ބޭރުގެ ގައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ރާއްޖެއަށް އެހީ ނުލިބި، ސަރުކާރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ހެދި، ގާނޫނުތަކަށް ބަދަލު ގެންނަން މަޖުބޫރުވެފައިވާ ކަމަށް އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހްމަދު ނަސީމް ރޭ ވިދާޅުވެއްޖެއެވެ.

މީކާއިލް މިހެން ވިދާޅުވީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބަދަލު ކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅުމާއި ގުޅިގެންނެވެ. ވެރިކަންކުރާ ޕީއެންސީގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށައަޅުއްވާފައިވަނީ ނިސްބަތްވާ ސިޔާސީ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީގައި މިހާރު އޮތް ނަމަވެސް، އެ ފަދަ ހާލަތުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނީ އެ މެންބަރު ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަނުފެންނަ ވޯޓެއް ނަގައި، އެ ފަދައިން އަޣުލަބިއްޔަތު ލިބުމުން ކަމަށް ކަނޑައެޅުމަށެވެ.

އެކަމަށް އިޝާރަތް ކުރައްވައި ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވީ، ރައްޔިތުން އިންތިހާބުކުރާ ބަޔަކު ވަކިކުރުމުގެ ބާރުވެސް އޮންނަން ވާނީ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި އެއީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މަތީ ފަޑީގައި ތިއްބަވާ ތިން ބޭފުޅަކަށް އެކި އެއްޗަކަށް ނިންމަވާލެއްވޭނެ ނިންމުމެއް ނޫން ކަމަށް މީގެ ކުރިން އިދިކޮޅުގައި ތިއްބެވި މެމްބަރު ފާހަަގަކުރެއްވި ކަމަށެވެ. އެހެން ނަމަވެސް ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން ވިދާޅުވަމުން ގެންދެވީ ސިޔާސީ ޕާޓީތަކަށް އެ ބާރު އޮންނަން ވާނެކަމުގައި ކަމަށް މީކާއިލް ވިދާޅުވިއެެވެ.

ނަމަވެސް މިއަދު ރައީސް މުއިއްޒުގެ ޕާޓީގެ ބާރަށު ދާއިރާގެ މެންބަރު ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ކުރިން އެބޭފުޅުން ވިދާޅުވިގޮތަށް ކަމަށް މީކާއިލް ވިދާޅުވިއެވެ. މިކަމުގެ އަސްލު ސަބަބަކީ ބޭރުގެ ގައުމުތަކުންނާއި ބައިނަލްއަގުވާމީ މުޖުތަމަޢުގެ ޖަމްއިއްޔާތަކުން ރާއްޖެއަށް އެހީ ނުލިބުން ކަމަށް މީކާއިލް ވިދާޅުވިއެވެ.

"ޑިމޮކްރަސީގައި މިހާ ބޮޑަށް ފަހަތަށް ގައުމެއްގެ ސިފައިގައި އަޅުގަނޑުމެން ފިޔަވަޅު އަޅައިގެން އުޅޭއިރު އެހީ ނުލިބޭތީ މިހާރު މި މަޖުބޫރު ވަނީ ކުރިން އަޅުގަނޑުމެން ދެއްކި ވާހަކަ މިއަދު އަޑުއަހަން. އެއަށް އަމަލުކުރަން،" މީކާއިލް ވިދާޅުވިއެވެ.

މީކާއިލް އިތުރަށް ވިދާޅުވީ މި ސަރުކާރު ފެންނަނީ ވަރަށް ބޮޑު ފެއިލިއާއެއްގެ ގޮތުގައި ކަމަށެވެ. މީކާއިލް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ދޭ މުހުލަތުތަކަކީ އެއްވެސް އިތުބާރެއް ނެތް އެއްޗެއްގެ ގޮތުގައި ރައްޔިތުން މިއަދު ގަބޫލުކުރާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ބޭސް ގެނައުމުގެ ކަންތައްތަކާއި އާސަންދަ އިން ހިލޭ އައިނު ދިނުމުގެ ކަންތައްވެސް ހުރީ ހަމަ މިގޮތަށް ކަމަށް މީކާއީލް ވިދާޅުވިއެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަންނަ އަހަރު ޖެންޑަރ ކޮމިޓީއަކާއި ޔޫތް އެޑްވައިޒަރީ ކޮމިޓީއެއް އުފައްދަވާނެ ކަމަށް ވިދާޅުވުމާ ގުޅިގެންވެސް މީކާއިލް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"ކޮބާތޯ މި އޮތް ހުރިހާ ދުވަހު ކުރެއްވި ކޮންކަމެއްތޯ؟ މި ފާއިތުވެދިޔަ ދެ އަހަރު ކޮމިޓީތައް އުފައްދަވާ އަދިވެސް ނުނިމެނީތޯ؟ މި ކޮމިޓީ ސަރުކާރެއް ނޫންތޯ؟ ކޮންމެ ކަމަކަށް ކޮމިޓީއެއް." މީކާއިލް ވިދާޅުވިއެވެ.

މީކާއިލް އިތުރަށް ވިދާޅުވީ، ރައީސް ކޮމިޓީއަކަށް ލައްވާ ބޭފުޅަކު ވިއްޔާ އުޅެނީ ކޮންމެވެސް ތަނަކުން ކުއްޖަކު ވައްޓާލައިގެން ނޫނީ އެފަދަ އެހެން ކަމެއްގައި ބެދިފައި ކަމަށެވެ. އެގޮތުން ރައީސް މުއިއްޒުގެ ޔޫތް އެޑްވައިޒަރީ ބޯޑުގެ ގިނަ މީހުންނަށް މިހާރު ދަޢުވާ އުފުލާ ހިސާބުގައި އޮތީ ފުރާޅު މަތިން ކުއްޖަކު ވައްޓާލި މައްސަލައާ ގުޅިގެން ކަމަށްވެސް މީކާއިލް ފާހަަގަކުރެއްވިއެެވެ.

"އެހެންވީމާ އެ ހާލަތުގައި އޮތް ގައުމެއްގެ ވާހަކަ މި ދައްކަނީ އެހާލަތުގައި އޮތް ސަރުކާރެއްގެ ވާހަކަ މި ދައްކަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒަކަށް ރައްޔިތުންގެ އިތުބާރެއް މިއަދަކު ނެތް،" މީކާއިލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް