ޓެކްސް ކޮމިޝަނަރު ހަސަން ޒަރީރު
ޓެކްސް ކޮމިޝަނަރު ހަސަން ޒަރީރު
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުވައްޒަފުންގެ މުސާރަތައް ޕްރައިވެޓް ސެކްޓަރާއި ދައުލަތުގެ އެހެން ބައެއް މުއައްސަސާތަކާ އަޅައިބަލާއިރު ކުޑަކަމުން، މުވައްޒަފުން ހިފެހެއްޓުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށް، އެ އޮތޯރިޓީން މިއަދު ރައްޔިތުންގެ މަޖިލީހުގައި ބުނެފިއެވެ.

ޓެކްސް ކޮމިޝަނަރު ހަސަން ޒަރީރު މިއަދު ވިދާޅުވީ، މުވައްޒަފުންގެ މުސާރަތައް ކުޑަވުމުގެ ސަބަބުން މީރާއަށް މުވައްޒަފުން ހޯދުމާއި، ތަމްރީނު ކޮށްފައިވާ މުވައްޒަފުން އެހެން ތަންތަނަށް ބަދަލުވުން ހުއްޓުވަން ދަތިވެފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޒަރީރު ހިއްސާކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ އަހަރުތަކުގައި މީރާގެ މުވައްޒަފުންގެ ޓާންއޯވާ ނުވަތަ ވަޒީފާއިން ވަކިވާ މުވައްޒަފުންގެ އަދަދު ހުރީ 17 ޕަސެންޓުގައެވެ. ނަމަވެސް، މި އަހަރު މި އަދަދު ވަނީ ކަންބޮޑުވާ މިންވަރަކަށް 21 ޕަސެންޓަށް އުފުލިފައެވެ.

ޒަރީރު ވިދާޅުވީ، މީރާއަކީ މަސައްކަތުގެ ވަގުތު ގިނަ، އަދި އެހެން މަސައްކަތެއް ކުރުން ވަރަށް ހަރުކަށިކޮށް މަނާ އިދާރާއެއް ނަމަވެސް، 15 އަހަރުގެ ތެރޭގައި މުސާރައިގެ ގޮތުން ރަނގަޅު ބަދަލުތަކެއް އައިސްފައި ނުވާކަމަށެވެ. މީރާ ފަށައިގަތް އިރު މުސާރަތައް ރަނގަޅު ވުމުން މުވައްޒަފުންގެ މައްސަލައެއް ދިމާނުވި ނަމަވެސް، މިހާރު މީރާއަކީ ވަޒީފާއަށް ދާން "އެޓްރެކްޓިވް" ތަނެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މުވައްޒަފުން ހޯދުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން، މީރާއަށް ހުއްދަ ލިބިފައިވާ އަދަދަށް ވެސް އެ އިދާރާގައި މުވައްޒަފުން ނޫޅެއެވެ. ޒަރީރު ވިދާޅުވި ގޮތުގައި، އިދާރާގެ އޮނިގަނޑުގައި 370 މަގާމު ހުއްޓަސް، 337 މަގާމަށް އެޕްރޫވަލް ލިބިފައި އޮތުމުން ވެސް، މިހާރު ތިބެނީ އެންމެ 290 މުވައްޒަފުންނެވެ. ވަޒީފާގެ އިއުލާނުތަކަށް ވެސް މާ ބޮޑު އިޖާބައެއް ނުލިބޭ ކަމަށާއި، މިކަމުގެ ސަބަބުން ރަށްރަށުގައި ހުރި މީރާގެ އޮފީސްތައް ހިންގަން ދަތިވެ، ބަންދު ކުރާ ހިސާބަށް ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުވައްޒަފުން ހިފެހެއްޓުމުގައި އިތުރަށް ދަތިވާ އެއް ސަބަބަކީ، މީރާގެ މުވައްޒަފުންނަށް ޕްރައިވެޓް ސެކްޓަރުން ބޮޑު ޑިމާންޑެއް އޮތުމެވެ. އެއީ މީރާގެ މުވައްޒަފުންނަކީ ރަނގަޅަށް ތަމްރީނުކޮށްފައިވާ އަދި މަސައްކަތުގެ ކޮލިޓީއާ މެދު އިތުބާރު އޮންނަ ބައެއް ކަމަށް ވާތީއެވެ. މިކަމުގެ މިސާލެއް ދެއްވުމަށްޓަކައި ޒަރީރު ވަނީ މިއަދު ފެށި ޓެކްސް ކޮންފަރެންސްގެ ބައިވެރިންނަށް އަލިއަޅުވާލައްވާފައެވެ.

އޭނާ ވިދާޅުވީ، އެ މަހާސިންތާގެ ޕެނަލްތަކަށް އަރާ ތިބެނީ މީރާގެ ސީނިއާ މުވައްޒަފުންނާއި ޕްރައިވެޓް ސެކްޓަރުގެ ސީނިއާ މުވައްޒަފުން ކަމަށާއި، އަދި މުޅި ހޯލު ބަލައިލާއިރު، މުޅި ހޯލުގައި ވެސް ތިބީ މީރާގެ ކުރީގެ މުވައްޒަފުން ކަމަށެވެ.

މުސާރައިގެ މައްސަލަތަކުގެ އިތުރުން މަސައްކަތު މާހައުލުގައި ހުރި ދަތިތަކުގެ ސަބަބުން ވެސް މީރާގައި މަސައްކަތް ކުރަން މީހުން ބޭނުންނުވާ ކަމަށް ޒަރީރު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ބައެއް ތަންތަނުގައި 50 މުވައްޒަފުން އެއް ފާހަނާ ބޭނުންކުރަން ޖެހޭއިރު، މީރާއިން މަސައްކަތް ކުރަމުން ދަނީ ވަރަށް ކުދި، ތޮއްޖެހިފައިވާ ތަންތަނުގައެވެ.

މިކަންކަން ހައްލުނުކުރެވިއްޖެނަމަ މީރާގެ މަސައްކަތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް، ކޮމިޓީގައި ފާހަގަ ކުރައްވަމުން ޓެކްސް ކޮމިޝަނަރު ވަނީ، ޕްރައިވެޓް ސެކްޓަރާ އެއްވަރުގެ މުސާރައެއް ނުދެވުނަސް، ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންނާ އެއްވަރުގެ މުސާރައެއް މީރާގެ މުވައްޒަފުންނަށް ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް