ޤައުމުގައި ހަމަޖެހުން ޤާއިމު ކުރެވޭނީ، މާލެ އާއި ރާއްޖޭގެ އެހެން ރަށްތަކަށް ހަމަހަމަ ގޮތެއްގައި ތަރައްޤީ ގެނެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ޕީއެންސީން މާލޭގައި ރޭ ބޭއްވި ބޮޑު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި މާލެއެކޭ އެއްފަދައިން ރާއްޖޭގެ އެހެން ރަށްތަކަށް ވެސް ތަރައްޤީ ހާސިލު ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

"ހަމައެކަނި މާލޭގައިތޯ ކަންކަން ކުރަން ޖެހެނީ؟ ހަމައެކަނި ސިޓީތަކުގައި އެކަނިތޯ ކަންކަން ކުރަން ޖެހެނީ؟ ހަމައެކަނި އަތޮޅުގެ ވެރިކަން ކުރާ ރަށްރަށުގައި އެކަނިތޯ ތަރައްގީ ގެންނަން ޖެހެނީ،" ރައީސް މުއިއްޒު ސުވާލު ކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، އެ މަނިކުފާނު ވެރިކަމަށް ވަޑައިގެން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި، މިދިޔަ 45 ވަރަކަށް އަހަރުގެ ތެރޭގައި އެެއްވެސް ރައީސަކު ވަޑައިނުގަންނަވާ ރަށްތަކަށް ޒިޔާރާތް ކުރެއްވުނު ކަމަށެވެ. އެކަމާ މެދު ހައިރާންވެވަޑައިގަންނަވާ ކަމަށާއި އެއީ ސީދާ އިހުމާލު ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އެ ރަށްތަކާއި މާލެއަކީ ވެސް އެ މަނިކުފާނަށް ހަމަހަމަ ތަންތަން ކަމަށާއި، އެ ތަންތަނުގައި ވެސް ދިރިއުޅެމުން އަންނަނީ ދިވެހި ރައްޔިތުން ކަމަށް ރައީސް ވިދާޅުވި އެވެ.

މާލެއާ އެއް ފެންވަރަށް ރަށްރަށުގައި ޚިދުމަތް ދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން މިހާރު ކޮންމެ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިޔަފާރިތައް ކުރިއެރުވުމަށް އޭޓީއެމްތަކާއި ޑޮލަރު އޭޓީއެމްތައް ވެސް ރަށްރަށުގައި ބަހައްޓަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެގޮތުން، އަންނަ މާޗު މަހުގެ ނިޔަލަށް އިތުރު 70 ޑޮލަރު އޭޓީއެމް ބަހައްޓާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ކުރި މަސައްކަތުގެ ތެރެއިން، މިވަގުތު ފުލުހުންގެ ޚިދުމަތް ނެތް އެންމެ ރަށެއް ވެސް ރާއްޖޭގައި ނެތް ކަމަށް ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މިވަގުތު ރާއްޖޭގެ އެކި ހިސާބުތަކުގައި 1،875 މަޝްރޫއު ކުރިއަށް އެބަދެ އެވެ. އޭގެ ތެރެއިން 1،356 މަޝްރޫއުއަކީ މި ސަރުކާރުން ސޮއިކޮށް ހަވާލުކޮށްފައިވާ މަޝްރޫއުތައް ކަމަށާއި، މި ހުރިހާ މަޝްރޫއުތަކަކީ ވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ބަހާލައިގެން ހިނގަމުންދާ މަޝްރޫއުތައް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ތަރައްގީގެ ދާއިރާގައި އެންމެ މުހިއްމީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެކި ކުންފުނިތަކާ ހަވާލުކޮށްގެން 13 ރަށެއްގައި 825 ޔުނިޓް އަޅަމުން އަންނަ ކަމަށެވެ. އަދި އިތުރަށް 16 ރަށެއްގައި 1،100 އެއްހާ ޔުނިޓް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި، 3،000 ހައުސިން ޔުނިޓް އެޅުމަށް ބޭންކް އޮފް މޯލްޑިވްސްއާ ވެސް ހަވާލުކޮށްފައިވާ ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ރައްޔިތުން ބާރުވެރިކުރުވުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ. އެގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކު ހެދުމަށާއި، ކަސްރަތުކުރާ ޖިމް (ފިޓްނަސް ސެންޓަރު) ހެދުމަށް ވެސް މަސައްކަތްތައް ހަވާލުކުރެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ކޮންމެ ރަށެއްގައި މިކުރަނީ. ކޮންމެ ރަށެއްގެ ތިބީ ދިވެހި ރައްޔިތުން ވީމާ ހަމަހަމަވީމާ އެގޮތަށް އެކަން ކޮށްގެން މި ޤައުމުގައި ހަމަޖެހުން ޤާއިމްވާނީ. ޙަޤީޤީ މާނައިގައި ތަރައްޤީ އަޅުގަނޑުމެންނަށް ޙާސިލްވާނީ. އަޅުގަނޑުމެންގެ ޢުމްރާނީ ތަރައްޤީގެ ސިޔާސަތުތައް ވެސް އެކެއް ދަނީ އެގޮތަށް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ހުރިހާ ރަށެއްގައި ވެސް ތަރައްޤީގެ މަޝްރޫޢުތައް މިހާރު ފެށިފައިވާ ކަމަށާއި، މި ތަފްސީލުތައް ކުރިއަށް ހާމަކުރައްވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް