ޕޭހަމަނައިޒޭޝަންގެ ދަށުން މި މަހު މުސާރަތަކަށް ގެނައި ބަދަލާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ޕޭ ކޮމިޝަނުން މިހާރު ހައްލު ހޯދައިދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ސިވިލް ސާވިސް އާއި ކައުންސިލްތަކުގެ މުވައްޒަފުންނާއި ޖުޑިޝަރީ ހިމެނޭހެން އެ ދާއިރާތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިމަހުން ފެށިގެން މިހާރު ވަނީ ބޮޑުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މުސާރަ ހަމަޖެއްސުމުގެ ސަބަބުން ކުރިމަތިވި ކަންބޮޑުވުންތައް ޕޭ ކޮމިޝަނުން ހައްލުކޮށްފައިވާ ކަމަށާއި، މިމަހު ސިވިލް ސަރވިސްގެ ގިނަ މުވައްޒަފުންނާއި ޖުޑިޝަރީގެ ފަރާތްތަކަށް ބޮޑު މުސާރަ ލިބޭނެ ކަމަށެވެ. ރައީސް ވިދާޅުވީ، މުސާރަ ޕޭހަމަނައިޒޭޝަން ކުރިއިރު ވަރަށް ގިނަ ފަރާތްތަކަށް ކަންބޮޑުވުންތައް ހުރި ކަމަށާއި، އެންމެންނަށްވެސް އެ ކަންބޮޑުވުންތައް އެޑްރެސްކުރާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަމަށެވެ.

އެގޮތުން، ޕޭ ކޮމިޝަނުން ހުރިހާ އޮފީހަކަށް މެސެޖްކޮށް، ހުރި ވަރަށް ގިނަ ކަންބޮޑުވުންތައް ހައްލުކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެކަންކަމަށް މުވައްޒަފުން ހެކިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެންމެ އެއްކަހަލަ ކަންބޮޑުވުން ހުރި ހުރިހާ ދިމާލެއް މިހާރު ހައްލުވެފައިވާ ކަމަށާއި، ކޮމިޝަނުން ހުރިހާ ކަމެއް ބެލުމަށްފަހު ގަވާއިދުތަކާއި ސިސްޓަމް ތެރެއިން ގެންނަންޖެހޭ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. މިހާރު އެތައް ހާސް މުވައްޒަފުންނެއްގެ ކަންބޮޑުވުން ހައްލުވެފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިފަހަރު މުސާރަ ލިބޭއިރުގަ، މައިގަނޑު ކަންބޮޑުވުން ހައްލުވާނެ، ޖުމްލަކޮށް ދެން އުޅެދާނެ ކޮންމެވެސް ވަރަކަށް. އެހެންނަމަވެސް ގަވާއިދުގަ އޮންނާނެ އެފަރާތްތަކަށްވެސް އެޑްރެސްކުރާނެ ގޮތް ބުނެފަ،" ރައީސް ވިދާޅުވިއެވެ.

ބާކީ ތިބި ފަރާތްތަކުގެ މުސާރަވެސް ވައުދުވެވަޑައިގެންނެވި ގޮތަށް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ސަބަބުން ވަރަށް ބޮޑު އާމްދަނީއެއް އިތުރުވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން މީގެކުރިން އެންމެ ކުޑަ އަސާސީ މުސާރައަކީ 3100 ރުފިޔާ ކަމުގައިވިއަސް، މިބަދަލުގެ ސަބަބުން އެންމެ ކުޑަ އަސާސީ މުސާރަ ދެގުނައަށްވުރެ ބޮޑުވެ، 7530 ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް