ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކަށް –މަޖުބޫރުކޮށް ފައިސާ ދީގެން މީހުން މާލެ ގެނެސް ވެރިކަން ކުރާ ޕީއެންސީ މިރޭ ބާއްވާ ޖަލްސާ ސަރުކާރަށް އޮތް ތާއީދު ކަަމަށް ދެއްކުމަކީ މޮޔަކަމެއް ކަމަށް ދީނީ އިލްމްވެރިޔާ ޑރ. މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާއި ދިމާކޮށް ވެރިކަން ކުރާ ޕީއެންސީން މިރޭ ވަނީ އާޓިފިޝަލް ބީޗުގައި ބޮޑު ޖަލްސާ އެއް ބާއްވަން ނިންމާފައެވެ. އެޖަލްސާގައި ބައިވެރިވުމަށް އެތަށް ބަޔަކު މާލެ ގެންނަމުންދާއިރު އޭގެތެރޭގައި ރަށްރަށުގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނާއި ސިޔާސީ ފަރާތްތަށް ވެސް ހިމެނެއެވެ.

އެކަމަަށް އިޝާރަތް ޑރ. އިޔާޒު ވިދާޅުވީ، ސިޔާސީ މަޤާމުތަކުގައި ތިބޭ މީހުންނަށް މަޖްބޫރުކޮށްގެން، އަދި މީސްތަކުންނަށް ފައިސާ ދީގެން މާލެ ގެނެސް ކިތަންމެ ބޮޑު ޖަލްސާއެއް ބޭއްވިނަމަވެސް، އެއީ ސަރުކާރަށް އޮތް ތާއީދުކަމުގައި ދެކުމަކީ ހަމަ އެކަނި މޮޔަކަމެއް ކަމަށެވެ.

ޑރ. އިޔާޒު ވިދާޅުވީ މީސްތަކުންގެ ލޯމައްޗަށް ދަޅަ ދެއްކުމުގެ ބަދަލުގައި، ފައިދާ ކުރަނިވި ކަމެއް ކޮށްދީފިނަމަ ދެދުނިޔޭގައިވެސް ފައިދާކުރާނެ ކަމަށެވެ. ނަމަވެސް، މިހާރު ހިނގަމުންދާ ކަންކަމަށް އިޝާރާތް ކުރައްވައި ޑރ.އިޔާޒު ވިދާޅުވީ ބޭކާރު ގޮތުގައި ފައިސާ ތަޅާ ބުރުވާ، އަދި އޮށްޓަރެއް ހުރި އެއްވެސް ކަމެއް ރައްޔިތުންނަށް ކޮށްނުދެވުނީމާ، ވެރިކަމުން ފައިބަންޖެހޭ ދުވަހު ވައްކަޅިންވެސް ބަލައިލާނެ މީހަކު ނުވާނެކަން ހަނދާން ބަހައްޓަން ޖެހޭނެ ކަމަށެވެ.

ޑރ.އިޔާޒް ވަނީ ރައީސް މުޢިއްޒު ވެރިކަމަށް ގެނައުމަށް އެމަނިކުފާނާއި ބައިޢަތު ހިއްޕެވި ސަތޭކަ ޢީލްމުވެރިން މިފަދަ ވާހަކަތައް ބުނެނުދެއްވަނީތޯ އައްސަވައި ނޫންނަމަ، އެބޭފުޅުން ކިތަންމެ ވަރަކަށް ނަޞޭޙަތް ދެއްވިނަމަވެސް، ރައީސް އަޑު ނާއްސަވަނީތޯ ސުވާލު ކުރައްވާފައެވެ.

ޑރ.އިޔާޒު މިހެން ވިދާޅުވެފައިވާއިރު ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ވެރިކަންކުރާ ޕީއެންސީ އިން މިރޭ ބާއްވާ ޖަލްސާ އާއި ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު އެކަނި 50 އަށްވުރެ ގިނަ ފްލައިޓު ލޭންޑު ކުރެއެެވެ.

އެ ޖަލްސާއަށް 50 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަބްދުރަހްމާން ވަނީ ތުހުމަތުކުރައްވާފަ އެވެ. އަބްދުއްރަހްމާން ވިދާޅުވީ ޕީއެންސީގެ ޖަލްސާގައި ބޮޑު މަންޒަރު ދެއްކުމަށް އަންލިމިޓެޑް ބަޖެޓެއް އޮތް ވާހަކައިގެ އިތުރުން 50 މިލިއަން ރުފިޔާ ހަރަދުވާ ވާހަކަ ވެސް އަޑުއިވިފައިވާ ކަމަށެވެ. އަދި ޕީއެންސީގެ ޖަލްސާއަށް ގެންނަ މީހުންނަށް އެއާބަސް ޗާޓަރުކޮށް، ޓިކެޓްދީ، ކަނޑުތަރުކުރާ އެތަށް އުޅަނދެއް ކުއްޔަށް ނަގައި، ޕޮކެޓްމަނީ އާއި ކެއުމުގެ އިތުރުން އެކޮމޮޑޭޝަން ވެސް ހަމަޖައްސަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް