ސަރުކާރަށް ދެއަހަރު ފުރުމާއި ދިމާކޮށް ވެރިކަން ކުރާ ޕީއެންސީ އިން ބޭއްވި ބޮޑު ޖަލްސާއަށް ރަށްރަށުން މީހުން ގެނައުމަށް ދައުލަތުގެ ވަސީލަތްތަކާއި ބޮޑެތި އަދަދުތަކުން ފައިސާ ނާޖާއިޒު ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މިއަދު އޭސީސީއަށް ހުށަހެޅުއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަޙްމަދު ސަލީމް (މާޒް ސަލީމް) އެވެ.

މައްސަލަ ހުށަހެޅުމަށްފަހު މީޑިޔާ އަށް މައުލޫމާތު ދެއްވަމުން މާޒް ސަލީމް ވިދާޅުވީ، ޕީއެންސީގެ ޖަލްސާއަށް ރަށްރަށުން މީހުން ގެނައުމަށް 500 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށް މަޖިލީހުގެ މެމްބަރަކު ވަރަށް ސާބިތުކަމާއެކު ވިދާޅުވެފައިވާ ކަމަށެވެ. އަދި މިކަމަށް "އޯޕަން ބަޖެޓެއް" އޮތް ކަމަށްވެސް އެ މެމްބަރު ވިދާޅުވެފައިވާ ކަމަށް މާޒް ސަލީމް ފާހަގަކުރެއްވިއެވެ. މިފަދަ ކަންކަމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން ސާފުކޮށް ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މާޒް ސަލީމް ވިދާޅުވި ގޮތުގައި، މިފަދަ މައްސަލަތައް އޭސީސީއަށް ހުށަހެޅުމުން ސިޔާސީ ނުފޫޒެއް ނުވަތަ އެހެންވެސް ނާޖާއިޒު ޕްރެޝަރެއްގެ ސަބަބުން މިނިވަން މުއައްސަސާތަކުން މައްސަލަތައް ނުބަލާ ދޫކޮށްލާކަން ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް މި މައްސަލަ ބަލައި ދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވާ ފަދައިން، މިފަދަ މައްސަލަތައް ބަލައި ދިނުމަށް އޭނާ މިއަދު އޭސީސީ އަށް ވަނީ ގޮވާލައްވާފައެވެ.

"މީގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމެއް ކޮށްފައި ވެއްޖެކަމަށް ވާނަމަ ނުވަތަ މި މައްސަލަ ބައްލަވައި ކަމާބެހޭ ފަރާތަކަށް އެ މައްސަލަ ހުށަހަޅުއްވައި ދެއްވާށޭ،" މާޒް ސަލީމް ވިދާޅުވިއެވެ.

މާޒް ސަލީމް އިތުރަށް ވިދާޅުވީ މި މައްސަލައިގައި ފާހަގަ ކުރެވޭ ގިނަ ކަންތައްތަކެއް ހުރި ކަމަށާއި، އެހެންވެގެން މިއަދު މި މައްސަލަ ހުށަހެޅީ ކަމަށެވެ.

މިއަދު އޭސީސީއަށް ހުށަހެޅި މައްސަލައިގައި ޕީއެންސީގެ ޖަލްސާއަށް މީހުން ގެނައުމަށް މޯލްޑިވިއަންގެ ފްލައިޓްތަކަށް ނުވަތަ ލޯންޗް އަދި އޮޑިދޯނި ފަހަރަށް ކުލީގެ ގޮތުގައި ފައިސާ ދެއްކި ފަރާތްތަކާއި، ގިނަ އަދަދެއްގެ ރައްޔިތުން ގެނެސް އެމީހުންގެ ކޮންމެ މީހަކަށް 1000 ނުވަތަ 2000 ރުފިޔާ ޕޮކެޓްމަނީގެ ގޮތުގައި ދީފައިވާނަމަ އެ ފައިސާ ދެއްކި ފަރާތްތަކާއި، އަދި އެކޮމޮޑޭޝަނަށް ފައިސާ ދައްކާފައިވާ ނަމަ އެ ފައިސާ ދެއްކި ފަރާތްތައް ތަހުގީގުކުރުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން، އެ ފައިސާ ދެއްކި ގޮތާއި، އެ ފައިސާ ލިބުނު ގޮތް، ޕާޓީގެ އެކައުންޓަށް ޖަމާކުރެވިފައި އޮތް ފައިސާ ކަމުގައި ވިޔަސް ނުވަތަ އެ ފައިސާ ލިބުނު ގޮތްވެސް ބަލައި ތަހުގީގުކޮށް ދިނުމަށް އޭސީސީއަށް ހުށަހެޅި މައްސަލައިގައި އެދިފައިވެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާއި ދިމާކޮށް އާޓިފިޝަލް ބީޗުގައި ޕީއެންސީ ބޭއްވި ޖަލްސާ އަކީ މިފަހުގެ ތާރިޚެއްގައި އެންމެ ގިނަ މީހުން ބައިވެރިވި ޖަލްސާއެވެ. އެޖަލްސާގައި 13000 މީހުން ބައިވެރިވި ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ. 65000 އަށް ވުރެ ގިނަ މެމްބަރުން ތިބި ޕާޓީއަކުން އެންމެ 13000 މީހުން ޖަލްސާ އަށް ނެރުމުން ސަރުކާރަށް އިދިކޮޅު ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ. އެޖަލްސާ މާލެ އަށް މީހުން ގެންނަން ރަށްރަށުގައި ތިބި ސަރުކާރުގެ މުވައްޒަފުންނަށް މަޖުބޫރު ކޮށް ފައިސާ ދިން ކަމުގެ ތުހުމަތު ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް