ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޭ ލަފައަށް ސަރުކާރުން އަމަލުނުކުރާތީ، މި ސަރުކާރުގެ ފަސްއަހަރު ނިމޭއިރު ދަރަނި 200 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ ކޮންމެ އަހަރަކުވެސް ދައުލަތަށް ލިބޭ އާމްދަނީއާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެއް ރިކަރަންޓް ހަރަދުގެ ގޮތުގައި ކުރެވޭއިރު، މިއީ ގޯސް މިސްރާބެއް ކަމަށެވެ. ނާޒިލް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި 39.6 ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދުގެ ގޮތުގައި ހަރަދުކުރާއިރު ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބޭ އާމްދަނީއާއެކު ލިބެނީ 40.2 ބިލިއަން ރުފިޔާ ކަމަށެވެ. މީގެ ސަބަބުން އިތުރުވަނީ އެންމެ 370 މިލިއަން ރުފިޔާ ކަމަށާއި، ނަމަވެސް މީގެ އިތުރަށް 64 ބިލިއަން ރުފިޔާ ހޯދަންޖެހޭ ކަމަށް ނާޒިލް ވިދާޅުވިއެވެ.

މި ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް އަލިއަޅުވާލައްވައި ނާޒިލް ވިދާޅުވީ، ކޮންމެ އަހަރަކުވެސް މި ގޮތަށް ފައިސާ ހޯދަން ނުޖެހޭނެ ގޮތަކަށް ބަޖެޓް ބައްޓަންކޮށް ސަރުކާރު ހިންގުން ހަރުދަނާ ކުރުމަށް ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭއިން އަބަދުވެސް ސަރުކާރަށް ލަފާދެމުން އަންނަ ކަމަށެވެ. ނަމަވެސް ސަރުކާރުން އެ ލަފައަށް އަމަލުނުކުރުމުގެ ނަތީޖާއަކީ، ދިވެހި ރައްޔިތުންގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅުން ކަމަށް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް އިތުރަށް ވިދާޅުވީ މިދާ މިސްރާބުން ބަޖެޓްތައް ދާނަމަ، މި ސަރުކާރުގެ ފަސްއަހަރު ނިމޭއިރު 200 ބިލިއަން ރުފިޔާގެ ދަރަނި ރައްޔިތުންގެ ބޮލުގައި އޮންނާނެ ކަމީ ޔަގީން ކަމެއް ކަމަށެވެ. ރައްޔިތުންގެ ފައިސާ ސަރުކާރު ހިންގަން ތިބޭ ބޭފުޅުންނާއި ހަވާލުކުރަނީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކަަމަށާއި ނަމަވެސް، ރައްޔިތުންނަށް ލުއިފަސޭހައެއް ނުލިބި ރައްޔިތުންގެ ފައިސާ ހުސްވެގެން ދާތީ ރައްޔިތުން ކަންބޮޑުވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.

އަދި ހަރަދުކޮށްގެން އާމްދަނީ އިތުރުކުރެވޭނެ އެއްވެސް ކަމެއް ބަޖެޓް ތެރެއިން ފެންނަން ނެތުމަކީ މި ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ. ފިނޭންސް މިނިސްޓްރީއަށާއި އެމްއެމްއޭއަށްވެސް، އަދި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީއާ ހިސާބަށްވެސް އާމްދަނީ އިތުރުކުރެވޭނެ ގޮތަކާ ބެހޭ ގޮތުން ސަރުކާރު ފަރާތުން އެއްވެސް ލަފައެއް އަދި ދީފައިނުވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.

މިހާރުގެ މިސްރާބުން ގޮސްފިނަމަ، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓަކީވެސް ބޮޑުތަނުން ދަރަނި ވެގެންދާނެ ބަޖެޓެއް ކަމަށް ނާޒިލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް