ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ މިގައުމަށް ލިބުނު ޖަވާހިރެއް ކަމަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިރޭ ވިދާޅުވެއްޖެއެވެ.

ފަލާޙު މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ޕީއެންސީގެ ޖަގަހައިގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ. ފަލާޙު ވަނީ ރައީސް މުޢިއްޒުގެ ތަފާތު ވެރިކަމަށް ތަޢުރީފު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ރައީސް މުޢިއްޒަކީ މިގައުމަށް ލިބުނު ޖަވާހިރެެއް ކަމަށެވެ.

ފަލާޙު ވިދާޅުވި ގޮތުގައި، ރައީސް މުޢިއްޒަކީ ވަރަށް ތަފާތު ވެރިއެކެވެ. އުންމީދު ކުރި ވަރަށް ވުރެ ފުރިހަމައަށް، މިދިޔަ ދެ އަހަރު ރައީސް މުޢިއްޒު ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާފައިވާ ކަމަށް ފަލާޙު ވިދާޅުވިއެވެ. މީގެ ކުރިން ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވީ ވަރަށް އަބުއި (ގެއްލުންދެނިވި) ވެރިން ކަމަށް ވިދާޅުވެ އެފަދަ ވެރިންނާ ރައީސް މުޢިއްޒު ތަފާތުވާ ގޮތް ފަލާޙު ވަނީ ސިފަކޮށްދެއްވާފައެވެ.

އެގޮތުން ފަލާޙް ވިދާޅުވިގޮތުގައި ރައީސް މުޢިއްޒު ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި، އެ މީހުންގެ ކަންކަން އަޑުއެއްސެވުމަކީ އެމަނިކުފާނުގެ ވެރިކަމުގެ ހާއްސަ ސިފައެކެވެ. އެ ދަތުރުފުޅުތަކުގައި ވައުދުވެޑައިގަތް ކަންތައްތަކުގެ އިތުރަށް، ރައްޔިތުން އެދޭތީ އެހެނިހެން މަޝްރޫއުތައް ވެސް މިހާރު ފަށާފައިވާކަން ފަލާޙު ފާހަގަކުރެއްވިއެވެ.

"މިއީ ތަފާތަކީ. އެހެން ވެރިޔެއްނަމަ ވިދާޅުވާނީ ތީ ތިމަންނަގެ ރިޔާސީ ވަޢުދެއް ނޫނޭ. ތިމަން މަނިކުފާނު ވަޢުދެއް ނުވަމޭ ތިރަށުގައި ކޮންމެ އެހެން ފުޓުސަލް ދަނޑެއް އަޅާކަށް، މީގެ ކުރީގެ ވެރިކަން ކުރެއްވީ ވަރަށް އަބުއި ވެރިން، ކިބުރުވެރި ވެރިން. ރާއްޖެތެރޭގެ ކައުންސިލަރަކާ ބައްދަލުކުރުމަކީ ވެސް މީގެ ކުރީގެ ވެރިކަން ކުރެއްވި ބޭފުޅުންނަށް ވަރަށް ދަތިކަމެއް، ވަރަށް އުނދަގޫކަމެއް، ވަރަށް ވަގުތުނުވާ ކަމެއް،" ފަލާޙު ވިދާޅުވިއެވެ.

އެހެންނަމަވެސް، ރައީސް މުޢިއްޒު އެފަދަ ބޭފުޅުން މާލެ ގެންނަން ވެސް ބޭނުންފުޅުނުވާ ކަމަށާއި، ސީދާ އެމަނިކުފާނު ޒިޔާރަތް ކުރައްވަނީ ކައުންސިލަރުގެ އަރިހަށް، ރައްޔިތުންގެ އަރިހަށް އަދި އެންމެ ނިކަމެތި މީހާގެ އަރިހަށް ކަމަށް ފަލާޙު ފާހަގަކުރެއްވިއެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ ރައްޔިތުން އެމަނިކުފާނު ދެކެ ލޯބިވަނީ، ލޯބި އިތުރުވަނީ،" ފަލާޙު ވިދާޅުވިއެވެ.

ރޭގެ ހަފުލާގައި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޮޑު ކޭކެއް ފެޅިއެވެ. މި ހަފުލާގައި މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއުއާއި މަޖިލީހުގެ ރައީސް އަދި، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމްގެ އިތުރަށް އެ ޕާޓީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް