އަންނަ އަހަރުން ފެށިގެން ނަފްސާނީ ބައްޔަށް ކުރާ ހުރިހާ ހަރަދެއް އާސަންދައިން ދޭން ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ޝޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނަފްސާނީ ބަލިތަކަށް ކުރާ ހުރިހާ ޚަރަދެއް އާސަންދަ ހެލްތު ސްކީމުގެ ދަށުން ކަވަރުކުރާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ނަފްސާނީ ބަލިތަކަށް ކުރާ ހަރަދު އާސަންދައިން ފުރިހަމައަށް ކަވަރު ނުކުރެވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

"މީކުރިން އެއްކޮށް [އާސަންދައިން] ނުދެވޭ. މިއަދާ ހަމައަށްވެސް ނަފްސާނީ ބައްޔަށް ކުރާ ހަރަދު އާސަންދައިން އެއްކޮށް ކަވަރެއް ނުވޭ. އަޅުގަނޑުމެން އެންމެން ހައިރާން ވެފަ މިތިބީ އެކަމުގަ. މީ ހަގީގަތޭ އެކަމުގަ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ އާއިލާތަކަށް ބޮޑެތި މާލީ ބުރަތައް އުފުލަން ޖެހިފައިވާ ކަމަށާއި، މިހެން ކަންތައް ވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން މި ހުރިހާ މައްސަލަތަކަށް ނިމުމެއް ގެނައުމުގެ ގޮތުން، އަންނަ ޖެނުއަރީ 1 ގެ ފަހުން ނަފްސާނީ ބަލިތަކަށް ކުރާ ހުރިހާ ޚަރަދެއް އާސަންދައިން ކަވަރުކުރާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. މިއީ ސަރުކާރުން ސިއްޙީ ދާއިރާއަށް ދެމުންދާ ސަމާލުކަމުގެ ހެއްކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި ސަރުކާރުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިގޮތުން، ގުރައިދޫގައި ހުރި ނަފްސާނީ ބަލިމީހުންގެ މަރުކަޒަށް ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ ސަމާލުކަމެއް ދީފައި ނުވާކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ ސަރުކާރުން ވަނީ އެތަނުގެ ތަރައްޤީއަށް 100 މިލިއަން ރުފިޔާގެ މަޝްރޫއެއް ފުރަތަމަ ފަހަރަށް ރާއްޖޭގެ ތާރީޚުގައި ފަށާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއަށް އެމަނިކުފާނުގެ ސަރުކާރުން ދެއްވާ ސަމާލުކަމާއި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ލިސްޓްކުރަން ޖެހިއްޖެނަމަ، ދެ ގަޑި އިރު ވާހަކަ ދެއްކޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް