އޮކްޓޯބަރ 3ގެ އެމްޑީޕީގެ އެއްވުން
އޮކްޓޯބަރ 3ގެ އެމްޑީޕީގެ އެއްވުން
އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މިދިޔަ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު މާލޭގައި ބޭއްވި "ލޫޓުވައިފި، ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރަން ޕީޖީން ނިންމައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، އެގޮތަށް ނިންމީ އެއްވެއުޅުމަކީ އަސާސީ ޙައްޤެއް ކަމަށް ބުރަވެވޭތީއާއި، އެމީހުން ހިންގިކަމަށް ފުލުހުން ތުހުމަތުކުރާ ޢަމަލުތަކަށް ބާރުދޭ އެކަށީގެންވާ ހެކި ނެތުމުން ކަމަށެވެ.

އެ ދުވަހުގެ މުޒާހަރާ އިން ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެންބަރުން ކަމަށްވާ ޔާސިރު އަބްދުއްލަތީފާއި ޔައުގޫބު އަބްދުﷲ ހިމެނެއެވެ. މީގެ އިތުރުން މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހާއި އަލީ ޖުމާން، އަޒްމީ އަލީ، ހުސަން ޝާކިރާއި، މުހައްމަދު ހަލަފް އިބްރާހީމް ހިމެނެއެވެ. މި މީހުން ހައްޔަރުކުރީ މުޒާހަރާގެ ބައިވެރިން ޖިނާއީ ކުށުގެ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް އެ މީހުން 15 ދުވަހަށް ބަންދުގައި ބޭތިއްބުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލައިގައި ގާނޫނުލްއުގޫބާތުގެ ދަށުން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެ އޮފީހަށް ހުށަހެޅި ކަމަށެވެ.

ނަމަވެސް، މި މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ބެލިއިރު، ތުހުމަތުކުރެވޭ އަމަލުތައް އެ މީހުން ހިންގާފައިވަނީ އަސާސީ ޙައްޤެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ބުރަވެވޭ ކަމަށާއި، އެ މީހުންގެ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީ، އެ މީހުންގެ މައްޗަށް ދައުވާކުރުމުގެ މަސްލަހަތު އޮތް ކަމަށް އެ އޮފީހަށް ނުފެންނާތީ، މައްސަލައިގައި ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިވެއެވެ.

އެ އޮފީހުން އިތުރަށް ބުނީ، އެމްޑީޕީން 3 އޮކްޓޫބަރުގައި ބޭއްވި އެއްވުމާ ގުޅިގެން އިތުރު 10 މީހެއްގެ މައްސަލަ ފުލުހުންގެ ޚިދުމަތުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް