މަރްޔަމް ނަހްދާ ވަޙީދު   16 ނޮވެމްބަރު 2025 - 11:41
އިންސާނާގެ ހަށިގަނޑުގެ ސިއްހަތަށް ބަލާއިރު ގޮހޮރުގެ ސިއްހަތަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ގޮހޮރުގެ ސިއްހަތު ރަނގަޅުވުމަކީ ހަށިގަނޑަށް ކާނާ ހަޖަމުކުރުމާއި، ބަލިތަކުން ދިފާޢުވުމާއި، އަދި ނަފްސާނީ ގޮތުންވެސް ދުޅަހެޔޮކޮށް ހުރުމަށް އެހީތެރިވެދޭ ކަމެކެވެ. ގޮހޮރުގެ ސިއްހަތު ދަށްވުމަކީ އެތައް ބަލިތަކަކަށް މަގުފަހިވާ ކަމެކެވެ. މިފަހަރު މި ހިމަނާލަނީ ގޮހޮރުގެ ސިއްހަތު ރަނގަޅުކުރުމަށް ކުރެވިދާނެ 4 ކަމެކެވެ.

ފުރަތަމަ ކަމަކީ، ފައިބަރު ގިނަ ކާނާ ބޭނުންކުރުމެވެ.ފައިބަރަކީ ހަށިގަނޑުގެ ކާނާ ހަޖަމުކުރުމުގެ ނިޒާމަށް ނުހަނު ފައިދާހުރި މާއްދާއެކެވެ. ފައިބަރު ބެހިގެންވަނީ 2 ބަޔަކަށެވެ. އެއީ ސޮލިއުބަލް ފައިބާ އަދި އިންސޮލިއުބަލް ފައިބާއެވެ. ސޮލިއުބަލް ފައިބަރު ފެނުގައި ގިރިގެން ޖެލީއެއްގެ ގޮތަށް ބަދަލުވެ، ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށް، ކޮލެސްޓްރޯލް ދަށްކުރުމަށް އެހީވެދެއެވެ. އަދި އިންސޮލިއުބަލް ފައިބާއަކީ ބޮޑުކަމުދިއުން ފަސޭހަކޮށް، ބަނޑުހަރުވުން ފަދަ މައްސަލަތަކުން މީހާ ރައްކާތެރިކޮށްދޭ އެއްޗެކެވެ.

ދެވަނަ ކަމަކީ، ޕްރޯބަޔޮޓިކްސް ގިނަ ކާނާ ބޭނުންކުރުމެވެ.ޕްރޯބަޔޮޓިކްސް އަކީ ގޮހޮރުގެ ސިއްހަތަށް ފައިދާހުރި ދިރޭ ޖަރާސީމުތަކެކެވެ. މި ޖަރާސީމުތައް ގޮހޮރުގެ ތަފާތު ބައިތަކުގައި ހުރުމަކީ ކާނާ ހަޖަމުކުރުމަށް އެހީވެ، ބަލިތަކުން ހަށިގަނޑު ދިފާޢުކޮށްދިނުމަށް ވަރަށް މުހިންމު ކަމެކެވެ. ޕްރޯބަޔޮޓިކްސް ގިނައިން އެކުލެވޭ ކާނާގެ ތެރޭގައި ޔޯގަޓް، އަދި ކިރުގެ ބާވަތްތައް ހިމެނެއެވެ. މިފަދަ ކާނާ ގަވާއިދުން ބޭނުންކުރުމަކީ ގޮހޮރުގައި ހުންނަ ޖަރާސީމުގެ ހަމަހަމަކަން ދެމެހެއްޓުމަށް އެހީވެދޭނެ ކަމެކެވެ.

ތިންވަނަ ކަމަކީ ގިނައިން ފެން ބުއިމެވެ. ފެނަކީ ހަށިގަނޑުގެ ކޮންމެ ކަމެއްގައިވެސް ވަރަށް މުހިންމު އެއްޗެކެވެ. ގިނައިން ފެން ބުއިމަކީ ކާނާ ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދީ، ގޮހޮރު ހަރުވިޔަ ނުދިނުމަށް އެހީވެދޭ ކަމެކެވެ. ހަމައެހެންމެ، ގޮހޮރުގެ އެތެރޭގައި ހުންނަ މިއުކަސް ލައިނިން ރަނގަޅުކޮށް ބެހެއްޓުމަށާއި، ކާނާގެ މާއްދާތައް ހަށިގަނޑަށް ނެގުމަށް ފެން ބުައިމުން އެހީތެރިވެދެއެވެ. ދުވާލަކު 8-10 ތަށި ފެން ބުއިމަކީ އާއްމުކޮށް ގޮހޮރުގެ ސިއްހަތަށް ވަރަށް ފައިދާހުރި ކަމެކެވެ.

ހަތަރުވަނަ ކަމަކީ، ސްޓްރެސް ކުޑަކޮށް، ގަވާއިދުން ކަސްރަތު ކުރުމެވެ. ސިކުނޑިއާއި ގޮހޮރާއި ދެމެދު ވަރަށް ބޮޑު ގުޅުމެއް ވެއެވެ. މި ގުޅުމަށް "ގަޓް-ބްރެއިން އެކްސިސް" ނުވަތަ ގޮހޮރު-ސިކުނޑީގެ މަގުވެސް ކިޔައެވެ. ސްޓްރެސް އާއި ކަންބޮޑުވުން ގިނަވުމަކީ ގޮހޮރުގެ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ. މިސާލަކަށް، ބަނޑުގައި ރިއްސުމާއި، ބަނޑު ހަރުވުމާއި ބޭރަށް ހިންގުން ފަދަ މައްސަލަތައް ދިމާވެދާނެއެވެ. ހަމައެއާއެކު ގަވާއިދުން ކަސްރަތު ކުރުމަކީ ގޮހޮރުގެ ސިއްހަތު ރަނގަޅު ކުރުމަށް ވަރަށް އެހީތެރިވާ ކަމެކެވެ. ކަސްރަތު ކުރުމަކީ ގޮހޮރުގެ ހަރަކާތްތައް ރަނގަޅުކޮށްދީ، ދުޅައެރުން ކުޑަކޮށް، ގޮހޮރުގެ ޖަރާސީމުތައް ބެލެންސް ކޮށްދޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް