ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީންއަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ސަލާމަތްކޮށްދޭ މީހާ ކަމުގައި އެމަނިކުފާނު ވިދާޅުވާ އީމެއިލްތަކެއް އާންމު ވެއްޖެއެވެ.

ސޯޝަލް މީޑިއާގައިވެސް ވަރަށް ބޮޑަށް މިހާރު ވައިރަލްވެފައިވާ މި އީމެއިލްތަކަކީ އެމެރިކާ ޕާލަމެންޓްގެ ތިރިގެ، ކޮންގްރެސްގެ "ހައުސް އިންސައިޓް ކޮމިޓީ" އިން އާއްމުކުރި 20،000 ފައިލްގެ ތެރޭގައި ހިމެނޭ މައުލޫމާތުތަކެވެ.

އެޕްސްޓީންއާއެކު ވަހީދު ވަރަށް ގާތް ގުޅުމެއް ބާއްވާފައިވާކަން އީމެއިލްތަކުން ހާމަވާއިރު، އޭނާ އަކީ ބޮޑެތި ކަންކަމުގައި އިރުޝާދު ހޯއްދަވާ ވަރުގެ ގާތް މީހެއްގެ ގޮތުގައި ވަހީދު ގެންގުޅުއްވާފައި ވާކަންވެސް ވަނީ ހާމަވެފައެވެ.

އެގޮތުން ވަހީދު އެޕްސްޓީންގެ އިރުޝާދު ހޯއްދެވި ބޮޑެތި ކަންްތައްތަކުގެ ތެރޭގައި ރާއްޖޭގެ މާލީ ކަންކަމާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ސްޓެރެޓެޖީ ހިމެނެއެވެ.

އދ. ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ތަގުރީރު ކުރައްވަން، 2012 ވަނަ އަހަރު ވަހީދު އެމެރިކާގެ ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅުގައި އެޕްސްޓީންއާ ސީދާ ބައްދަލުކުރެއްވި ކަންވެސް އީމެއިލްތަކުން ހާމަވެއެވެ.

އޭގެ ފަހުން އެ މަނިކުފާނު އެޕްސްޓީންގެ އިރުޝާދު ހޯއްދެވި ފުރަތަމަ ކަމަކީ ރާއްޖޭގެ އިގުތިސާދަށް ބޮޑު ލޮޅުމެއް އަރާފާނެ ގޮތަކަށް، އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ހުށަހެޅުއްވި ހަތަރު ބިލިއަން ޑޮލަރު އެކުލެވޭ ޕްރޮޕޯސަލެއްގެ ކަންތަކެވެ.

2013 ވަނަ އަހަރު ޖެނުއަރީ މަހު އެޕްސްޓީންއަށް ފޮނުއްވި މެއިލްގައި ވަހީދު އިރުޝާދު ހޯއްދެވީ އެ މަނިކުފާނުގެ ފިނޭންސް މިނިސްޓަރު، ޝައްކު އުފެދޭ ގޮތަކަށް ހުށަހެޅުއްވި ހަތަރު ބިލިއަން ޑޮލަރުގެ މާލީ ޕްރޮޕޯސަލަކާ މެދު އަމަލުު ކުރައްވަންވީ ގޮތަކާ ބެހޭ ގޮތުންނެވެ. ރާއްޖޭގެ ކްރެޑިޓް ރޭޓިން ވެސް ނެތިފައި ދަރަނި އެހާ ބޮޑުކޮށް އޮއްވައި އެހާ ގިނަ ފައިސާ ޖަމާކުރަން އެއްވެސް މީހަކު ބޭނުންވާންވީ ކީއްވެތޯ ވެސް އެ މެއިލްގައި ވަހީދު އެޕްސްޓީންއާ ސުވާލުކުރައްވާފައި އޮތެވެ.

އޭގެ ޖަވާބުގައި އެޕްސްޓީން ވަނީ އެއީ ސްކޭމް މުއާމަލާތެއް ކަމަށާއި، އޭގައި ކުރިއަށް ދާ ނަމަ ސްކޭމަރުން ދެން ކަންތައް ކުރާނެ ގޮތް ވެސް ކިޔައިދީފައެވެ.

"އެއީ ސްކޭމެއް. އެމީހުން ތިޔަ ބޭފުޅުން ގާތު ދެން ބުނާނެ ވާހަކަ އަކީ އެ މީހުން ބޭނުންވަނީ ހަމަ އެކަނި އެކައުންޓަކާއި ވެހިކަލެއް [އިންވެސްޓްކުރާނެ ވަސީލަތެއް] ހަމަޖައްސަން ކަމަށް. އެއީ އެކަން ކުރުމުގައި ރިސްކެއް ނެތް ކަމެއް ކަމަށް،" ވަހީދަށް އިރުޝާދު ދެމުން އެޕްސްޓީން ބުނެފައި ވެއެވެ.

މި ފައިސާ ގެނައުމަށް ބޭނުންކުރާނެ ވަސީލަތެއްގެ ގޮތުގައި، އެ މެއިލްތަކުގައި ބުނެފައިވަނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކޮންސްޓްރަކްޝަން ކުންފުންޏެއް އުފެއްދުމެވެ. އެ މައްސަލައިގައި ފިނޭންސް މިނިސްޓަރުގެ ކަންތައް ހަމަަޖައްސަން އެޕްސްޓީން ދިން އިރުޝާދުގައި ބުނީ އެ ޕްރޮޕޯސަލްއާ ބެހޭ ތަފްސީލު ދޭން ފިނޭންސް މިނިސްޓަރަށް އެންގެވުމަށެވެ.

"ޝުކުރިއްޔާ. ތިޔައީ އަހަރެން ސަލާމަތްކުރާ މީހާ، ހަމަ ސީދާ ތިޔަ ބުނި ގޮތަށް ކަންތައް ކުރާނަން،" އެޕްސްޓީންގެ އިރުޝާދަށް ޖަވާބު ދެއްވަން ފޮނުއްވި މެއިލްގައި ވަހީދު ވިދާޅުވައި އޮތެވެ.

މީގެ އިތުރުން 2013 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕެއިނަށް އެހީތެރިކަން ދޭނެ މޮޅު މީހުން ހޯދައިދޭން ވެސް އެޕްސްޓީން އެހީތެރިވިކަން އީމެއިލްތަކުން އެނގެއެވެ. އެގޮތުން ވަހީދުގެ ކެމްޕެއިން ޓީމު އިންތިޒާމުކުރުވަން ސްވިޑެންގެ ޑިޕްލޮމޭޓަކު ގެންނަން އެޕްސްޓީން ހުށަހެޅި އެވެ. އަދި ހުށަހެޅި މާހިރަކީ އޭނާގެ އެކުވެރިއެއް ކަން ވެސް އެޕްސްޓީންގެ މެއިލް އިން އެނގެއެވެ.

އެމެރިކާ އާއި އެކި ގައުމުތަކުގެ ސިޔާސީ ބާރުވެރި ފަރާތްތަކާއި ސެލެބްރިޓީންނާ ގާތް ގުޅުމެއް އޮތް މުއްސަނދި ފައިނޭންސަރު އެޕްސްޓީން އެންމެ ފުރަތަމަ ހައްޔަރު ކުރީ 2005 ވަނަ އަހަރުއެވެ. އޭނާ ހައްޔަރުކުރީ އެތައް ސަތޭކަ ކުދިންނަކަށް ޖިންސީ އަނިޔާތައް ދީ ބްލެކްމެއިލް ކުރުމުގެ އަމަލުތައް ހިންގަމުންދިޔަކަމުގެ ތުހުމަތުގައެވެ.

އެފަހުން ދޫކޮށްލާފައި ހުރުމަށް ފަހު އަނެއްކާވެސް 2019 ވަނަ އަހަރު ހައްޔަރުކުރުމަށްފަހު މައްޗަށް އުފުލި ދައުވާތަކަށް އިއުތިރާފުވުމުން ވަނީ ޖަލަށްލާފައެވެ. އަދި ޖަލަށްލިތާ މަހެއްހާ ދުވަސް ފަހުން އެ އަހަރުގެ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު އޭނާ ޖަލުގައި މަރުވެފައި އޮތްވާ ވަނީ ފެނިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް