ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފަނޑިޔާރުންގެ މައްސަލަ ބަލަނީ، ވަކި ފަނޑިޔާރެއް، ވަކި ކޯޓަކަށް ނިސްބަތްވީތީ، ތަފާތުކޮށްގެން ނޫން ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރުންނާ ދެކޮޅަށް ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުމުގައި އެއްވެސް ކޯޓަކަށް ނިސްބަތްވާ ފަނޑިޔާރަކަށް ތަފާތު ކުރުމެއް ނެތި، ހަމަހަމަކަމާއެކު ޢަމަލުކުރާ ކަމަށެވެ.

ޖޭއެސްސީން ބުނީ އެ ކޮމިޝަނަށް ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުމުގައި، ވަކި ކޯޓެއްގެ ފަނޑިޔާރަކަށްވީތީ ވަކި ގޮތަކަށް ޢަމަލުނުކުރާ ކަމަށެވެ. ކޮންމެ ކޯޓެއްގެ ފަނޑިޔާރަކަށްވީ ނަމަވެސް، ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން މަޢުލޫމާތު ސާފުކޮށް، ބަލަންޖެހޭ އެންމެހައި ކަންކަން އެންމެ ފުރިހަމައަށް ބެލުމަށްފަހުގައި ނޫނީ އެއްވެސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަށް ކޮމިޝަނުން ނިންމާފައި ނުވާނެ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ. މިކަން ކޮމިޝަންގެ ތަފާސް ހިސާބުތަކުން ކަށަވަރުކޮށްދޭ ކަމަށް ޖޭއެސްސީ އިން ބުނެއެވެ.

އެގޮތުން، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 176 ޝަކުވާ ކޮމިޝަނަށް ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން ތަޙްޤީޤު ކުރަން ނިންމާފައިވަނީ 57 ޝަކުވާ ކަމަށް އެކޮމިޝަނުން ބުންޏެވެ.އަދި ސުލޫކީ މައްސަލަ ބެލުމަށްފަހު، ސާބިތުވެ، ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ހަ ފަނޑިޔާރުންނަށް ކަމަށާއި މިއީ ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 3.4 އިންސައްތަ ކަމަށް އެކޮމިޝަނުން ފާހަގަކުރެއެވެ. މި އަދަދަކީ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގެ ނިސްބަތުން ބަލާއިރު ވަރަށް މަދު އަދަދެއް ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ ކޮމިޝަނުން ސަމާލުކަންދެނީ ވަކި ފަނޑިޔާރަކަށް، ވަކި ކޯޓަކަށް ނިސްބަތްވުމުން ތަހުގީގުކުރަން ނޫން ކަމަށާއި، ހުށަހެޅިފައިވާ ޝަކުވާއާއި އެ ޝަކުވާއަކާ ގުޅިގެން ހުށަހަޅާ ހެކީގެ މައްޗަށް ކަމަށެވެ. އެހެންކަމުން ވަކި ކޯޓެއްގެ ފަނޑިޔާރުންގެ މައްސަލަތައް ކޮމިޝަނުން ވަކިން ޚާއްސަ ސަމާލުކަމެއް ދީގެން ތަޙްޤީޤުކުރާކަމަށް ދޭހަވާ ގޮތަށް އާންމުގެ މެދުގައި މަޢުލޫމާތު ފެތުރުމަކީ އެންމެ ޒިންމާދާރު ގޮތްކަމަށް އެ ކޮމިޝަނުން ނުދެކޭ ކަމަށް ވަނީ ބުނެފައެވެ.

"ދިވެހިރާއްޖޭގެ ފަނޑިޔާރުގެއަކީ ރައްޔިތުން އިތުބާރުކުރާ، ޢަދުލުއިންޞާފު އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭ ތަނަކަށް ހެދުމަކީ މި ކޮމިޝަންގެ ޒިންމާ އާއި މަސްއޫލިއްޔަތުކަމަށް ވާއިރު، ޢަދުލުވެރިކަމާއެކު ޝަރީޢަތް ހިންގާ، އަވަސްކަމާއެކު އިންސާފު ފޯރުކޮށްދޭ ފަރާތްތަކަކަށް ޝަރުޢީ ކޯޓުތަކުގައި މަސައްކަތްކުރައްވާ އެންމެހައި ފަނޑިޔާރުން ވާންޖެހެއެވެ،" ޖޭއެސްސީން ބުންޏެވެ.

އޭގެއިތުރަށް ޖޭއެސްސީން ބުނީ ފަނޑިޔާރުންނަކީ އަދުލުވެރި ބަޔަކަށް ހެދުމަށް ފަނޑިޔާރުންނާމެދު ހުށަހެޅޭ ޝަކުވާތައް ބަލައި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބަލައި، ތަމްރީން ދީ، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެ ކަމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، ފަނޑިޔާރުންގެ މަސައްކަތާ ގުޅޭ އިދާރީ އިންތިޒާމްތަކާއި ކަންކަން ހަމަޖެހިފައިވޭތޯ ކޮމިޝަނުން ދުވަހުން ދުވަހަށް ކަށަވަރުކުރަމުންދާ ކަމަށް ވެސް ޖޭއެސްސީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ޖޭ.އެސް.ސީ މިފަދަ ބަޔާނެއް ނެރެފައިމިވަނީ ހައިކޯޓުގެ 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ތަހުގީގުކުރަން ފެށުމާ ގުޅިގެން، އެކަމަށް ފާޑުކިޔުންތަށް އަމާޒުވެފައިވާ ދަނޑިވަަޅެއްގައެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާއި، އިދިކޮޅު މައި ޕާޓީ އެމް.ޑީ.ޕީ. އިން ވަނީ، މިއީ ކޯޓުތަކުގެ މިނިވަންކަން ނަގާލުމަށް ރޭވިގެން ހިންގާ ކަމެއް ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް