ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ޞިއްޙީ އާދަތަކަށް ޅައިރުއްސުރެ އަޅުގަނޑުމެން އަހުލުވެރިވުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެކްސް ޕޯސްޓެއްގައި ވިދާޅުވީ ކެއިންބުއިމާއި، ހަރަކާތްތެރިވުމާއި، ދުވަހުގެ ތާވަލު ރާވާލުމުގައިވެސް ޞިއްޙަތަށް ސަމާލުވާން ޖެހޭކަމަށާއި ހަށިގަނޑަށް ގެއްލުން ހުރި ކަންކަމާ ދުރުހެލިވުމުގެ ތަރުބިއްޔަތު ލިބިގަންނަން ޖެހޭކަމަށެވެ. އަދި މިކަންކަމަށް މުޖްތަމަޢު ހޭލުންތެރި ކުރުވުމަށް އަމިއްލަ ޖަމާޢަތްތަކާއި ފަރުދުންގެ ފެންވަރުގައި ކުރައްވާ މަސައްކަތްތަކަށް ރައީސް ވަނީ ޝުކުރުއަދާކުރައްވާފައެެވެ. އެމަނިކުފާނު ވަނީ ދިވެހީންނަކީ ބަލިތަކާ ދުރު ދުޅަހެޔޮ ބައެއްގެ ގޮތުގައި ދެމިތިބެ، ޤައުމު ބިނާކޮށް ބާއްޖަވެރި ދިރިއުޅުމެއް ހޯދުމުގެ ޢަޒުމު އާކުރަން ގޮވާލައްވާފައެވެ.

ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ ދުވަހާއިގުޅޭ މެސެޖެއް އެކްސް މެދުވެރިކުރައްވައި ހިއްސާކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި ވިދާޅުވީ ޞިއްޙަތު ރަނގަޅު އާބާދީއެއް އޮތް މުޖްތަމަޢެއް ރާއްޖޭގައި ބިނާކުރެވޭނީ އެންމެން އެއްބާރުލައިގެންކަމަށެވެ. އަދި ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ހޯދައި، ޞިއްޙީ އާދަތަކުގައި ހިފެހެއްޓުމަކީ ކޮންމެ ދުވަހެއްގެ އާދައަކަށް ހެދުމަށް ގޮވާލެއްވިއެވެ. އެކަމަނާގެ މެސެޖު ނިންމަވާލެއްވީ ހަކުރުބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުން އެންމެ ދުރުހެލި، އަދި މިފަދަ ބަލިތަކަށް އެންމެ އިތުބާރާއެކު ފަރުވާދެވޭ އެއް ޤައުމަކަށް ދިވެހިރާއްޖެ ހެދުމުގެ ލަނޑުދަނޑި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކުގައި މަސައްކަތްކޮށް ޙާޞިލް ކުރެވޭނެކަމުގެ އުންމީދު އައުކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް