ތޫނު އެއްޗަކުން ހަމަލާދީ މަރާލި އަސީލް އަހުމަދު
ތޫނު އެއްޗަކުން ހަމަލާދީ މަރާލި އަސީލް އަހުމަދު
މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ އަސީލް އަހުމަދު މަރާލި މައްސަލައިގައި ދައުވާ ލިބުނު ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އަލުން ބެލުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހު އިސްކަންދަރު ސްކޫލް ކުރިމަތިން އޮންނަ ގޯޅި ތެރޭގައެވެ.

އަސީލަށް ގްރޫޕަކުން ހަމަލާދީ މަރާލި މި މައްސަލައިގައި، ދައުލަތުން ކްރިމިނަލް ކޯޓުގައި ޓެރަރިޒަމްގެ ދައުވާކޮށްފައިވަނީ ގދ. ތިނަދޫ، ސްވީޓްޑްރީމް، އަހުމަދު ނިމްޝާދާއި؛ ހުޅުމާލޭ 10118، އަހުމަދު ޝިރުހާން ޖައުފަރާއި؛ ދަފްތަރު ނަންބަރު 6566، އިސްމާއިލް ރިފާއު އާއި؛ ގދ. ވާދޫ، އާބަހާރުގޭ، އިހްސާން ރަޝީދުގެ އިތުރުން މ. ގޯލްޑްބާޑްލިލީ، ހަސަން އިސާމް މުހައްމަދު އަދި މއ. ރާޅުއެރިގޭ، ޝާރިފް ޝަރީފްގެ މައްޗަށެވެ.

މި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ، ދަށު ކޯޓުގެ ހުކުމުގައި އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހެކި ލިބިފައިނުވާ ކަމަށް ބުނެފައި އޮތަސް، އެގޮތަށް ނިންމި ސަބަބެއް ފާހަގަކޮށްފައިނުވާ ކަމަށެވެ. އަދި ހެކިތަކުން ދެނެގަނެވޭ ކަންކަން ދަށު ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިނުވާ ކަމަށްވެސް އެ ހުކުމުގައިވެއެެވެ.

ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އެ މައްސަލަ ދަށު ކޯޓުން ނިންމުމުގައި ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ. އެހެންކަމުން، މި މަރުހަލާގައި ހައި ކޯޓުން ހެކިތަކަށް ރިއާޔަތްކޮށް، ވަޒަން ނުކުރެވޭނެ ކަމަށާއި އަދި އެ މައްސަލާގައި ހެކިތައް އަލުން ވަޒަންކުރުމަށްފަހު ގޮތެއް ނިންމުމަށްޓަކައި އެ މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވަންޖެހޭ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި ކަނޑައެޅިއެެވެ.

އެކަންކަން ފާހަގަކޮށް، ހުކުމުގައިވަނީ އެ މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަހުވީލުކުރީ ކަމަށެވެ.

މި މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަނީޒެވެ.

އަސީލުގެ މަރުގެ މައްސަލާގައި ޖުވެނައިލް ކޯޓުގައި ދައުވާ ކުރި ކުޑަ ދެ ކުއްޖަކު ޖަލަށްލުމަށް 2016 ވަނަ އަހަރު އެ ކޯޓުން ހުކުމްކުރިއިރު އޭގެ ތެރެއިން އެއް ކުއްޖެއްގެ ޖަލު ހުކުމަށް 2020 ވަނަ އަހަރު ހައި ކޯޓުން ވަނީ ތާއިދުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް