން ވަނީ ކަންކަން ކުރާނަމަ ގާނޫނާއި އިޖުރާއަތުގެ ތެރެއިންނާއި އުސޫލުތަކާ އެއްގޮތަށް ކުރުމަށް ސަރުކާރަށް ގޮވާލައްވާފައެެވެ. އެ ނޫންގޮތަކަށް ކޮންމެ ކަމެއް ކުރިޔަސް އެއީ ކޮރަޕްޝަންގެ ޢަމަލަކާ ގުޅިގެންދާނެ ކަމަށް ޔާމިން ވިދާޅުވިއެެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް