ޕެންޝަން އޮފީހުގެ ގަވާއިދުތަކާ ޚިލާފަށް މެނޭޖުމަންޓުން އަމަލުކޮށްފައެއް ނުވާނެ ކަމަށް އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒް ވިދާޅުވެއްޖެއެވެ.

މަރުކަޒީ ބޭންކް (އެމް.އެމް.އޭ) އާއި ޕެންޝަން ފަންޑާ ދެމެދު އެއްބަސްވެފައިވާ މުއާމަލާތެއްގެ ދަށުން، އެމް.އެމް.އޭއިން ޕެންޝަން ފަންޑުގައި 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށްފަހު، ޕެންޝަން އޮފީހުން އެ ފައިސާ ސަރުކާރުގެ ބޮންޑަކަށް ބަދަލުކުރުމަށް ދާދިފަހުން ވަނީ ނިންމާފައެެވެ. ނަމަވެސް، މިކަމަކީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކާއި ގިނަ އަދަދެެއްގެ އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

މި ނިންމުމާ ގުޅިގެން، ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރައްވާ މެންބަރު ސަރުވަޝް އާދަމް މިދިޔަ މަހުގެ 22 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައިވެއެވެ. އަދި އޭގެފަހުން ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީ.އެފް.އޯ) ހައްވާ ފަޖުވާ ވެސް، އިސްތިއުފާ ދެއްވި ސަބަބެއް ހާމަނުކުރައްވައި މި މަހުގެ 9 ވަނަ ދުވަހު މަޤާމުން ވަނީ އިސްތިއުފާ ދެއްވާފައެވެ.

ޕެންޝަން ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕެންޝަން އޮފީހާ ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތަކާއި އުސޫލުތަކާ ޚިލާފަށް އެ ބޯޑާއި މެނޭޖުމަންޓުން އަމަލުކޮށްފައި ނުވާނެ ކަމުގެ ޔަގީންކަންދެއްވާ ކަމަށެވެ. ޕެންޝަން ފަންޑުގެ ރައްކާތެރިކަން ދެމެހެއްޓުމަކީ އެ ބޯޑުގެ ޗެއާޕާސަންގެ ހައިސިއްޔަތުން އެންމެ އިސް ވާޖިބު ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް އިނާޒް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރީގެ ފިނޭންސް މިނިސްޓަރު ކަން ވެސް ކުރެއްވި އިނާޒް ވިދާޅުވީ ކޮންމެ ސަރުކާރެއްގައި ވެސް މާލީ ސިޔާސަތުގެ ސަބަބުން ޕެންޝަން ފަންޑުގެ ދެމެހެއްޓެނިވި ކަމަށް އަތުވެދާނެ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް މަޝްވަަރާ ކުރާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް