ރައީސް މުޢިއްޒުގެ ސަރުކާރު ބަލިކުރުމަށް އެމްޑީޕީއަށް ބޭނުންކުރެވޭނެ އެންމެ މުހިންމު ވަސީލަތަކީ މާލެ ސިޓީ ކައުންސިލް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ވިދާޅުވެއްޖެއެެވެ.

އެމްޑީޕީ އިން މާލޭގެ މޭޔަރުގެ ޕްރައިމަރީގައި ވާދަކުރާ އަލީ އާޒިމްގެ ކެމްޕޭން ލޯންޗުކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ރައްޔިތުން މިއަދު އެމްޑީޕީ ބަލައިގެންފައިވަނީ އޮޕޮޒިޝަން ޕާޓީއެއްގެ ގޮތުގައި ކަމަށާއި، މިހާރު އޮޕޮޒިޝަންގައި ތިބެ ސަރުކާރު ޖަވާބުދާރީ ކުރުމަށް އޮތީ ހަނި ފުރުސަތެއް ކަމަށެވެ.

"މަޖިލިސް މެދުވެރިކޮށް ވިޔަސް، ކައުންސިލްތައް މެދުވެރިކޮށް ވިޔަސް، އެމްޑީޕީގެ ހަރަކާތްތަކުން ވިޔަސް އަޅުގަނޑުމެންނަށް މިއަދުގެ ސަރުކާރު ޖަވާބުދާރީ ކުރުމަށް މިއޮތީ ހަނި ފުރުސަތެއް،" އަމީރު ވިދާޅުވިއެވެ.

އަޫމީރު ވަނީ ރައީސް މުޢިއްޒުގެ ސަރުކާރަކީ "އަނިޔާވެރި މަކަރުހަދާ ވައްކަންކުރާ ސްކޭމް ސަރުކާރެއް" ކަމަށް ސިފަކުރައްވާފައެވެ.

މާލެ ސިޓީ ކައުންސިލްގެ މުހިންމުކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ، ރައީސް މުޢިއްޒުގެ ސަރުކާރު އެމްޑީޕީއަށް މިއަދު ބޭނުންކުރެވޭނެ އެންމެ މުހިންމު ވަސީލަތަކީ މާލެ ސިޓީ ކައުންސިލް ކަމަށާއި، އޭގެ އެންމެ މުހިންމު ބަހާއަކީ އެމްޑީޕީގެ ކައުންސިލްގެ މޭޔަރަކަށް ހުންނަވާ ބޭފުޅެއް ކަންތައްތައް ކުރައްވާ ގޮތް ކަމަށެވެ.

"މިރާއްޖޭގެ އިޤްތިޞާދީ ނާރެހަކީ މާލެ. ސިޔާސީ ގިނަ ނިންމުންތައް ނިންމަނީ މާލޭގަ. މާލެއަށް އަންނަ ކޮންމެ ބަދަލަކީ އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، މުޅި ގައުމަށް، އެމްޑީޕީއަށް ވެސް އަންނަ ބަދަލެއް،" އަމީރު ވިދާޅުވިއެވެ.

އަމީރު ވަނީ ރައީސް މުޢިއްޒު މާލެ ސިޓީ ކައުންސިލްގައި ހިންގާފައި ހުރި ކަމަށް އޭނާ ތުހުމަތުކުރައްވާ "ޖަރީމާތަކަށް" އަލިއަޅުވާލައްވާފައެވެ. އަމީރު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި، އެއްވެސް ކަމެއް ނެތި އެމްޑީޕީގެ މެންބަރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ގެންދެވޭތަން ފެނިފައިވާ ކަމަށާއި، ނަމަވެސް މުޢިއްޒު ސިޓީ ކައުންސިލްގައި ހިންގާފައިވާ ކަމަށް ބުނާ ޖަރީމާތައް ބެލޭނެ ފަރާތެއް ނެތް ކަމަށެވެ.

އަމީރު ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ އެމްޑީޕީ މެންބަރުންގެ އެންމެ ބޮޑު އުއްމީދަކީ މާލޭގެ ރައްޔިތުންނަށް އަދި ރާއްޖޭގެ އެކި ރަށްރަށުން އައިސް މާލޭގައި އުޅޭ ރައްޔިތުންނަށް ހިދުމަތްކުރުމުގެ އިތުރުން، ރައީސް މުޢިއްޒު މާލެ ސިޓީ ކައުންސިލްގައި ހުންނަވައި ކޮށްފައިވާ ކަމަށް ބުނާ ޖަރީމާތަކާއި ވައްކަންތައް ބެލުމަށް މަސައްކަތްކުރުން ކަމަށެވެ. އަމީރު ވަނީ މާލޭގެ މޭޔަރުގެ ޕްރައިމަރީގައި ވާދަކުރާ ޢަލީ ޢާޒިމްއަށް ތާއީދުކުރައްވާ ކަން ހާމަކުރައްވައި އޭނާ އަށް ތާއިދު ކުރަން ނިއްމެވި ސަބަބުތައް ހާމަ ކުރައްވާފައެވެ. އަމީރު ވިދާޅުވީ، ޢަލީ ޢާޒިމަކީ އާއިލީ މަސްލަހަތެއް ނުވަތަ ސަރުކާރުން ޕްރޮޖެކްޓެއް ނުލިބިދާނެތީ ވިސްނަންޖެހޭ ވިސްނުމެއް އޮތް ބޭފުޅެއް ކަމަކަށް ނުފެންނަ ކަމަށެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ މިއަދު އެންމެ މުހިންމު ކަމަކަށް އޮތީ ރާއްޖެއަށް ރަނގަޅު ގޮތެއް ހޯދުމަށް މަސައްކަތްކުރުން ކަމަށެވެ. އަދި އެއީ އެމްޑީޕީއަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ހޯދުމަށް މަސައްކަތްކުރުން ކަމަށެވެ. މި މަސައްކަތް ކުރެވޭނީ އެންމެން ގުޅިގެން، އެމްޑީޕީ ތެރެއަށް ވަދެ، އެމްޑީޕީގެ ކޮންޓްރޯލް ނަގަން މަސައްކަތްކުރާ އެމްޑީޕީގެ ފިކުރާ ދެކޮޅު ފަރާތްތަކަށް ޖާގަ ނުދީ، ފާރަވެރިވެގެން ކަމަށް އަމީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް