މަރްޔަމް ނަހްދާ ވަޙީދު   15 ނޮވެމްބަރު 2025 - 10:43
ލޭގެ ޕްރެޝަރު ބަލަނީ-
ލޭގެ ޕްރެޝަރު ބަލަނީ-
ހައިޕަޓެންޝަން ނުވަތަ ލޭގެ ޕްރެޝަރު މަތިވުމަކީ ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ ބޮޑު ސިއްހީ މައްސަލައެކެވެ. މިއީ ހިތާއި ލޭހޮޅިތަކަށް ނުރައްކާތެރި އަސަރުތަކެއް ކުރާ ބައްޔެއް ނަމަވެސް، މީގެ ސަބަބުން ސިކުނޑިއަށް ކުރާ ގެއްލުންތަކަކީ އެހާމެ ބޮޑެތި އަދި ނުރައްކާތެރި ކަންކަމެވެ. ސިކުނޑިއަކީ ހަށިގަނޑުގެ ހުރިހާ މަސައްކަތެއް ކޮންޓްރޯލް ކުރާ މަރުކަޒުކަމުން، އެއަށް ލިބޭ ކޮންމެ ގެއްލުމަކީ ހަޔާތަށް ނޭދެވޭ އަސަރުތަކެއް ކުރުވާނެ ކަމެކެވެ.

ސިކުނޑީގައިވާ ލޭ ހޮޅިތަކަކީ ސިކުނޑިއަށް ބޭނުންވާ އޮކްސިޖަންއާއި ކާނާ ފޯރުކޮށްދޭ މުހިންމު ނިޒާމެކެވެ. ހައިޕަޓެންޝަން ހުންނަ ނަމަ މި ލޭހޮޅިތަކަށް ގެއްލުން ލިބެއެވެ. އެގޮތުމް ލޭހޮޅިތައް ހަރުވެ، ހަނިވެ، ފަސޭހައިން ފަޅައިގެން ދިއުމުގެ ފުރުސަތު ބޮޑުވެއެވެ. މިކަމުގެ ސަބަބުން ސިކުނޑިއަށް ލޭ ފޯރުކޮށްދިނުމުގައި ބުރޫ އަރައި، ސިކުނޑީގެ ސެލްތަކަށް ބޭނުންވާ މާއްދާތައް ނުލިބި މަރުވެދާނެއެވެ. މިއީ ސިކުނޑީގެ މަސައްކަތަށް ސީދާ އަސަރުކުރާ ކަމެކެވެ.

ހައިޕަޓެންޝަންގެ ސަބަބުން ސިކުނޑިއަށް ލިބޭ އެންމެ ނުރައްކާތެރި ގެއްލުމަކީ ސްޓްރޯކް ޖެހުމެވެ. ސްޓްރޯކް އަކީ ސިކުނޑީގެ ބަޔަކަށް ލޭ ފޯރުކޮށްދިނުން ކުއްލިއަކަށް ހުއްޓިގަތުމުގެ ސަބަބުން އެ ބައިގައިވާ ސެލްތައް މަރުވުމެވެ. މަތީ ލޭގެ ޕްރެޝަރުގެ ސަބަބުން އިސްކެމިކް ސްޓްރޯކް (ލޭހޮޅި ބެދިގެން ލޭދައުރުކުރުން ހުއްޓިގެން) އަދި ހެމޮރޭޖިކް ސްޓްރޯކް (ލޭހޮޅި ފަޅައިގެން ލޭ ބޭރުވެގެން) ވެސް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. ސްޓްރޯކްގެ ސަބަބުން ހަށިގަނޑުގެ ބައެއް ނުކުޅެދުން، ވާހަކަ ދެއްކުމަށް އުނދަގޫވުން، އަދި ސިކުނޑީގެ މުހިންމު މަސައްކަތްތަކަށް ބުރޫ އެރުން ފަދަ ނަތީޖާތަކެއް ކުރިމަތިވެއެވެ.

ދިގު މުއްދަތަށް ކޮންޓްރޯލް ނުކުރެވޭ ހައިޕަޓެންޝަންގެ ސަބަބުން "ވެސްކިއުލަރ ޑިމެންޝިއާ" ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. މިއީ ސިކުނޑީގައިވާ ކުދި ލޭހޮޅިތަކަށް ގެއްލުން ލިބި، ލޭހޮޅިތަކުން ސިކުނޑީގެ ސެލްތަކަށް އެކަށީގެންވާ ވަރަށް އޮކްސިޖަންއާއި ކާނާ ނުލިބުމުގެ ސަބަބުން ސިކުނޑީގެ މަސައްކަތްތައް ދަށްވުމެވެ. މި ޑިމެންޝިއާގެ ސަބަބުން ހަނދާން ބަލިކަށިވުމާއިޠ ވިސްނުމުގެ ގާބިލްކަން ކުޑަވުމާއި، މައްސަލަތައް ހައްލުކުރުމަށް އުނދަގޫވުން، އަދި ނިންމުންތައް ނިންމުމަށް ދަތިވުން ފަދަ އަލާމާތްތައް ފެންނަށް ފަށައެވެ.

ސްޓްރޯކް ނުޖެހުނަސް، ދިގު މުއްދަތަށް ހައިޕަޓެންޝަން ހުރުމުގެ ސަބަބުން ސިކުނޑީގެ ކޮގްނިޓިވް ގާބިލްކަން ދަށްވެދާނެއެވެ. މިކަމުގެ ސަބަބުން އެއްޗެއް ހަނދާން ނައްތާލުން ނުވަތަ ސަމާލުކަން ދިނުމަށް އުނދަގޫވުން، އަދި މައުލޫމާތު ދިރުވައި ހަޖަމުކުރުމުގެ ބާރު ދަށްވުން ފަދަ ކަންކަން ކުރިމަތިވެއެވެ. މިއީ ސިކުނޑީގެ ކުދި ލޭހޮޅިތަކަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ސިކުނޑީގެ "ވައިޓް މެޓަރ" ގައި އުފެދޭ ކުދިކުދި ޒަޚަމްތަކާ ގުޅިފައިވާ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް